ރިއަލް އެސްޓޭޓް ބިލަކީ ރަސްމާލެއާ ގުޅޭ ހުރިހާ ކަމެއް ނިންމައި، އެއީ ޤާނޫނީ ގޮތުން ސައްހަ ކަމެއްކަން ދެއްކުމަށް ހުށަހަޅާފައިވާ ބިލެއް، ބިލު ފާސްނުކުރަން ގޮވާލަން: ފައިސަލް
24 ނޮވެމްބަރު 2026 | އަންގާރަ 06:50ރަސްމާލެ މަޝްރޫއަށް ގާނޫނީ ސައްހަކަން ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ، އެ ބިލު ފާސްނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި. މި މަޝްރޫއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ކަމަކަށްވާތީ، ގައުމީ މަސްލަހަތަށްޓަކައި މި ބިލު ބޭރުކޮށްލުމަށް އެދި ފައިސަލް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވާފައި

ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް އެދި "ފައިސަލްއާޒިމް" ގެ ޓީމުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހެޅުން | ރާއްޖެ ޓީވީ
ރަސްމާލެ މަޝްރޫއަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ވަކި ބަޔަކާއެކު މުއާމަލާތްތަކެއް ހިންގައި، އެއްބަސްވުންތަކެއް އެކުލަވާލުމަށްފަހު އެކަމަށް ގާނޫނީ ސައްހަކަން ހޯދުމަށް "މަތި އޮމާންކޮށްލުމުގެ" ގޮތުން ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ، އެ ބިލު ފާސްނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް އެދި "ފައިސަލްއާޒިމް" ގެ ޓީމުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހެޅުމަށްފަހު ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ މިއަދު މުޅި ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއަށް ފަހިކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފައިސަލް ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ އެ ބިލާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެންމެ ކުޑަމިނުން އެ ބިލު ޑްރާފްޓްކުރި ބަޔަކީ ކޮބައިކަން ވެސް އެނގެން ނެތް ކަމަށެވެ.
މިއީ ވަކި ބަޔަކާއެކު މުއާމަލާތްތަކެއް ހިންގައި ނިންމުންތަކެއް ނިންމުމަށްފަހު، އެއީ ގާނޫނީ ގޮތުން ސައްހަ ކަމެއްކަން ދެއްކުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށާއި، މިފަދަ ކަންކަމަކީ ފެށުމުގައިވެސް ބާތިލު ކަންކަން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި، މައިނޯރިޓީ ލީޑަރުގެ އިތުރުން ހުރިހާ މަޖިލިސް މެންބަރުންގެ ކިބައިން ވެސް ފައިސަލް އެދިވަޑައިގަތީ ގައުމީ މަސްލަހަތަށްޓަކައި މި ބިލު ފާސްނުކޮށް ބޭރުކޮށްލުމަށެވެ. އަދި މި މަޝްރޫއާ ދެކޮޅަށް ފައިސަލްއާޒިމް ޓީމުން އަޑުއުފުލާނެ ކަމަށާއި، މިކަމާ ގުޅިގެން ކުރިއަށްގެންދާ ހުރިހާ އިހުތިޖާޖުތަކެއްގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރެފަރެންޑަމަކަށް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ، އެފަދަ ވޯޓެއް ނަގައިފިނަމަ ރައްޔިތުން ބޮޑުތަނުން މި މަޝްރޫއަށް "ނޫނެކޭ" ބުނާނެކަން ސަރުކާރަށް އެނގޭތީ ކަމަށެވެ.
މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، މިއީ ދައުލަތުގެ ބިންތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުޅުވޭ ދޮރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.











