ދައުލަތަށް ލިބެންޖެހޭ ފައިސާ މި ލިބެނީ "ބްރަދަރ އަބްދުﷲ" އަށް، ދެން މުއައްސަސާތަކަށް ދޭ ފައިސާ ނަގާނީ ކޮންތާކުންތޯ؟": ނާޒިލް
16 ނޮވެމްބަރު 2026 | ހޯމަ 07:56ބަޖެޓު ކޮމިޓީގައި އެޗްއާރްސީއެމުން ފާހަގަކުރި ދަތިތަކާ ގުޅިގެން، އެ ކޮމިޝަނުން އެދިފައިވާ އެންމެ މަދު މިންވަރަށް ފައިސާ ހަމަޖައްސައިދިނުމަށް މެންބަރު އިބްރާހިމް ނާޒިލް ހުށަހަޅުއްވައިފި. ދައުލަތުގެ ބަޖެޓަށް ފައިސާ ނުލިބޭކަމަށް ވިދާޅުވެ، މުއައްސަސާތަކުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ބަޖެޓު ފަހުން ދޭނެ ކަމަށް ބުނެ ނުބޭއްވުމަށް އޭނާ ގޮވާލެއްވި


2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީ އިން އެޗްއާރްސީއެމްއާ ބައްދަލުކުރުން | ރައްޔިތުންގެ މަޖިލިސް
މިއަދު ދިވެހި ދައުލަތަށް އެއްވެސް ފައިސާ އެއް ނުލިބޭއިރު ހުރިހާ ފައިސާ އެއް ލިބެނީ "ބްރަދަރ އަބްދުﷲ" އަށް ކަމަށާއި ދެން މުއައްސަސާތަކަށް ބޭނުންވާ ފައިސާ ނަގާނީ ކޮންތާކުންތޯ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ސުވާލު އުފައްދަވައިފި އެވެ.
ހޯމަ ދުވަހު މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ބަޖެޓުގައި މިހާރު ހުރި ދަތިތަށް ފާހަގަކޮށް، ބައެއް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފައިސާ ނުލިބޭތީ އެކަން ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ފައިސާ މަދުވާނަމަ އެ ފައިސާ ދޭނެ ކަމަށް ވިދާޅުވެފަ އެވެ. މުގައްރިރުގެ އެ ޖަވާބަށް ރައްދު ދެއްވާ ނާޒިލް ވަނީ ޕްރޮގްރާމެއް ރޭވޭނީ ވެސް އެންމެ ފުރަތަމަ ފައިސާ ލިބިގެން ކަމަށް ވިދާޅުވެފަ އެވެ. އަދި ފަހުން ފައިސާ ލިބޭނެ ކަމަށް ބަލައި އެއްވެސް ބަޔަކު ޕްރޮގްރާމްތަކެއް ޕްލޭން ނުކުރާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.
އަބަދުވެސް ބަޖެޓް ކޮމިޓީގައި މުއައްސަސާތަކުން ދައްކާ އެއް ވާހަކައަކީ ރޭވިފައި ހުންނަ ޕްރޮގްރާމްތައް ނުހިންގޭ ވާހަކަ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. އެހެން ނަމަވެސް މުގައްރިރު ފައިސާ ލިބޭނެ ކަމަށް ވިދާޅުވާތީ ސުވާލު އުފެދޭ ކަމަށާއި ޕްރޮގްރާމް ރާވާނީ ފައިސާދީ، ބަޖެޓް ދިނުމުން ކަމަށް ވެސް ނާޒިލް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެހެން ކަމުން ނާޒިލް ވަނީ އެޗްއާރްސީއެމް އިން އެދިފައިވާ އެންމެ މަދު މިންވަރު ދިނުމަށް ހުށަހަޅުއްވާފަ އެވެ.
މުގައްރިރު ތި ފާހަގަކުރެއްވީ ހުރިތަނަކުން ނަގާފައި ދޭނެ ވާހަކަ. އެގޮތަށް ދޭން ހުރި އެއްޗެއް ވެއްޖެޔާ އަޅުގަނޑަށް ހީވަނީ މިފަހަރު ވެސް މިއޮތީ ބަޖެޓު މަދުކޮށްފައި ހެން. ދެން ކޮންތަނަކުންތޯ ނަގާނީ. ނަގަން ބަލާއިރު ނަގަން ހުރި އެއްޗެއް ވިއްޔާ ރަސްމާލެ އަށް އަޅާ އެ ހުސްކޮށްލަނީ. ހުސްކޮށްލާފައި އެތަން ވެސް އެ ވިއްކާލަނީ އެއްވެސް އެއްޗެއް އަތުނުލައި. ލިބޭ އެތި މި ލިބެނީ ބްރަދަރ އަބްދުﷲ އަށް. އަޅުގަނޑުމެންގެ ދައުލަތަށް ނުވަތަ ޚަޒާނާ އަށް ލިބިގެން ނޫންތޯ މުއައްސަސާތަކަށް އެއްޗެއް ލިބޭނީ. ދައުލަތަކަށް ނުލިބޭ. ބްރަދަރ އަށް މި ލިބެނީ. ބްރަދަރ އަށް ލިބުމަކީ މުއައްސަސާތަކަށް ދެވޭނެ އެއްޗެއް ނޫން. ބްރަދަރ ހިޔެއް ނުވޭ އެގޮތަށް ދޭނެ ހެން. ޚާއްސަ ބަޖެޓަކަށް ވެސް ބްރަދަރ ހިޔެއް ނުވޭ އެހީތެރިކަމެއް ވާނެ ހެންއިބްރާހީމް ނާޒިލް
ނާޒިލް ވިދާޅުވީ މިހާރު މަޖިލީހުގައި މަސައްކަތް ކުރާ މަރުގެ އަދަބާ ގުޅޭ ބިލުގައި ވެސް އެ ކޮމިޝަނަށް ޒިންމާތަކެއް މަތިކޮށްފައިވާއިރު އެކަމަށް ވެސް ބަޖެޓު ބޭނުން ވާނެ ކަމަށެވެ. އެހެންވީމާ ރައްޔިތުންގެ ފައިސާ ރަނގަޅު ގޮތުގައި ހޭދަ ކުރަން ތިބި ބަޔަކީ އެއީ ކަމަށް ވާއިރު އެ ބޭފުޅުންނަށް ފައިސާ ނުދީ ދެން ފައިސާ ދޭނީ ކޮންބަޔަކަށް ތޯ ވެސް މެންބަރު ސުވާލުކުރެއްވި އެވެ. ނާޒިލް ވަނީ ތަކުރާރު ކޮށ، ކޮމިޝަނުން އެދިފައިވާ އެންމެ މަދު މިންވަރަށް ފައިސާ ދިނުމަށް ހުށަހަޅުއްވާފަ އެވެ.










