ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކަކީ ސަރުކާރުގެ "ދޮންދަރިން" ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިން: މުއްތަލިބު
24 ނޮވެމްބަރު 2026 | އަންގާރަ 07:53ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކަކީ އަމިއްލަ މަސައްކަތްތަކެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންދިއުމަށް އިސްކަންދެއްވި ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެ. އަންނަ އަހަރުގެ ބަޖެޓު ކުޑަވި ނަމަވެސް، އަމާޒަކީ އައު މަޝްރޫއުތައް ފެށުމުގެ ބަދަލުގައި މިހާރު ހުރި މަސައްކަތްތައް ނިންމުން. ނަމަވެސް ގިނަ މަޝްރޫއުތައް ހުއްޓިފައިވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި


ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | ރައްޔިތުންގެ މަޖިލިސް
ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކަކީ ސަރުކާރުގެ "ދޮންދަރިން" ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެއްވި ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މެންބަރު ޝާކިރު ވަނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މީގެ ކުރީ ބަޖެޓުތަކަށް ވުރެ އަދަދު ދަށްވެފައި ވުމުން ނަރުދަމާ މަޝްރޫއުތައް ހިންގަނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. އަދި މަޝްރޫއުތައް ހިންގުމަށް ރަށްރަށަށް ގެންދިޔަ ތަކެތި ވީރާނާ ވަމުންދާކަން މެންބަރު ޝާކިރު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިސަރުކާރު އައިއިރު ފެށިފައި ނުވަތަ ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މިސަރުކާރުގެ އެޖެންޑާއާގެން ކުރިއަށް ދިޔުމުގެ ވިސްނުން ސަރުކާރަށް ގެންގުޅެވެން އޮތް ކަމަށެވެ.
އެހެންނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިންޑރ. އަބްދުﷲ މުއްތަލިބު
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ކުޑަވި ނަމަވެސް އައު މަޝްރޫއުތައް ފެށުން މަދުވާނެ ކަމަށެވެ.
އަންނަ އަހަރު ބަޖެޓު ފަރުމާކުރެވިފައި ވަނީ މަޝްރޫއުތައް ނިންމުމަށް އެހެންވީމާ އަޅުގަނޑުމެންނަަށް އިރާދަކުރެއްވިއްޔާ ކުރިން ވެސް ރޭވިފައިވާ ގޮތަށް މި މަޝްރޫއުތައް ނިންމުމަށް ފަސޭހަވެގެން ދާނެޑރ. އަބްދުﷲ މުއްތަލިބު
މަޝްރޫއުތައް ނިންމަވަން މަސައްކަތް ކުރެއްވި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާއިރު ކުރީ ސަރުކާރުން ފަށައި ބޮޑު ބައެއް ނިންމާފައިވާ މަޝްރޫއުތައް ވެސް ހުއްޓާލާފައި ވާތީ ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ގިނަ ރަށްރަށުގައި ކުރީ ސަރުކާރުން ބޮޑު ބައެއް ނިންމާފައި ހުރި ނަމަވެސް މިސަރުކާރަށް މަޝްރޫއު އެއްކޮށް ނިންމާނުލެވޭތީ އާންމު ރައްޔިތުން ވެސް އަންނަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ.











