އަބުރުގެ ދައުވާކުރެވޭނެ ހާލަތްތައް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
18 ނޮވެމްބަރު 2026 | ބުދަ 14:31އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ އަމަލުތަކަށް ބައި މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރަން ފަށައިފި. މީޑިއާތަކާއި ސޯޝަލް މީޑިއާ ހިމެނޭހެން ހިނގާ މި ބިލުގައި، އަބުރާ ބެހުމުގެ ދައުވާ އެއް އަހަރު ތެރޭ އުފުލައި، ހަ މަސް ތެރޭ މައްސަލަ ނިންމަން ލާޒިމުކޮށްފައިވޭ


ރައްޔިތުންގެ މަޖިލިސް | ރައްޔިތުންގެ މަޖިލިސް
އަބުރުގެ ދައުވާކުރެވޭނެ ހާލަތްތަކެއް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަދަން ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގެންފައި ވަނީ 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮަޅަށް 4 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް 7 މެންބަރުން ވޯޓު ދެއްވި އެވެ. އެއާއެކު އެ ބިލު ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީ އަށް ފޮނުވާފަ އެވެ.
ވެރިކަންކުރާ ޕީއެންސީ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން މި ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށާއި އޮންލައިން ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން، ބްރޯޑްކާސްޓުކުރާ މީޑިއާތަކަށް ވެސް މި ޤާނޫނު ހިނގާނެ އެވެ.
އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ހިމަނާފައިވާ މި ބިލުގައި އަބުރާ ބެހުން މާނަކޮށްފައިވަނީ ދައްކާ ވާހަކައަކުން ނުވަތަ ދޭ މައުލޫމާތަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން ނުވަތަ އިންޓަނެޓާއި ޓީވީ ފަދަ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭ މައުލޫމާތު މެދުވެރިކޮށް ދޮގު މައުލޫމާތު ދިނުމުގެ ސަބަބުން އެ ބަސް ނިސްބަތްވާ ފަރާތަކަށް ކުރަމުން އައި އިހުތިރާމު ގެއްލި، އެ ފަރާތާ މެދު މުޖުތަމައުގައި ނަފުރަތު އުފެދޭ ގޮތް މެދުވެރިވުމަށެވެ.
އަބުރާ ބެހުމުގެ ދައުވާއެއް އެއް އަހަރު ހަމަވުމުގެ ކުރިން އުފުލަންޖެހޭނެކަމަށް މި ބިލުގައި އޮވެ އެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައިވާ ނަމަ އެ ބަހެއް ނުވަތަ މައުލޫމާތެއް އަބުރާ ބެހެވޭ ފަރާތަށް ނިސްބަތްވާނެ ކަމަށް ބެލެވޭނެ އެވެ. އަބުރާ ބެހެވޭ ފަރާތުގެ ނަން ނުވަތަ ފޮޓޯ ބޭނުންކޮށްފައި ނެތް ނަމަވެސް މައުލޫމާތު ދިނުމުގައި އެ ފަރާތަށް އިޝާރާތްކުރެވޭކަން ގަބޫލުކުރެވޭނަމަ އެ ބަހެއް ނިސްބަތްވަނީ އެ ފަރާތަށް ކަމަށް ބެލެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އަބުރާބެހުނު ފަރާތުގެ ކިބައިން ބަދަލު ނަގައިދިނުމަށް ދައުވާކުރި ފަރާތުން އެދިފައިވާނަމަ، އަދި އެކަން ސާބިތުވާނަމަ ކޯޓުން ބަދަލު ނަގައިދޭން ވާނެ ކަމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.
އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި ހިމަނައިފައިވެ އެވެ.











