"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026 | ހޯމަ 06:30ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް މިލްކުކޮށްދޭން ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވައިފި. މި ބަހުސްގެ ތެރެއިން މަޖިލީހަށް ރިޝްވަތުގެ ފައިސާ ވައްދާފައިވާ ކަމަށް މީކާއިލް ތުހުމަތު ކުރެއްވުމާ ގުޅިގެން މަޖިލިސް ހޫނުވެ، އޭނާގެ ނަން އިއްވައި ތަޅުމުން ވަނީ ބޭރުކޮށްފައި


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް
މިހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް، އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހަޅުއްވާފައިވާ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު މީކާއިލް ވިދާޅުވީ މި ބިލަކީ ދިވެހިރާއްޖޭގެ ފަސްގަނޑު، ދިވެހީންގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލާ ބިލު ކަމަށެވެ. ރިއަލް އެސްޓޭޓް ބިލުގެ ނަމުގައި މާ ރީތިކޮށްގެން ދިވެހި ރައްޔިތުން ވާ ވައްދަން މި ބިލު ފޮނުވިއަސް ދިވެހި ރައްޔިތުންނަށް މި ބިލުގެ މަގްސަދު ސާފުކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މިއަދު މިދަނީ ދިވެހީންގެ ހުސް ނުވާ އާސަންދަ ހުއްޓާލަން ތައްޔާރުވަމުން. ރާއްޖޭގެ ބަޖެޓަށް ބަލާލާއިރު ރާއްޖޭގެ ރައްޔިތުންގެ ހުސްނުވާ އާސަންދަ ކަނޑާލަން މިދަނީ ތައްޔާރުވަމުން. އެހެން ނަމަވެސް އަލައްބާރު އަށް، އީގަލް ހިލްސް އަށް މިދަނީ ހުސްނުވާ 99 އަހަރަށް ދިވެހީންގެ ފަސްގަނޑު، ދިވެހީންގެ ބިން މިލްކުކޮށްދޭން ތައްޔާރުވަމުން. މިކަން މި ކުރަނީ ދިވެހީން ބޭހަށް ޖައްސާފައި. ދިވެހީން ގޭހަށް ޖައްސާފައި. ދިވެހީން ޑޮލަރަށް ޖައްސާފައި. މާލިއްޔަތުގައި ހުރި މަދު ޑޮލަރު ބޭނުންކޮށްގެން ތަނެއް ހިއްކާފައި އެތަން ވިއްކާލަނީމީކާއިލް އަހުމަދު ނަސީމް
މީކާއިލް ވިދާޅުވީ މިއަދަކީ މަޖިލީހުގެ ހަޔާތުގައި ލަދުވެތި ދުވަހެއް ކަމަށެވެ. ސަބަބަކީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލި ފުރިފައި ހުރި ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަތުން ކަމަށް ވިދާޅުވެ މީކާއިލް ވަނީ އަލައްބާރުގެ ކަޅު ފައިސާ މަޖިލީހަށް ފޯރައިފި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ލަދުވެތި ދުވަހެއް. ލަދުވެތި ވަނީ ކީއްވެތޯ؟ ލަދުވެތި ވަނީ ރޭގެ ވަގުތެއްގައި ފުރިފައި ހުރި ކަޅު ދަބަހެއް އަޅުވައިގެން ބްރަދަރ އަބްދުﷲ މި ރައްޔިތުންގެ މަޖިލީހަށް ވެންނެވީ ތީ. ބްރަދަރ އަބްދުﷲ ފުރިފައި ހުރި ކަޅު ދަބަހެއް އަޅުވައިގެން މި ރައްޔިތުންގެ މަޖިލީހަށް ވެންނެވީތީ މި ރައްޔިތުންގެ މަޖިލީހުގައި ލަދުވެތި ދުވަހެއް. އަލައްބާރުގެ ފައިސާ، އީގަލް ހިލްސްގެ ފައިސާ މި ރައްޔިތުންގެ މަޖިލީހަށް ފޯރައިފި. ދިވެހީންގެ ޖީބަކަށް ޑޮލަރެއް ނުވަދޭމީކާއިލް އަހުމަދު ނަސީމް
