2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި
15 ނޮވެމްބަރު 2026 | އާދީއްތަ 09:152028 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކޮންގްރެސް މެންބަރު އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒް ވާދަކުރެއްވުމަށް ބާރުއެޅުމުގެ ގޮތުން، ޑީއެސްއޭގެ ނިއު ޔޯކް ސިޓީ ގޮފިން ޤަރާރެއް ފާސްކޮށްފި. މި ޤަރާރުގެ ދަށުން އޭނާގެ ކެންޕޭނަށް ބޭނުންވާ ބިންގާ އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ އެމެރިކާގެ ޕްރޮގްރެސިވް ސިޔާސަތުތައް ކުރިއެރުވުމަށް ލިބުނު ބޮޑު ބާރެއް. އޭއޯސީގެ ރިޔާސީ ޕްލެޓްފޯމުގައި ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާ އަދި މަސައްކަތްތެރިންގެ ހައްގުތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައި


އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ އެލެގްޒެންޑްރިއާ އޮކާސިއޯ-ކޮރްތޭޒް | އޭޕީ
2028 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ކޮންގްރެސްގެ މެންބަރު އެލެގްޒެންޑްރިއާ އޮކާސިއޯ-ކޮރްތޭޒަށް ގޮވާލައި ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާގެ (ޑީއެސްއޭ) ނިއު ޔޯކް ސިޓީ ގޮފިން ޤަރާރެއް ފާސްކޮށްފި އެވެ. މިއީ، ކުރިއަށް އޮތް ރިޔާސީ ރޭހުގައި ޑިމޮކްރެޓިކް ޕާޓީން ގެންގުޅޭނެ ސިޔާސީ މިސްރާބު ދެނެގަނެވޭނެ ކުރީކޮޅުގެ މުހިންމު ނިޝާނެއްގެ ގޮތުގައި ބެލެވެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި އެންވައިސީ-ޑީއެސްއޭގެ ކޮންވެންޝަނުގައި މި ޤަރާރު ފާސްކޮށްފައި ވަނީ 291 ވޯޓު 123 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މިއީ، ޑީއެސްއޭގެ ފަރާތުން ރަސްމީކޮށް ދިން ތާއީދެއް ކަމުގައި ނުވި ނަމަވެސް، އޮކާސިއޯ-ކޮރްތޭޒް ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ހިތްވަރުދީ، ކުރިމަތިވެދާނެ ކެންޕޭނަކަށް ބޭނުންވާ ބިންގާ އެޅުމަށް ނިއު ޔޯކް ސިޓީ ގޮފިން މި ޤަރާރުގެ ދަށުން މަސައްކަތް ކުރާނެ އެވެ.
"އެމެރިކާގެ ރައްޔިތުންނަށް [ރައީސް ޑޮނަލްޑް] ޓްރަމްޕް އިންތިޚާބު ކުރެވޭ ނަމަ، ޑިމޮކްރެޓިކް ސޯޝަލިސްޓުން ވެސް އިންތިޚާބު ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެން،" ޓްރަމްޕަށް އިޝާރާތް ކުރައްވައި، އެންވައިސީ-ޑީއެސްއޭގެ ކޯ-ޗެއާ ގުސްޓާވޯ ގޮރްޑީޔޯ ވިދާޅުވި އެވެ.
