އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް
9 ނޮވެމްބަރު 2026 | ހޯމަ 13:05އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ ބިލެއް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި. މި ބިލަކީ ފާޑުކިޔުންތަކާއި ނޫސްވެރިކަން ހަންމަތަކޮށް، ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި. ނަމަވެސް، މިފަދަ ގާނޫނުތަކުން ހަގީގަތް ފޮރުވައި، ބަވަނަވެފައިވާ ދުނިޔެއެއްގައި މީހުންގެ އަނގަ ބަންދު ނުކުރެވޭނެ


މި ސަރުކާރުން ސިޔާސީ ބޭނުމުގައި ސިޔާސީ މީހަކު ހައްޔަރު ނުކުރާނޭކަމަށް ރައީސް ވިދާޅުވެއްޖެ | ރައީސް އޮފީސް
މީހުން ބުނެ އުޅެ އެވެ. ހަސަނަށް ހީވާނީ ފުޅަށް ބޭރުން ދިޔަޔަސް އެއުޅެނީ ކެޔޮގަނޑު ކަނޑާލާން ވެގެންނެވެ. އެކަމާ މެދަށް ހަސަނު ހުންނާނީ އަމަށަކު ބިރެއް ގަނެފައެއް ނޫނެވެ. އެކަމަށް ފުޅަފުން އާނގަ ކަނޑައިގެން ވެސް ބަލަން އޮވެދާނެ އެވެ.
އެބީދައިން ބަލާއިރު ރައީސް މުއިއްޒު ވެސް އެ ހުންނަނީ ތާ އަބަދުމެ ފިކުރު ބޮޑުވެފަ އެވެ. ދެން ކިޔާފާނެ އެއްޗަކާމެދު ވިސްނާލަ ވިސްނާލަ އެވެ. ކަންކުރާ ގޮތާއި ކަންކުރާން ބުނެގެން އައި ގޮތް ދިމާ ނުވީމާ ރައްޔިތު މީހާ ގޮވާފާނެ އެއްޗަކަށް ރޫރޫއަޅައަޅަ އެވެ. ކުދިސޮރުމެން ޔޯލަ ކޮށްލާފައި ވެސް އަދި އަނގަ މަޖަލަށް ވެސް ކިޔާފާނެ އެއްޗަކަށް ހީބިހި ނަގަ ނަގަ އެވެ.
ވާނީ ވެސް އެހެންތާ އެވެ. ގިނި ދުށްމީހާ ރަތްމަލަށް ބިރުގަންނަ ބީދައިން، އަމިއްލައަށް ކުރެވުނު ކަންކަމާހުރެ އެހެން ބަޔަކު އެހެން ކޮށްފާނެތީ ގަންނާ ކުރައްވާ ބިރުންނެވެ.
ވެރިކަމަށް އަންނާން އެ ދެއްކިހާ ދޮގު ވާހަކަތަކާއި ޖެހި ސަކަރާތާއި ނެރުނު މާއްޔާއި ކުޅުނު ޑްރާމާތައް އަދި މަޖާވެފައި ދެއްކި ސަޅިބައިސާތަކުގައި މީހުންގެ އަބުރަށް އެރުނު ވަރު އެނގޭނީ އެކަން ކުރި ބަޔަކަށްތާ އެވެ. ގާތުގައި ގެންގުޅުނު ކުދިންނާއި ކެންޕޭނުގައި އަތްގާތްކޮށްދިން ކުދިންނާ ނަގާކިޔާއުޅުނު މީހުން ރޭވި މަޅިތައް އެނގޭނީ ބޮޑު މީހާއަށްތާ އެވެ.
މީހުން ބުނެ އެވެ. އެފަދަ މީހުން އެމީހަކާ ދިމާލަށް އައިސްދާނެ ކަމަކަށް ނިކަން ފަރުވާވެވޭތޯ ބަލާނެ އެވެ.
ވަކިވާހަކައެއް ދެއްކިޔަ ނުދޭން ބޮޑު "ގެގް އޯޑަރެއް" ނެރުނެވެ. ނޫސްވެރިން ހަންމަތަ ކުރުމުގެ ބޭނުމުގަ އެވެ. އެއްޗެއްގެ އަގު ކިޔައިދީފިއްޔާ މީހާ ދަރަނިން ބޯހިއްލާ ނުލެވޭވަރުގެ ޖޫރިމަނާއެއް މަތިކޮށް އެއަށް ވެސް ގާނޫނެއް ހަދައި ފިއެވެ. ވީކަމެއް ހަތްހަރާމުން ހަރާމެވެ. ދައްކާ ވާހަކައާއި ކަންކުރާ ގޮތުގެ ވާހަކައިގެ ބުންޒީލަވީ ބާރެވެ.