އެކަމަށް ރައްދުދެއްވައި، ނިޒާމީ މައްސަލައެއް ނަންގަވައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިނިސްޓަރު މުއްތަލިބް ވަޑައިގަތީ މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވުމަށް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅިގެން ސާބިތު ނުހިފޭ ވާހަކަ މަޖިލިސް ތަޅުމުގަ ނުދެއްކެވުމަށް މީކާއިލް އަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
މީކާއިލް ވިދާޅުވީ އެއީ ނިޒާމީ މައްސަލައެއް ކަމަށް ފެނިވަޑައިގަންނަވާނަމަ ބްރަދަރ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ފުރިފައިވާ ކަޅު ދަބަހެއް ހިއްޕަވައިގެން އާދިއްތަ ދުވަހުގެ ރޭ ވަޑައިނުގަންނަވާކަން ރިޔާސަތުން ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެން ވެސް މީކާއިލް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ދިވެހިރާއްޖެ އަށް ޑޮލަރު ވަދެއްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ޑޮލަރު ވަދެއްޖެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އާންމު ރައްޔިތެއްގެ ޖީބަށް ޑޮލަރު ނުވަނަސް، ރައްޔިތުންގެ މަޖިލިސް ޑޮލަރުން ތިޔާގިވެއްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ޑޮލަރުން ތިޔާގިވެއްޖެ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
މި ރައްޔިތުންގެ މަޖިލީހަށް ރިޝްވަތުގެ ކަޅު ފައިސާ ވަދެއްޖެ. މި ކަޅު ފައިސާގައި ޖެހިގެން ވަގުތީ ފައިދާ އަށް އަޅުގަނޑުމެން މިކަން ކުރާނަމަ އަޅުގަނޑުމެންގެ އަނބިދަރީންނަށް ކާންދެވޭނީ ޒަހަރު. މިހެން ނަހައްދަވާށޭ. މިފަދަ ބިލުތައް މި ރައްޔިތުންގެ މަޖިލީހުން ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން މިފަދަ ބިލުތައް ފާސްނުކުރައްވާށޭ. ބޮޑު މަހުޖަނެއްގެ ނުފޫޒުގައި ޖެހި މި ރައްޔިތުންގެ މަޖިލިސް މިހާ ކިލަނބުވެގެންދާ މަންޒަރު ބަލަން އަޅުގަނޑުގެ ހިތަކަށް ކެތެއް ނުވޭ. ރޭގެ ވަގުތެއްގައި ބްރަދަރ އަބްދުﷲ ދުބާއީ އިން ވަޑައިގެން މި ރައްޔިތުންގެ މަޖިލީހަށް ކަޅު ފައިސާ ވައްދައިފި އޭ. މި ރައްޔިތުންގެ މަޖިލީހުގެ އަނގަތަކުގައި ތަޅުއަޅުވައިފި އޭ. މަލަން އަލުވައިފި އޭ. މިއީ ހަގީގަތް. ހުރިހާ ބޭފުޅުން މި ތިއްބެވީ ހަނު. 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފިމީކާއިލް އަހުމަދު ނަސީމް
އެކަމަށް ރައްދުދެއްވުމަށް ނިޒާމީ މައްސަލައެއް ނަންގަވައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މިނިސްޓަރު ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް ކަމަށެވެ. އާރަށުން ވަޑައިގެންނެވި ގޮތަށް މިނިސްޓަރު ވަޑައިގެންނެވީ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ކަމަށް މެންބަރު އިސްމާއީލް ވިދާޅުވި އެވެ. އެއާއެކު މަޖިލިސް ތަޅުން ހޫނުވެ، އެންމެ ފަހުން މެންބަރު މީކާއިލްގެ ނަން އިއްވައި، ތަޅުމުން ވަނީ ބޭރުކޮށްފަ އެވެ.











