މި ސަރުކާރު ދެމިއޮތްހާ ހިނދަކު ތަކެތީގެ އަގު އުފުލުމަށް ހުއްޓުމެއް ނާންނާނެ: ފައިސަލް
22 ނޮވެމްބަރު 2026 | އާދީއްތަ 09:29ބާޒާރުގައި ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް މި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޑުވިދާޅުވެއްޖެ. ޑޮލަރުގެ ތާށިކަމާ ހުރެ މުދަލުގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވައި، ފައިސަލް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކުން އަގުތައް ތިރިނުކުރެވޭނެ ކަމަށް


ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ | ރާއްޖެއެމްވީ
މިސަރުކާރު އޮތް ހާ ހިނދަކު ތަކެތީގެ އަގުތައް އުފުލުމަށް ހުއްޓުމެއް ނާންނާނެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ލިސްޓު ދިގުކުރެވިދާނެ ކަމަށާއި، ނަމަވެސް ބާޒާރުގައި އެތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލިގެން ދިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަރުކާރު ދަނީ ފެއިލްވަމުން ކަމަށެވެ.
ފައިސަލް ވިދާޅުވީ، ޑޮލަރެއް ނުލިބޭ ކަމަށާއި، އަދި ވިޔަފާރިތަކަށް ޓީޓީއެއްވެސް ނުހެދޭ ކަމަށެވެ. އެކަމުގެ ނަތީޖާއަކީ ސަޕްލައި ދަށްވެ، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ކެރެޓު ކިލޯއެއްގެ އަގުވެސް 170 ރުފިޔާއަށް އަރާފައިވާ ކަމަށާއި، ތަރުކާރީގެ އަގުވެސް %22.16 މައްޗަށް ގޮސްފައިވާކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު އެއްގަމު މަހުގެ ބާވަތްތަކުގެ އަގު %23.97 މައްޗަށް ގޮސްފައިވާ ކަމަށެވެ.
ފައިސަލް ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރު އޮތް ހާ ހިނދަކު ތަކެތީގެ އަގުތައް އުފުލުމަށް ހުއްޓުމެއް ނާންނާނެ އެވެ. އަދި އަގު ތިރިކުރަން މިސަރުކާރުން ނިންމި އެއްވެސް ސިޔާސަތަކުންވެސް ރަނގަޅު ނަތީޖާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާބޯތަކެތި ފަދަ އަސާސީ ތަކެތީގެ އަގު ބޮޑުވުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު ސަރުކާރުން ބުނަނީ އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.