މައިތިރިއެއް ނުކުރެވުނެވެ. މޮޅުހިންތާއެއް ކުރާން މަޖްބޫރުވެއްޖެ އެވެ. މިއަދު އެ ވައްޓާލީ އަނެއްކާ އަނެއް ގާނޫނުގެ ބިލެވެ. އަބުރުގެ ގާނޫނެވެ.
މި ބިލް ހުށަހެޅުއްވިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒު އެވެ. އެކަން އިއުލާން ކުރައްވަމުން ރައީސް މުއިއްޒު އެ ޖެއްސެވީ ވަރުހުރި މައްޗެކެވެ. ކީރިތި ރަސޫލާގެ ހަދީޘްގެ މާނަ ނަންގަވައިގެން ސީދާ ދީނީ ކާޑަކުންނެވެ. ރަނުން ރަނަށް ހަނދާން ކޮށްދެއްވީ ދީނުގައި އޮތް ގޮތެވެ.
އެއްވެސް މީހަކު އަނެއް މީހާގެ އަބުރަށް އަރައިގަތުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި ކޮންމެ މީހެއްގެ ވެސް އިއްޒަތުއް ނަފްސެއް އޮންނާނެ ވާހަކަ އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ އަބުރަށް އެހެން މީހަކު އަރައިގަންނަން ބޭނުން ނުވާނެ ވާހަކަ އެވެ.
"އެންމެންނަށް ހަމަހަމަ ކަމެއް އެއީ. އެއްވެސް މީހަކަށް ހައްގެއް ނޫން އަނެކާއާ މެދު ދޮގު ވާހަކަ ދައްކައި އަބުރަށް އަރައިގަތުމަކީ. ތިން ވަނަ ބިލެއްގެ ގޮތުގައި އަޅުގަނޑު މިއަދު މަޖިލީހަށް މި ހުށަހެޅި ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ބިލް" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުއްވީ އަބުރަށް އަރައިގެންފި ހިނދެއްގައި މަދަނީ މިންގަނޑުތަކުން އަދަބު ދިނުމަށް ކަމަށެވެ. އަދި މިއީ ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށް ލިބިދޭ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު އަމަލީ ގޮތުން ތަންފީޒް ކުރުމުގެ މޭރުމުން އެ ހައްގުތަކުގެ ދަށުން ލިބިދެވޭނެ ގާނޫނީ ހިމާޔަތް ބަޔާންކޮށް ވަކި އަމަލަކީ އަބުރާ ބެހުންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މިންގަނޑު ބަޔާންކޮށް އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅައި އަބުރާ ބެހުމުގެ ސަބަބުން އަބުރާ ބެހެވޭ ފަރާތަށް ލިބިދެވޭނެ ފަރުވާތަކާއި އެނޫން ވެސް ކަންކަމާ ގުޅޭ އެންމެހާ އުސޫލުތައް އެ ބިލުގައި ވާނޭ ކަމަށެވެ.
އެ ބިލުގައި އަބުރާ ބެހެވިދާނެ ބާވަތްތަކާއި، އަބުރާ ބެހެވިދާނެ ތަކެތި ވެސް ވަރަށް ތަފްސީލްކޮށް މުއިއްޒު އިއުލާން ކުރެއްވި ބިލުގެ ޑްރާފްޓް ބައްލަވައިގެން އަކުރުން އަކުރަށެވެ.
"ދޮގުބަހެއް ދޮގު މައުލޫމާތެއް ދިނުމާ ބެހޭގޮތުން އެއީ ދައްކާ ވާހަކައަކުން ނުވަތަ ބުނާ ބަސްތަކަކަކުން، ނުވަތަ ދޭ މައުލޫމާތަކުން، ނުވަތަ ޝާއިއުކުރާ ލިޔުމަކުން، ނުވަތަ ކުރަހާ ކުރެހުމަކުން، ނުވަތަ ފޮޓޯއަކުން ނުވަތަ ތަސްވީރަކުން މިހެންގޮސް ރޭޑިޔޯ ޓީވީ މެދުވެރިކޮށް ބްރޯޑްކާސްޓްކުރާ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ޝާއިއުކުރާ ލިޔުމަކުން ނުވަތަ ވާހަކައަކުން، ނުވަތަ ފޮޓޯއަކުން ލަވަޔަކުން އެނޫން ވެސް މައުލޫމާތަކުން ތަސްވީރަކުން، ފާޑަކުން މިއިން އެއްވެސް ޒަރީއާއަކުން މީހަކާ ބެހޭގޮތުން ދޮގު ވާހަކައެއް ފަތުރައިފިނަމަ މީހާގެ އަބުރަށް އަރައިގެންކަމަށް ކަނޑައެޅިގެންދާނެ." މުއިއްޒު ވިދާޅުވި އެވެ.
ވާ ސަރީ އެވެ. މީހަކު ވަށާލައި ބައްދާލެވޭނީ މިހާ ވަރަށެވެ. މީގައި މިވާގޮތުން މިސަރުކާރާމެދު ނުރުހިގެން ބަހެއް ހިސާބު ބުނެލުމަކީ ބިރުހުރި ކަމެކެވެ. އިދިކީލި ޚިޔާލެއް ފާލުކުރިއަސް ކަންތަކަ ޖެހުނީ އެވެ. އަމުދުން ކަންކުރާ ގޮތަކާމެދު ބަހެއް ބުނެފިތަ ދެން އެމީހެއްގެ ހަތަރެސްކަން އެ ހަމަވީ އެވެ.
އެއްޗެއް ބުނެފިތަ އެއީ ބައެއްގެ އަބުރަށް އަރައިގެންކަމަށް އިސާހިތަކު ކަނޑައަޅާފާނެ އެވެ. އަދި އެކަން ސާބިތު ކުރާކަށް މުއިއްޒުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ޖުޑިޝަރީން ނިންމާލުމަކީ ފެންތައްޓެއް ބޮއެފައި ވައެއްލުންހާ ފަސޭހަ ކަމެކެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ ވާހަކަ ސުޕްރީމް ކޮޓަށް ހުށަހެޅުނީމާ ވެގެންދިޔަ ގޮތަކީ ދިރިހުރި މިސާލެކެވެ.
އަބުރާ ބެހުމުގެ ކުށަށް ދޭ އަދަބުގެ ޖޫރިމަނާ ވެސް އެ ކަނޑައަޅާލީ މީހަކު ފިތްކަނޑައިގެންދާވަރަށެވެ. އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި އެ ވަނީ ހިމަނާފަ އެވެ.
ކޮންމެއަކަސް ބުނާ ބަހަކުން ދައްކާ ފޮޓޯއެއް ނުވަތަ ކުރެހުމެއްގެ ސަބަބުން ނޫންނަމަ ވަކި މީހަކު ސިފަވާގޮތަށް ހަދާފައި ހުންނަ ތަކެތި މެދުވެރިކޮށް ނުވަތަ ހަދާ ފިލްމަކުން ނުވަތަ ތަމްސީލެއްގެ ސަބަބުން ވެސް އަބުރާ ބެހެފިކަމަށް ކަނޑައަޅާ އެ ބޮޑު އަދަދު ދައްކަން ޖެހިދާނެ އެވެ.
އޭގެ އިތުރުން، މީހަކު ކުރާ އިޝާރާތެއްގެ ސަބަބުން ނުވަތަ ކުރާ ހަރަކާތެއްގެ ސަބަބުން ވަކި ފަރާތެއްގެ އަބުރާބެހެވޭ ފަދަ އެއްޗެއް ސިފަކުރެވިގެން ނުވަތަ ވިސްނި، ދޭހަވިޔަސް އެ ބިލުގައި ވާގޮތުން އަބުރުގެ ދައުވާ ކުރެވެ އެވެ.
އެކަމަކު ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ތަޅު އަޅުވާ ދަނޑިމާރު އަޅައިގެން މިހާރު ހަގީގަތެއް ނުފޮރުވޭނެ ކަމާއި ބަޔަކު އޮބި ނޭޅުވޭނެ ކަމެއް ހިންގާ ޖަރީމާތައް ފާޅުކޮށް އެ ވާހަކަތަކުގެ އަޑުތަކެއް ކަނޑުވާ ނުލެވޭނެ ކަމެވެ. އިންޓަރނެޓާއި އެހެނިހެން ވަސީލަތްތަކާއި އަމިއްލަ އީޖާދީ ގޮތްތަކުން އެކަން މާޒީވެއްޖެ އެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި ދިވެހިން ވެސް ހޭލައި، ބިރު ފަހަނައަޅާ ހިނގައްޖެ އެވެ. އަނެއްކާ ވެސް އަނގަތަށް ބަންދު ކުރުމަށް ބޮޑު މަޅިއެއްގެ ގޮތުގައި ގެނެވޭ އަބުރުގެ ބިލަކުން މީހުންނަށް ކަހެރުވަކެކޭ ވެސް ހީ ނުވާނެ އެވެ.










