ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާތިލުކުރާނެކަމުގެ ޔަޤީންކަން ދެން: ފައިސަލް
23 ނޮވެމްބަރު 2026 | ހޯމަ 09:49ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ ނުރުހުން އޮތް، ގައުމުގެ މިނިވަންކަމާއި އިޖުތިމާއީ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. މި އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލުކުރައްވާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވާފައި

ފައިސަލް ނަސީމް އިސްވެ ހުންނަވައި "ފައިސަލް އާޒިމް" ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް | ރާއްޖެ ޓީވީ
އެމަނިކުފާނުގެ ސަރުކާރެއްގައި ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ކުރީގެ ނައިބްރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް ނަސީމް އިސްވެ ހުންނަވައި "ފައިސަލް އާޒިމް" ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ ނުރުހުން އިންތިހާއަށް އޮތް ކަމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުންނާ ދެކޮޅަށް މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ރަސްމާލެ މަޝްރޫއުއާމެދު ރައްޔިތުން ނުރުހުން ފާޅުކުރާ މިންވަރަށް، މި ފަހުގެ ތާރީޚެއްގައި އެހެން އެއްވެސް ކަމަކާ މެދު ރައްޔިތުން ނުރުހުންވެފައިވާތަން ފެނިފައިނުވާ ކަމަށެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ މިނިވަންކަމާއި އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އެއްވެސް މަޝްރޫއަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި މިހާރު ރަސްމާލެ މަޝްރޫއާ ގުޅިގެން ވެފައިވާ އެއްބަސްވުމުގައި އަޑިނޭނގޭ އަދި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، މިއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމިއްލަ އިސްނެންގެވުމުގެ ދަށުންވެސް ބަލަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ ސަރުކާރެއްގައި މި ބާތިލު އެއްބަސްވުންތައް އުވާލައި، ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، މި މަޝްރޫއާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން މި މަޝްރޫއާ ދެކޮޅަށް އިހުތިޖާޖުކޮށް އަޑު އުފުލާނެ ކަމަށާއި، މިކަމާ ގުޅިގެން ރައްޔިތުން ކުރާ ކޮންމެ އިހުތިޖާޖަކަށް "ފައިސަލް އާޒިމް" ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް އިއުލާން ކުރެއްވި އެވެ.
ފައިސަލް ވަނީ ސަރުކާރުން މިފަދަ ގައުމަށް ގެއްލުންހުރި ބާތިލު އެއްބަސްވުންތައް ހެދުން ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލައްވާފަ އެވެ.










