Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައުމާއި ދީން

ދީނީ ވަހުދަތާއި ސިޔާސީ މަންފާ: އަދާލަތުގެ އައު އިއްތިހާދާއެކު އުފެދޭ ސުވާލުތައް، ގައުމީ ރޫހާއި ދީން ފެންނަނީ ފައިސާ އާއި މަގާމު ލިބުނު މިންވަރަކުން ހެއްޔެވެ؟

15 ނޮވެމްބަރު 2026 | އާދީއްތަ 09:37

ސިޔާސީ މަންފާއަށްޓަކައި ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ޕާޓީތަކުން، މިހާރު ހިނގަމުންދާ ދީނާ ޚިލާފު ކަންކަމާއި ކޮރަޕްޝަނުގެ މައްސަލަތަކުގައި ހަނު ތިބޭތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. ވަކި ބަޔަކު ވެރިކަމުގައި ތިބޭއިރު އަޑުއުފުލި ނަމަވެސް، މިއަދު ފައިސާ އާއި މަގާމުގެ ދަހިވެތިކަމުގައި އުސޫލުތައް ގުރުބާން ކުރަމުންދާކަމަށް ގިނަ ބަޔަކު ފާހަގަކުރޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 15 ނޮވެމްބަރު 2026 | އާދީއްތަ 09:37
ދީން ސިޔާސީ ހަތިޔާރަކަށް ހަދާ ކަމަށް ބުނާ ވާހަކައަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވާދަވެރި ފަރާތްތަކުން ތަކުރާރުކޮށް ކުރަމުން އަންނަ ތުހުމަތެއް

ދީން ސިޔާސީ ހަތިޔާރަކަށް ހަދާ ކަމަށް ބުނާ ވާހަކައަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވާދަވެރި ފަރާތްތަކުން ތަކުރާރުކޮށް ކުރަމުން އަންނަ ތުހުމަތެއް | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ދީން ހަތިޔާރަކަށް ހަދައިގެން ރައްޔިތުންގެ ޖަޒުބާތުތަކާ ކުޅެ، ވެރިކަމުގެ ބާރުތަކަށް ވާސިލުވުމަށް އެތައް ކަމެއް ވަނީ ހިންގާފަ އެވެ. މިއަދު ފެންނަމުންދާ މަންޒަރުތަކާއި ސިޔާސީ ޕާޓީތަކުގެ، ޚާއްސަކޮށް އަދާލަތު ޕާޓީ ފަދަ ދީނީ ޝިއާރުތައް އުފުލާ ފަރާތްތަކުގެ ހިމޭންކަމާއި ނިންމުންތަކުން ދައްކުވައިދެނީ، އުސޫލުތަކަށްވުރެ މަސްލަހަތާއި ފައިސާ ކުރިއަށް ނެރެފައިވާ މިންވަރު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އޮގަސްޓް 18، 2005 ގައި ވުޖޫދަށް އައި އަދާލަތު ޕާޓީއަކީ، މީގެ ކުރިން ރާއްޖޭގައި އުފެދުނު އެކި ސަރުކާރުތަކުގެ ކޯލިޝަންތަކުގައި  ދައުރެއް އަދާކޮށްފައިވާ ސިޔާސީ ޕާޓީއެކެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އެކުލަވައިލެވުނު ސަރުކާރުތައް ހިމެނެ އެވެ.

މި ހިނގާ  ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި މިހާރުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

އަނެއްކޮޅުން، އަދާލަތު ޕާޓީން ދީން ސިޔާސީ ހަތިޔާރަކަށް ހަދާ ކަމަށް ބުނާ ވާހަކައަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވާދަވެރި ފަރާތްތަކުން ތަކުރާރުކޮށް ކުރަމުން އަންނަ ތުހުމަތެކެވެ. ސިޔާސީ ވާދަވެރިން ތުހުމަތުކުރާ ގޮތުގައި، އެ ޕާޓީން ދީނީ ޝިއާރުތަކާއި ބަސްމަގު ބޭނުންކުރަނީ ސަރުކާރުތަކަށް ނުފޫޒު ފޯރުވުމަށާއި، ކޯލިޝަންތަކުގެ ތެރެއިން ސިޔާސީ މަގާމުތަކާއި ބާރުތައް ހޯދުމުގެ ބޭނުމުގަ އެވެ. އެގޮތުން، 2011 ވަނަ އަހަރު ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް "ދީން ހިމާޔަތްކުރުމުގެ" ނަމުގައި ބޭއްވި މުޒާހަރާތަކަކީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ހިންގި ހަރަކާތްތަކެއް ކަމަށް އޭރުގެ ސަރުކާރާއި އެމްޑީޕީގެ އިސް ފަރާތްތަކުން ސިފަކޮށްފައިވެ އެވެ.

