މާލެ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތައް ހިންގުމަކީ ބުއްދިވެރިކަމެއް ނޫން، ރަށްތައް ދަނީ ފަޅުވަމުން: ނަޝީދު
22 ނޮވެމްބަރު 2026 | އާދީއްތަ 06:36މާލޭ ސަރަހައްދަށް ބޮޑެތި މަޝްރޫއުތައް ޖަމާކުރުމުގެ ބަދަލުގައި، ރަށްރަށް ފަޅުވުން ހުއްޓުވުމަށްޓަކައި އިގްތިސާދީ ހަރަކާތްތައް އަތޮޅުތެރެއަށް ފުޅާކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވި. އެގޮތުން ބޮޑެތި ރަށްރަށުގައި "ލޯންގް ސްޓޭ ޓޫރިޒަމް" ތައާރަފުކޮށް، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.


ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް އަދި އެމްޑީޕީ ޗެއަރޕާސަން މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. | އެމްޑީޕީ
މާލޭ ސަރަހައްދުގައި ބޮޑެތި އިގްތިސާދީ ހަރަކާތްތަކާއި މަޝްރޫއުތައް ހިންގުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެފަދަ ހަރަކާތްތައް ރާއްޖޭގެ އެހެން ރަށްރަށަށް ގެންދަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޢީސް ނަޝީދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުން މީހުން މާލެއަށް ޖަމާވެ ރަށްރަށް ފަޅުވަމުންދާ ކަމަށެވެ. އަދި އަނެއްކާވެސް މިފަދަ ބޮޑު އިގުތިސާދީ ހަރަކާތެއް މާލޭ ސަރަހައްދަށް ގެނައުމަކީ ރަށްރަށް އިތުރަށް ފަޅުވެގެންދާނެ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު ޕަރސަނަލީ ދެކޭގޮތުގައި މާލޭ ސަރަހައްދުގައި މި ބާވަތުގެ ކަމެއް ކުރުން އެއީ ބުއްދިވެރިކަމެއް ނޫން. މިހާރުވެސް މި ތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ މީހުން އެއްވެ ރަށްރަށް މި ދަނީ ފާޅުވަމުން.މުހައްމަދު ނަޝީދު
ރަޢީސް ނަޝީދު ވިދާޅުވީ އިސްކަންދޭންވީ ހަމައެކަނި މެގަ ޕްރޮޖެކްޓްތައް ހިންގުމަށް ނޫން ކަމަށާއި، ރާއްޖޭގައި މީސްކޮޅު މަދު ނަމަވެސް ބިން ބޮޑެތި ރަށްރަށް އެބަހުރި ކަމަށެވެ. އަދި އެފަދަ ރަށްރަށުގައި ދިގު މުއްދަތަށް މީހުން ތިބެވޭ ޓޫރިޒަމް (ލޯންގް ސްޓޭ ޓޫރިޒަމް) ވިޔަފާރިތައް ހިންގިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ހުޅުދޫ ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ދިރިއުޅުމެއް ހޯދުމަށް ގިނަ ބަޔަކު އެ ރަށް ދޫކޮށް ހިޖުރަކޮށްފައިވީ ނަމަވެސް އެއީ ވަރަށް ބޮޑު ރަށެއް ކަމަށެވެ.
އެފަދަ ރަށްރަށުގައި ގެދޮރު ހަދައި، އަހަރަކު މަހެއް ނުވަތަ ދެ މަހެއްހާ ދުވަހު ބޭރު މީހުން އައިސް ތިބެ، ބާކީ މުއްދަތުގައި ޓައިމް ޝެއަރ ނުވަތަ އެއާބީއެންބީ މެދުވެރިކޮށް ކުއްޔަށް ދެވޭނެ ނިޒާމެއް ހަމަޖެހިއްޖެނަމަ، އަބަދުވެސް މީހުން އެ ތަންތަނުގައި ތިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. މީގެ ސަބަބުން ރަށްރަށުގެ އިގްތިސާދު ހިނގައިގަނެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ފިހާރަތަކާއި ރެސްޓޯރެންޓްތަކުގެ ވިޔަފާރި ރަނގަޅުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އިގްތިސާދީ ތަރައްގީ އަށް މިފަދަ މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިފަދަ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާއިރު، ރައްޔިތުންނާ ހަމައަށް މި ވާހަކަތައް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ގާތަށް ވަޑައިނުގަންނަވަން ނިންމެވި ނިންމެވުމުގެ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.











