ގާނޫނީ ކޯސްތަކުގެ އިމްތިހާން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް ހެދޭ ގޮތަށް ބާއްވަން އަންގައިފި، ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި 2 ދަރިވަރުން
24 ނޮވެމްބަރު 2026 | އަންގާރަ 01:18ގާނޫނީ ދާއިރާގެ ކޯސްތަކުގެ އިމްތިހާނުތައް ފިޒިކަލްކޮށް ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާވާ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި. މި އިސްލާހު އަލަށް ފަށާ ޕްރޮގްރާމްތަކަށް އެކަނި ތަންފީޒުކުރުމަށް އެންގުމަށް ނިންމީ، އޮންލައިންކޮށް ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހުރިހާ މެންބަރުންގެ އިއްތިފާގުން


ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުމުން މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އަންގައިފި | ދައުރު
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ހަމަޖައްސާފައި އޮތް އޮތުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި ޖުޑިޝަރީ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށް ފަހު އެވެ.
އެގޮތުން، ގާނޫނީ ތައުލީމަށް ބާ ކައުންސިލުން ގެނައި އިސްލާހު އަލަށް ފަށާ ޕްރޮގްރާމްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރުމަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިން އޮތް ގޮތަށް އޮންލައިންކޮށް އިމްތިހާނުތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބާ ކައުންސިލަށް އެންގުމަށް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން ފާސްކޮށްފައި ވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން މި ނިންމުމަށް ވޯޓު ދީފައިވާ މެންބަރުންގެ ތެރޭގައި ގާނޫނު ކިޔަވާ ވިދާޅުވާ ދެ ދަރިވަރަކު ހިމެނޭ ކަމަށް ރާއްޖޭގެ ނޫހަކަމަށްވާ "ދައުރު" ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. ގާނޫނީ ދާއިރާގެ ޑިގްރީ ކޯހަކަށް ކިޔަވައި ވިދާޅުވާ ދެ މެންބަރުންނަކީ މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އަދި ވިލުފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން ވަހީދު އެވެ.
ޖުލައި މަހުގެ 20 ވަނަ ދުވަހު ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށް، ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލު އިސްލާހުކޮށް ވަނީ އާއްމުކޮށްފަ އެވެ.
އެގޮތުން ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ މި މިންގަނޑުތަކަކީ ރާއްޖޭގައި ގާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން ކޮންމެހެން އަމަލުކުރަންޖެހޭ އުސޫލުތަކެކެވެ. ބާ ކައުންސިލުން ގެނައި މި ބަދަލުތަކުގެ ތެރޭގައި، އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައިިވެ އެވެ.
މި އައު އުސޫލަށް އޮގަސްޓް މަހުން ފެށިގެން އަމަލު ކުރަން ފަށަން ނިންމި ނަމަވެސް ގާނޫނީ ދާއިރާއިން އޮންލައިންކޮށް ކިޔަމުންދާ ދަރިވަރުން ކަންބޮޑުވުންތަކާއެކު ވަނީ ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ފިޒިކަލްކޮށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފައި އޮތް އޮތުން އަންނަ އަހަރަށް ފަސްކޮށްފަ އެވެ.