ސިޔާސީ ތަޖްރިބާކާރުން ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ ތެރޭގައި އެ ޕާޓީ ހިމެނޭ ދުވަސްވަރު ހަނުހުންނަ ބައެއް ކަންކަމުގައި، އިދިކޮޅު ސަފަށް ބަދަލުވާ ހިސާބުން ދީނީ ނަޒަރިއްޔާތުން ފާޑުކިޔުންތައް އަމާޒުކުރަން ފަށަ އެވެ. އެ ޕާޓީގެ އިސް ސަފުގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ތިއްބެވުމާއެކު، ސިޔާސީ ވާހަކަތަކުގައި ދީނީ ދަލީލުތައް ބޭނުންކުރުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް، މިކަމުގެ ސަބަބުން ސިޔާސީ ޚިޔާލުތަފާތުވުންތައް، ދީނީ ބޮޑެތި މައްސަލަތަކަކަށް ބަދަލުވެގެންދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދެކެ އެވެ.

ހަނދާނުގެ ސަފުހާތައް ފަހަތަށް ޖައްސާލާއިރު، 2022 ޖޫން 21 ވަނަ ދުވަހަކީ ދިވެހި ތާރީޚުން ފަސޭހައިން ފޮހެލެވޭނެ ދުވަހެއް ނޫނެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށްޓަކައި އޭރުގެ ސަރުކާރުން ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައި ކޮމިޝަން ގުޅިގެން ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތަކީ ދީނާ ޚިލާފު ކަމެއް ކަމަށް ބުނެ ބަޔަކު ވަދެގަތެވެ. ބޭރުގެ ސަފީރުންނާއި ދައުލަތުގެ އިސްވެރިން އަދި އާންމުން ތިބި އެ ހަރަކާތް ފެށުނުތަނާހެން، ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކާއި ދަނޑިބުރިތައް ހިފައިގެން ތިބި ބަޔަކު ފެންސުތައް ފަޅައި، ބެރިކޭޑްތައް ފޫއަޅުވާލުމަށްފަހު ވަދެ މީހުންނަށް ހަމަލާދީ، ތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެހާވެސް އެދުވަހު ދީނީ ރޫހު ވަރަށް ވަރުގަދަ އެވެ.

ނަމަވެސް ބުނަންހެއްޔެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި ވެސް ޔޯގާއާ ގުޅުންހުރި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން، އިންޑިއަން ހައިކޮމިޝަނުން އިސްނަގައިގެން 2025 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ 11 ވަނަ ޔޯގާ ދުވަހުގެ ހަރަކާތުގައި، ސަރުކާރުގެ ފަރާތުން ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރެވެ. އަދި 2026 ވަނަ އަހަރުގެ ޔޯގާ ދުވަސް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި ހުޅުވި ޔޯގާ ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. މިކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރުނު ނަމަވެސް، މީގެ ކުރިން މިފަދަ ކަންކަމުގައި ފެނިގެންދިޔަ ފަދަ ވަރުގަދަ އާންމު އިހުތިޖާޖުތަކެއް މިފަހަރު ފެނިފައެއް ނުވެ އެވެ. ނަމަވެސް ހަގީގަތަކީ، ވެރިކަން ބަދަލުވި ނަމަވެސް، ހިނގަމުންދަނީ ހަމަ އެއް ކަންތައްތަކެއް ކަމެވެ.

އެ ދުވަހު އެކަން އެގޮތަށް ހިނގައިދިޔައީ، ވެރިކަމުގައި އޭރު ތިބީ އެ މީހުން ނުރުހޭ ބަޔަކަށް ވާތީ އެވެ. ދީނީ ކަންކަމުގައި ކެކިއަރައިގަތީ ސިޔާސީ މަންފާ އެއް ހާސިލުކުރުމަށެވެ.

ނަމަވެސް، މިއަދުގެ ހާލަތަކީ ކޮބައިހެއްޔެވެ؟ ވެރިކަން ބަދަލުވި ނަމަވެސް ހިނގަނީ ހަމަ އެއް ކަންތައްތަކެކެވެ. މިއުޒިކް ޝޯތައް އެއްވެސް ހުރަހެއްނެތި ދަނީ ބާއްވަމުންނެވެ. ނޮވެންބަރު މަހުގެ ތެރޭގައި ވެސް ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓުތަކަކީ ވެސް ދިވެހި ދައުލަތުގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ސަރަހައްދުތަކެކެވެ. އެހެންކަމުން، އެފަދަ ތަންތަނުގައި ވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު އެއްވެސް އަމަލެއް ހިންގުމަކީ ޤާނޫނީ ގޮތުން ހުއްދަކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ކެކިއަރައިގަތް ހެއްޔެވެ.

