ރިއަލް އެސްޓޭޓް ބިލުގައި ގާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއް އެބަހުރި: މެންބަރު ޒިޔާދު
23 ނޮވެމްބަރު 2026 | ހޯމަ 07:35ރިއަލް އެސްޓޭޓް ބިލުގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ވުރެ އިތުރަށް ބިން މިލްކުކުރެވޭ ފަދަ މާއްދާތަކެއް ހުރި ކަމަށް ވިދާޅުވެ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ގަރާރު މިހާރު ކޮމިޓީއަށް ފޮނުވާފައިވާއިރު، ބިލުގެ 78 ވަނަ މާއްދާ އޮތްގޮތުން ތިންވަނަ ފަރާތެއްގެ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި ބިމުގެ މުއްދަތު މުށުއެޅުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި


ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރިއަލް އެސްޓޭޓް ގާނޫނު އައިއިރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވާ ކަމަށާއި، މިހާރު ހުށަހަޅާފައިވާ ބިލުގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ޚިލާފު މާއްދާތަކެއް އެބަހުރި ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ކަމަށާއި، މަޖިލީހުގެ ހޯމަ ދުވަހުގެ އެޖެންޑާގައި ވެސް އެ ގަރާރު ހިމެނިފައިވާ ކަމަށެވެ. އަދި އެ ގަރާރާ މެދު މަސައްކަތް ކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ކޮމިޓީއަކާ ޙަވާލުކުރެވިފައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ގަރާރުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ޚިލާފަށް 99 އަހަރަށް ވުރެ އިތުރަށް މުއްދަތު ދެވޭ ގޮތަށް އޮތުން ކަމަށެވެ.
ހަމަ ވަރަށް ސާފުކޮށް އެ ބަޔާންކޮށްފައި އެބައޮތް 89 ވަނަ މާއްދާގައިވެސް 99 އަހަރަށް. އަދި ހަމަ އެ 78 ވަނަ މާއްދާގައި އަދި 99 އަހަރަށް އެ ދިން ކަމުގައި ވިޔަސް ތިންވަނަ ފަރާތަކަށް ދީފައި އޮތް ނަމަ، ފުރަތަމަ ދިން މި ޑިވެލޮޕަރުގެ މުއްދަތު 99 ހަމަވިޔަސް، ފަހުން ތިންވަނަ ފަރާތުގެ ޙައްޤަކަށް އުނިކަމެއް ނާންނާނެކަމަށް 78 ގައި ލިޔެފައި އޮތީމާ އަޅުގަނޑުމެން ގަރާރުގައި އެ ބުނާ އެ އޮތް ކަންބޮޑުވުން ހަމަ މިހާރު އޮތް ގާނޫނުގައި ވެސް އެބައޮތްހުސައިން ޒިޔާދު
މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ، މި ބިލުގެ އިތުރުން ވެސް ގިނަ އަދަދެއްގެ މުހިންމު ބިލުތަކެއް މަޖިލީހަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ވެސް މިވަގުތު މަޖިލީހުގައި ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތްތަކާއެކު ވެސް ރައްޔިތުން އެދޭ ނަތީޖާ ނެރުމަށްޓަކައި މަސައްކަތް ކުރަމުންދާކަން މެންބަރު ޒިޔާދު ފާހަގަކުރެއްވި އެވެ.











