މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކުރާ ބިލު ބަލައިގެންފި
18 ނޮވެމްބަރު 2026 | ބުދަ 14:09މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހެޅި ބިލު، 56 މެންބަރުންގެ އިއްތިފާގުން ބަލައިގަނެ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައި. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތްތަކާއި، ކުށްވެރިޔާއަށް ލިބިދޭ ހައްގުތަކުގެ އިތުރުން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ދަންޖައްސައިގެން އަދަބު ތަންފީޒުކުރުމަށް ވަނީ ހިމަނާފައި


ރައްޔިތުންގެ މަޖިލިސް | ރައްޔިތުންގެ މަޖިލިސް
ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނީ އޭނާ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހައްނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ މި ބިލު ބަލައިގެންފައި ވަނީ 56 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ.
އެ ބިލު ހުށަހެޅި މަގްސަދެއް ކަމުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތް ކުރެވިގެން، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފް ކުރުމެވެ.
އެގޮތުން މި ބިލުގައި ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތަކާއި، މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި، އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާ ސަބަބުތައް ބަޔާން ކޮށް އެނޫން ވެސް މަރުގެ އަދަބު ކަނޑައެޅުމާއި، އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރުން ކަމަށް ވެސް ބިލުގައިވެ އެވެ.
އެ ބިލުގައި ބުނީ ގާނޫނުގެ ދަށުން، ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ބަލަހައްޓާނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ކަމަށެވެ. އެގޮތުން އެ ކޮމިޓީގައި ހިމެނޭނީ ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރަކާއި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރެއް، ޕްރޮސެކިއުޓަރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، ޑޮކްޓަރެއް، ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތެެއްގެ އިތުރުން ދީނީ ތަގްރީރު ކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެކެވެ.
އެ ބިލުގައި ވަނީ ކުށްވެރިޔާ އަށް ލިބިދޭ ހައްގުތައް ވެސް ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.
ބިލުގައިވާ ގޮތުން ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު އަމަލީގޮތުން ތަންފީޒު ކުރުމުގެ އެންމެހައި ކަމެއް ރާވައި، ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިންނެވެ. އަދި އޭނާގެ މައްޗަށް އެ އަދަބު ތަންފީޒު ކުރާނީ އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރު ކުރުމަށްފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތް ހެދައި، ދަންޖައްސައިގެން ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
އޭގެ އިތުރުން މަރުގެ އަދަބު ތަންފީޒު ކުރާއިރު ހާޒިރުވާން ޖެހޭ އަދި ހާޒިރުވުމުގެ ހައްގު އޮތް ފަރާތްތަކާއި، އަދަބު ތަންފީޒު ކުރުމާއި، މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުން އަދި މި އަދަބު ތަންފީޒު ކުރުން މަނާ ކަންކަން ވެސް ބިލުގައި ތަފްސީލުކޮށް ހިމަނާފައިވެ އެވެ.