ނަމަވެސް، މިފަދަ ބޮޑެތި މައްސަލަތަކުގައި އެ ޕާޓީއާއި ދީނީ ކަންކަމުގައި އަޑު އުފުލާ ފަރާތްތައް ތިބީ ހަނުހިމޭނުންނެވެ. އެ ފަރާތްތަކުން މިކަމާ މެދު އެއްޗެއް ބުނަން ޖެހިލުންވެ، ވާހަކަދައްކަނީ ހަގީގަތް އޮއްބާލެވޭ ފަދަ ގޮތަކަށެވެ. މިފަދަ ހާދިސާ އެއް އެހެން ވެރިކަމެއްގައި ހިނގި ނަމަ، މިއަދު މިކަމާމެދު ދެކޭނެ ގޮތާއި އުފެދޭނެ އަޑުތައް ހިތަށް ގެންނަވާށެވެ.

އެއް އިރެއްގައި "ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް" ނަމުގައި ގައުމިއްޔަތު އުތުރިއަރައިގެން ދެއްކި ވާހަކަތައް މިއަދު ވަނީ ވަޅުޖެހިފަ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކައިގެން، އީގަލް ހިލްސް ފަދަ ބޭރުގެ ކުންފުނިތަކަށް 99 އަހަރަށް ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީ ނިންމައިފި އެވެ. ފަލަސްތީނުގެ މުސްލިމުން ކަތިލަމުންދާ ޔަހޫދީންނާ ގުޅުން އޮތް ފަރާތްތަކަށް މިފަދަ ބޮޑެތި މަންފާތައް ހޯދައިދީ، މަގުފަހިކޮށްދެމުންދާއިރު، މި ވިދާޅުވާ ދީނީ އިލްމުވެރިންނާއި ޕާޓީތަށް ތިބީ ޑިޕޮލޮމެޓިކްވެގެންނެވެ.

މިއަދު ކޮރަޕްޝަން ވަނީ އިންތިހާއަށް ގޮސްފަ އެވެ. ކޮރަޕްޝަނުގެ ފައިސާ ދައުރުވަމުންދާ ގޮތް އަމިއްލަ ނަފްސަށް އޮޅުވާލި ނަމަވެސް، އެކަން ހާމަވާނެ ދުވަހެއް އަންނާނެ އެވެ. ވެރިމީހާ ދޮގު ހެދުމުން ކުރި ހޯއްދަވައި، އެތައް ތުހުމަތުތަކެއް ފުނިޖެހިފައިވާއިރު، ރަސްމާލެ މަޝްރޫއުން ލާރި ދިން ކަމަށް އެކަމާ ގުޅުންހުރި މީހުން އަމިއްލައަށް ކިޔައިދެމުން އެބަދެ އެވެ. ރައީސް މުއިއްޒު މޫނުމައްޗަށް ރީތި، މަޑުމައިތިރި ސިފަތަކެއް ގެންނަވައިގެން ރައްޔިތުން ގުބޯ ހައްދަވަމުން ގެންދަވާއިރު، ދީނުގެ ނަމުގައި ވަކާލާތުކުރާ އަދާލަތު ފަދަ ޕާޓީތަކަށް މީގެ ތެރެއިން އެއްވެސް ކަމެއް ނުފެނެ އެވެ. ސީދާ ބަހެއް ބުނެލުމުގެ ހިތްވަރެއް ނެތި، ދުރުދުރުން ވާހަކަތައް ފަށައި، ހަގީގަތް ފޮރުވަން މަސައްކަތް ކުރަނީ އެވެ.

މި ހުރިހާ ކަމަކުން ސާބިތުވަނީ ހިތި ހަގީގަތެކެވެ. ދީނޭ ކިޔައިގެން ވާހަކަ ދައްކާ ފަރާތްތަކަށް ވެސް، ފައިސާގެ ބޮޑެތި ހުށަހެޅުންތަކާއި، ސިޔާސީ މަގާމުތަކާއި ވަޒީފާތަކުގެ ދަހިވެތިކަމުގައި ދީނާއި އުސޫލުތައް ގުރުބާން ކޮށްލެވިދާނެ ކަމެވެ. ގައުމީ ރޫހާއި ދީން މި މީހުންގެ ކިބައިން ފެންނަނީ ފައިސާ ލިބުނު މިންވަރަކުންނެވެ. ހުރިހާ ކަމެއް ގޮސް ނިމެނީ އަދި ގުޅި ލާމެހެނީ ފައިސާއާ އެވެ. ދީނާއި ގައުމަށްޓަކައޭ ކިޔައިގެން މިފަދަ ފަރާތްތަކުން ވާހަކަދައްކަން މިއަދު ލަދުގަންނަން ޖެހެ އެވެ.

