"ކޫލް ސްކޫލް" މަޝްރޫއު: ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގައި 2025 ގައި އޭސީ ހަރުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް 103 ސްކޫލެއްގެ މަސައްކަތް ނުނިމޭ!
23 ނޮވެމްބަރު 2026 | ހޯމަ 15:36ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން މިހާތަނަށް 113 ސްކޫލެއްގެ 192 ކްލާސްރޫމާއި 80 ހޯލެއްގައި އޭސީ ހަރުކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ. އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީކުރުމަށް ފެށި މި މަޝްރޫއު 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމުމަށް ސަރުކާރުން އަމާޒު ހިފި ނަމަވެސް މި މަސައްކަތް ނިންމުމަށް ބާކީ 103 ސްކޫލެއް އެބައޮތް


ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ސަރުކާރު ސްކޫލުތަކުގެ ކްލާސް ރޫމްތައް ފިނިކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ހުރިހާ ކްލާސް ރޫމުތަކެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ނިޔަަލަށް ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އަދި އޭސީ ކުރެވުނީ 113 ސްކޫލެއްގެ ކްލާސް ރޫމްއެއްގައި ކަން ހާމަވެއްޖެ އެވެ.
މިކަން ހާމެވަފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކުންނެވެ. ސަރުކާރުން 156 ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއެކު އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޕޯސްޓުގައި ވަނީ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން 113 ސްކޫލެއްގައި އޭސީ ހަރުކޮށް ނިންމާ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ސްކޫލްގެ 192 ކްލާސްރޫމްގައި އޭސީ ހަރުކޮށް ނިމިފައިވާ ކަމަށާއި 80 ސްކޫލްގެ ހޯލްގައި އޭސީ ހަރުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގައި ސަރުކާރު 217 ސްކޫލް ހުންނައިރު، ބާކީ 103 ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމާނުލެވޭ ކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް ފިނިކުރުމަށް "ކޫލް ސްކޫލް" މަޝްރޫއު ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ. މަޝްރޫއު ރަސްމީކޮށް އިފުތިތާހުކުރީ މާފުށި ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހުރި ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސް ރޫމްތަކެއް އިއާދަކުރަނިވި ހަކަތައިގެ ބޭނުންކޮށް އޭސީކޮށްދީ، ފިނިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން، މުޅި ރާއްޖޭގައި އެ މަސައްކަތް ނިންމަން އަށެއްކަ މަސްދުވަސް ބޭނުންވާނެ ކަމަށާއި އަމާޒަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް މަސައްކަތް ނިންމުން ކަމަށް އޭރު ރައީސް މުއިއްޒު ވިދާޅުވި އެވެ. ހަމައެއާއެކު، ހުރިހާ ކްލާސް ރޫމުތަކެއް އޭސީކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.