މިޑްޓަރމް އިންތިޚާބުގެ ކާމިޔާބީއާއި ނިއު ޔޯކް ގޮފީގެ ނުފޫޒު
މި ކޮންވެންޝަން ބާއްވާފައި ވަނީ ދާދި ފަހުން ނިމުނު މިޑްޓަރމް އިންތިޚާބުގައި ޑީއެސްއޭއިން ތާއީދުކުރި ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީއަށް ފަހު އެވެ. އެ އިންތިޚާބުގައި ޑީއެސްއޭގެ ތާއީދާއެކު ރެކޯޑު އަދަދެއް ކަމަށްވާ އަށް ކެންޑިޑޭޓަކު ފެޑެރަލް މަގާމުތަކަށް އިންތިޚާބުވެފައިވާއިރު، އަންނަ ޖަނަވަރީ މަހު އެ ބޭފުޅުން ކޮންގްރެސްގެ ގޮނޑިތަކާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
އާންމުކޮށް 'އޭއޯސީ' ގެ ނަމުން މަޝްހޫރުވެފައިވާ އޮކާސިއޯ-ކޮރްތޭޒަކީ އޭނާގެ އުފަން ރަށް ތަމްސީލުކުރައްވާ އެންވައިސީ-ޑީއެސްއޭގެ ދިގު މުއްދަތެއްގެ މެންބަރެކެވެ. ގާތްގަނޑަކަށް 15,000 މެންބަރުން ހިމެނޭ ނިއު ޔޯކް ސިޓީ ގޮތްޕަކީ އެ ހަރަކާތުގެ އެންމެ ނުފޫޒުގަދަ އެއް ގޮތްޕެވެ. މި ގޮފިން ވަނީ މިދިޔަ އަހަރުގެ އިންތިޚާބުގައި މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޒަހްރާން މަމްދާނީއަށް ތާއީދުކޮށްފަ އެވެ. ހަމަމިއާއެކު، 2018 ވަނަ އަހަރުން ފެށިގެން އޮކާސިއޯ-ކޮރްތޭޒް ވާދަކުރެއްވި ކޮންގްރެސްގެ ފަސް އާންމު އިންތިޚާބުގައި ވެސް އެ ގޮފިން ވަނީ އޭނާއަށް ތާއީދުކޮށްފަ އެވެ.
އިންތިޚާބުތަކުގައި ހޯދާފައިވާ މި ނުފޫޒުގެ ސަބަބުން، އެމެރިކާގެ ޕްރޮގްރެސިވް ސިޔާސަތުގެ މިސްރާބު ބައްޓަންކުރުމުގައި ނިއު ޔޯކް ސިޓީ ގޮފީގެ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.
"ސިޓީ ހޯލަށް އަޅުގަނޑުމެންގެ މޭޔަރަކު ގެނެސް، ސިޓީގެ ތިން ސޯޝަލިސްޓުން އިންތިޚާބުކޮށްފައިވާ މި ދަނޑިވަޅުގައި، ޑީއެސްއޭއާމެދު ސިޔާސީ ބޭފުޅަކު އަމިއްލަ ގޮތުން ކޮންމެ ގޮތަކަށް ދެކެވަޑައިގެންނެވި ނަމަވެސް، އަޅުގަނޑުމެން ބުނާ އެއްޗަކަށާއި އަޅުގަނޑުމެންގެ ހަރަކާތްތަކަށް އެ ބޭފުޅުން ޔަގީނުން ވެސް ބައްލަވާނެ،" އެންވައިސީ-ޑީއެސްއޭގެ ކޯ-ޗެއާ ގްރޭސް މޯސަރ ވިދާޅުވި އެވެ. "ހަގީގަތުގައި ވެސް އަޅުގަނޑުމެންނަކީ މި ސިޓީއާއި، މި ސްޓޭޓް އަދި މުޅި ޤައުމުގެ ވެސް އެންމެ ބޮޑު އެއް ސިޔާސީ ބާރު."
އޭއޯސީގެ ސިޔާސީ ތަސައްވުރާއި ރިޔާސީ ޕްލެޓްފޯމްގެ އިސްކަންދޭ ކަންކަން
ނިއު ޔޯކްގެ 14 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓް ތަމްސީލުކުރައްވާ ޑިމޮކްރެޓިކް މެންބަރު އޮކާސިއޯ-ކޮރްތޭޒް މުޅި ޤައުމުގެ ސަމާލުކަމަށް ވަޑައިގެންނެވީ 2018 ވަނަ އަހަރު އެވެ. އެއީ، 10 ދައުރު ފުރިހަމަކުރައްވާފައިވާ މެންބަރަކު ކޮންގްރެޝަނަލް ޕްރައިމަރީއެއްގައި ބަލިކުރެއްވުމާ ގުޅިގެންނެވެ. ޕްރޮގްރެސިވް ޑިމޮކްރެޓިކް ސޯޝަލިސްޓެއްގެ ގޮތުގައި ފާހަގަކުރެވޭ އޮކާސިއޯ-ކޮރްތޭޒް ވަކާލާތު ކުރައްވާ ސިޔާސަތުތަކުގެ ތެރޭގައި އެންމެންނަށް ބޭސްފަރުވާ ލިބޭނެ ނިޒާމެއް ގާއިމުކުރުމާއި، ސަރުކާރުގެ ކޮލެޖުތަކުން ހިލޭ މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުން ހިމެނެ އެވެ.
އެންވައިސީ-ޑީއެސްއޭއިން އަދި ޤައުމީ ރިޔާސީ ޕްލެޓްފޯމެއް މުޅިން ފައިނަލް ނުކުރެ އެވެ. މޯސަރ ވިދާޅުވީ، އެ ޕްލެޓްފޯމް ބިނާކުރާނީ ގޮފީގެ މެންބަރުން ވޯޓުލާ މީހުންނާ ބައްދަލުކޮށް ވާހަކަދައްކާއިރު ފާހަގަވާ މައްސަލަތަކުގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގާއިރު އެންމެ ބޮޑަށް ފާހަގަވާ މައްސަލަތަކަކީ ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާ އަދި ކުޑަކުދިން ބެލެހެއްޓުމުގެ ޚަރަދު... މިއީ، ދިރިއުޅުމުގެ އަގުތައް އަތްފޯރާ ފަށުގައި ބެހެއްޓުމުގެ މައިގަނޑު އަސާސްތައް،" މޯސަރ ވިދާޅުވި އެވެ. "ފެޑެރަލް ޕްލެޓްފޯމެއްގެ މައިގަނޑު ބައިތަކަށް ވެގެންދާނީ މި ކަންކަން."
ފާސްކުރި ޤަރާރުގައިވާ ގޮތުން، މި ކެންޕޭނުގެ ސަބަބުން "މަސައްކަތްތެރި ފަންތީގެ ރައްޔިތުން ބައިވެރިވާނެ ފަދަ ޕްލެޓްފޯމެއް މެދުނުކެނޑި އެކުލަވާލުމުގެ" ފުރުސަތު ފަހިވެގެންދާނެ އެވެ. މި ގޮތުން، އިސްކަންދޭ ކަންކަމުގެ ގޮތުގައި އެ ޤަރާރުގައި ފާހަގަކޮށްފައި ވަނީ އާންމު ބޯހިޔާވަހިކަމާއި، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިދާރާގެ ހަރަކާތްތައް ހުއްޓުވުމާއި، މަސައްކަތްތެރިން ޖަމުޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމުގެއިތުރުން "ހަނގުރާމައާ ދެކޮޅު ހަރަކާތްތަކާއި ފަލަސްޠީނަށް ތާއީދުކުރާ ހަރަކާތްތައް" ކުރިއެރުވުމެވެ.
ވާތުފިޔައިގެ ބާރުއެޅުމާއި އޮކާސިއޯ-ކޮރްތޭޒްގެ ކުރިމަގު
އެންވައިސީ-ޑީއެސްއޭގެ މި ނިންމުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުންނެވުމަށް އޮކާސިއޯ-ކޮރްތޭޒަށް ބާރުއެޅުމަށް އެމެރިކާގެ ވާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ. މިއީ, އޭނާއަށް ތާއީދުކުރުމާމެދު ޤައުމީ ޑީއެސްއޭގެ އެތެރޭގައި ބަހުސްތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައި، އަދި އޭނާ ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ގޮވާލައި 'ރެޑީ ފޯ އޭއޯސީ' ގެ ނަމުގައި މިނިވަން ކެންޕޭނެއް ފަށާފައިވާ ވަގުތެއްގައި ނިންމި ނިންމުމެކެވެ.
އޮކާސިއޯ-ކޮރްތޭޒް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ ސިޔާސީ ކުރިމަގާ މެދު ގޮތެއް ނިންމަވާނީ މިޑްޓަރމް އިންތިޚާބަށް ފަހު ކަމަށެވެ. އެހެންކަމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ އިތުރުން އެމެރިކާގެ ސެނެޓްގެ ގޮނޑިއަކަށް ވާދަކުރެއްވުމުގެ ފުރުސަތު ވެސް އޭނާ އަށް ވަނީ ހުޅުވިފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