މިއަދު ވެރިކަމުގައި ތިބީ ތިމާމެން ނުރުހޭ ސިޔާސީ ފިކުރެއް ނަމަ، ދީން ނުރައްކަލަށް ވެއްޖެ ކަމަށް ބުނެ މަގުތައް ފުރާލައި ހަމަނުޖެހުން ހިންގާނެ އެވެ. ނަމަވެސް، ވެރިކަމުގެ ހިއްސާއާއި މަންފާ ލިބޭނަމަ ކޮންމެ ފަދަ މުންކަރާތަކަށް ވެސް ލޯ މަރާލައިގެން ތިބެނީ އެވެ. ސިޔާސީ ގޮތުން ވިސްނި ނަމަވެސް، "މީހެއް ވެއްޖިއްޔާ ގޮތެއް އޮންނަންވާނެ" ބުނާ ބީދައިން، ޕާޓީއެއް ވެއްޖިއްޔާ ސާބިތު އުސޫލުތަކެއް ހުންނަންވާނެ އެވެ. ދީނީ ތާކިހާ އަޅައިގެން، އަމިއްލަ އެދުމަށްޓަކައި ދީން ބޭނުންކޮށް، ރައްޔިތުންނަށް ނުބައި ތަސައްވުރެއް ދެއްކުމަކީ ގައުމަށާއި ދީނަށް ވެވޭ އެންމެ ބޮޑު ޚިޔާނާތެކެވެ. އަދާލަތުގެ ނިންމުމުންނާއި ހިމޭންކަމުން މިއަދު ބުނެދެނީ އެ ބޭފުޅުންގެ އިޚްލާސްތެރިކަމެއް ނެތް ކަމާއި، ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ އަމިއްލަ މަންފާއާއި ފައިސާގެ މައްޗަށް ކަމަށް ބުނާ ބުނުމުގެ އަޑު މިވަނީ ގަދަވާން ފަށާފަ އެވެ.

ދީނާއި ގައުމިއްޔަތުގެ ނަމުގައި ވަކާލާތުކުރާ ބައެއް ފަރާތްތަކުގެ ގައުމީ ރޫހާއި ދީނީ ލޯބި ފެންނަނީ ހަމައެކަނި އެމީހުންނަށް ފައިސާއާއި މާއްދީ މަންފާ ލިބުނު މިންވަރަކުން ކަމަށް އާންމުން ދަނީ ބުނަމުންނެވެ. މިފަދަ ނުރައްކާތެރި އޮއިވަރަކުން ގައުމު ސަލާމަތްކުރެވޭނީ، ސިޔާސީ ނުފޫޒާއި ފައިސާގެ ދަޅަތަކަށް ހެއްލުމެއްނެތި، ހައްގާއި އިންސާފުގެ މަގުގައި ސާބިތުވެ ތިބޭނެ އިޚްލާސްތެރި ބަޔަކަށެވެ. އެހެންކަމުން، ގައުމީ ރޫހާއި ދީންދެކެ ވާ ލޯތްބަކީ ފައިސާއިން އަގުކުރެވޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، ހަގީގީ ގައުމީ އަދި ދީނީ ވާޖިބު އަދާކުރަންޖެ އެވެ.

އަދާލަތު ޕާޓީރަސްމާލެޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!

15 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހު އެއްވުމެއް، ބޮޑު އެއްވުން ޑިސެމްބަރު 4 ގައި!
15 ނޮވެމްބަރު 2026

މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ

15 ނޮވެމްބަރު 2026
މާ ގިނައިން ދޮގުހަދާ މީހަކާ ދިމާއަށް ކައްޒާބެކޭ ބުނުމަކީ އަދި އިހުތިރާމު ނުކުރުމެއް ނޫން: ވަކީލު މުސްތަފާ
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

14 ނޮވެމްބަރު 2026
ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!
09 ނޮވެމްބަރު 2026

އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް

09 ނޮވެމްބަރު 2026
އަނެއްކާވެސް އަނގަތަށް ބަންދުކުރުމަށް ބޮޑު މަޅިއެއް
08 ނޮވެމްބަރު 2026

ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު

08 ނޮވެމްބަރު 2026
ރަސްމާލެއަށް އަޅާލި ފައިސާގެ އަވައިގައި ހަނު
05 ނޮވެމްބަރު 2026

ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް

05 ނޮވެމްބަރު 2026
ނަޞްރުގެ ދުވަހު މުއިއްޒު ދެއްކެވި މޮޅު ވާހަކަ އާއި ކަން އޮތްގޮތް
05 ނޮވެމްބަރު 2026

ދިވެހިންނަށް "ވާރުތަވި" ސައީދު!

05 ނޮވެމްބަރު 2026
ދިވެހިންނަށް "ވާރުތަވި" ސައީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް