މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް
21 ނޮވެމްބަރު 2026 | ހޮނިހިރު 06:55ސަރުކާރުގެ އަމަލުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސާފު ސަރުކާރެއް ގާއިމުކުރުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓް ފައިސަލް ނަސީމް ގޮވާލައްވައިފި. ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި އޭނާ ވިދާޅުވީ، ސިއްހީ އަދި ތައުލީމީ ދާއިރާގެ ކުރިއެރުންތައް މިހާރު ހުއްޓިފައިވާ ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުން ސަލާމަތްކޮށްދިނުމަށް ޕްރައިމަރީގައި ތާއީދު ބޭނުންވާ ކަމަށް. އެހެންކަމުން، ގައުމުގެ އިގްތިސާދު ވަރުގަދަކޮށް، ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށް އިސްކަންދެއްވާނެ ކަމަށް ފައިސަލް ފާހަގަކުރެއްވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ސަން
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނީ، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ ސާފު ސަރުކާރެއް ގާއިމުކުރުމަށް ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެންޑިޑޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު ފުނާޑޮ އަވަށުގެ ކުއީންސް ޝޭޑްގައި ހުންނަ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފުލާގައި، މާލޭގައި ހުންނަވައިގެން، ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ރައްޔިތުން މިހާރު ސަރުކާރަށް އިތުބާރު ނުކުރާ ކަމަށެވެ. ފައިސަލް ވިދާޅުވީ މިގައުމުގައި މިއަދު ނެތް އެއްޗަކީ އިތުބާރު ކަމަށާއި، ސަރުކާރުން ދައްކާ ވާހަކަ އާއި ސަރުކާރުގެ އަމަލުތައް ދިމާ ނުވާތީ އިތުބާރު ގެއްލި، މިހާރު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަން އޮތީ މައްސަލަ އާއި ރައްޔިތުންގެ ޝަކުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކާ ބައްދަލުވިޔަސް ދައްކާނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހުން އޮތް ވާހަކަ ކަމަށާއި، ސަރުކާރުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައް ހުއްޓުވައި އެފަދަ ކަންކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން، ފަސާދަ އާއި ޚިޔާނާތުން ސާފުވެފައިވާ ސަރުކާރެއް ގާއިމުކުރުމަށްޓަކައި ސަރުކާރު ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެފަދަ ސަރުކާރެއް ގާއިމުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކުރިއަށް އޮތް ރިއާސީ އިންތިޚާބު ކާމިޔާބުކޮށް، އެކަންކަން ހައްލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކަން ފައިސަލް ފާހަގަކުރެއްވި އެވެ. އެ ފުރުސަތު ހޯދުމަށްޓަކައި ފުރަތަމަ ކުރަން އޮތް ކަމަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުން ކަމަށްވާތީ، ފުވައްމުލަކު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ޕްރައިމަރީ ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ތިބޭފުޅުން އަޅުގަނޑަށް އެ މަސައްކަތް މިއަދު ކޮށްދެއްވައިފިއްޔާ، ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ ގޮތުގައި ހުރެގެން ވިޔަސް، މުޅި ރާއްޖޭގެ އެންމެން ބަލައިގަންނަ މީހެއްގެ ގޮތުގައި އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނަން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ ޚާއްސަ މަޖިލިހަށް ތިބޭފުޅުން އަޅުގަނޑު އިންތިހާބު ކޮށްދެއްވީމާ، އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި އެމަސައްކަތް ކުރިންފައިސަލް ނަސީމް
ރަނގަޅު ގާނޫނު އަސާސީއެއް އެކުލަވައިލުމަށްޓަކައި އެކަމުގައި ވެސް ހަމަ ފުރިހަމައަށް ބައިވެރިވި މީހެއްގެ ގޮތުގައި ހުރިން. އަދި ހަމައެއާ އެއްކޮށް މަޖިލީހުގައި އަޅުގަނޑު ހޭދަކުރ ފަސް އަހަރުގެ ދައުރުގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ބެލީ ވަކި ދާއިރާކުން އިންތިޚާބުވެފައި ހުއްޓަސް، މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި އަޅުގަނޑަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކޮށްދެވޭތޯފައިސަލް ނަސީމް
އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، ނަމަވެސް އެކަން ބަދަލުކުރެވޭނީ ބަދަލު ކުރަން ބޭނުންވާ އަދި އެ ހިއްވަރު ހުރި މީހަކު ވެރިކަމަށް އައިސްގެން ކަމަށެވެ. ރައްޔިތުން މިއަދު ތިބި ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދެވޭނީ ހަމައެކަނި ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ އާދަ ދޫކޮށްލައި، މުޅި ގައުމާއި ރައްޔިތުންނަށް މަންފާ ހުރި ކަންތައްތަކަށް ވިސްނާ މީހަކު ވެރިކަމަށް އައިސްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުގައި ނައިބު ރައީސްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތައް، މިސަރުކާރު އައިފަހުން ހުއްޓިފައި ހުރުމުން، ރައްޔިތުންނަށް ލިބޭ ނިކަމެތިކަން އިހްސާސް ކުރެވި، އެކަމާ އުނދަގޫވާ ކަމަށެވެ.
އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކުރި މަސައްކަތްތައް މުޅިންހެން ފަހަތަށް މި ދަނީ. އެއްވެސް ކަހަލަ ކުރިއެރުމެއް މިދާއިރައަކުން ނުފެނޭ. އަނެއްކާ ވެސް މި ފެންނަނީ ކޮންމެ ކަމެއްގައި ވެސް ރާއްޖޭގެ ރަށްރަށުން މާލެއަށް ދާން ޖެހޭ މަންޒަރުފައިސަލް ނަސީމް
އެހެންވީމަ އަޅުގަނޑު ހަމަ ތިޔަ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ސިއްހީ ކަންތައްތަކާއި، އިޖުތިމާއީ ކަންތައްތަކާއި، ތައުލީމީ ކަންތައްތައް، އަދި ޚާއްސަކޮށް ވިޔަފާރީގެ ކަންތައްތަކާ އެއްކޮށް ވަރުގަދަ އިގުތިސާދެއް އުފެދި އަޅުގަނޑުމެންނަށް އެ ބޭނުންވާ ގޮތަށް ކުރިޔަށް ގެންދިއުމަށް، އެ މަސައްކަތް އަޅުގަނޑުމެން ކުރަންވީފައިސަލް ނަސީމް
އެމަނިކުފާނު ވިދާޅުވީ ނިމިގެންދިޔަ އެމްޑިޕީގެ ސަރުކާރުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މުޅި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ އެއާއެކު ތައުލީމީ ނިޒާމު ވަރުގަދަކޮށް، ޚާއްސަކޮށް އިޖުތިމާއީ ރައްކާތެރިކަން ރަނގަޅު ކުރުމަށްޓަކައި، ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ހަމަ އެއާ އެއްކޮށް ފާހަގަކޮށްލަން ބޭނުންވޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތް އެކި ގޮތްގޮތުން ވަރަށް ބޮނޑަށް ކުރެވުނުފައިސަލް ނަސީމް
އެމަނިކުފާނު ވިދާޅުވީ އޭރު އެ މަސައްކަތްތައް ކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ވެސް އެކުގައި ކަމަށާއި، ނަމަވެސް ވެރިކަން ބަދަލުވެ ތިން އަހަރު ވެގެން ދިޔައިރު އެ ހުރިހާ ކަމެއް މިހާރު އަނެއްކާ މިހުރީ ކުރިން ފެށި ހިސާބުން އަލުން ފަށަން ޖެހިފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނަގައި، ޤާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ވަރަށް ގިނަ ކަންކަމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް ވަރަށް ބޮޑަށް ހަނިކޮށްލާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އެ ގޮތުން ވަކިން ޚާއްސަކޮށް އެމަނިކުފާނު ފާހަގަކުރެއްވީ، ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ސަރުކާރުން މަޖުބޫރުކޮށްގެން، އެމީހުން ބޭނުންނުވާ ކަންތައްތައް އެމީހުން ލައްވައި ކުރުވުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމެވެ. އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް އުނދަގޫ ކަންތައްތަކެއްގެ ތެރޭގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.











