ރައްޔިތުންގެ މަޖިލީހަކީ މިހާރު ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނުވަތަ ގާނޫނަކަށް އިހުތިރާމްކުރާ ތަނެއް ނޫން: މެންބަރު މީކާއީލް
23 ނޮވެމްބަރު 2026 | ހޯމަ 08:32މަޖިލީހުން ގާނޫނުއަސާސީއާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރަސްމާލެ މަޝްރޫއާ ގުޅޭ ގަރާރު އެޖެންޑާ ނުކުރާތީ މެންބަރު މީކާއީލް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. މީގެ އިތުރުން، ބަޖެޓުގެ ސަބަބުން ކާބޯތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ، މި ފަހަރުގެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި


ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހަކީ މިހާރު ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކަށް ނުވަތަ ގާނޫނަކަށް އިހުތިރާމްކުރާ ތަނެއް ނޫން ކަމަށާއި، މި ފަހަރު ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ވެސް ވޯޓު ދެވެން ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި ގަރާރުގެ ކަންކަން ކުރިއަށްދާ ގޮތުން ވެސް މަޖިލިސް ގާނޫނާ އެއްގޮތަށް ނުހިނގާކަން ސާފުވާ ކަމަށެވެ.
އަޅުގަނޑު ހިތާމަޔާއެކު ފާހަގަކުރަން. ރައްޔިތުންގެ މަޖިލީހަކީ މިހާރު އެއްވެސް ގާނޫނުއަސާސީގައިވާ މާއްދާއަކަށް، ގާނޫނަކަށް އިހުތިރާމްކުރުމެއް އޮތް ތަނެއް ނޫން. އިހުތިރާމުގެ ބިޔަ ބޮޑު މަޝްރޫއެއް ފައްޓަވައިގެން ކުރިއަށް ގެންދަވާއިރު، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ސާފު ސަރީހަ އިބާރާތުން ކަނޑައަޅާފައިވާ މުއްދަތުތައް، ރެފަރެންޑަމާ ގުޅުންހުރި ގަރާރެއް ހުށަހަޅައިފިއްޔާ 14 ދުވަހުގެ ތެރޭގައި އެޖެންޑާ ކުރަންޖެހޭނެ ކަމަށްމީކާއީލް އަހުމަދު ނަސީމް
މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ، ގަރާރު އެޖެންޑާ ކުރުމަކީ މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރެއް ނޫން ކަމަށާއި، އެއީ ގާނޫނުއަސާސީ އާއި ގާނޫނުގައި ސީދާ ބަޔާންކޮށްފައިވާ ގޮތް ކަމަށެވެ. އަދި މަޖިލިސް މިހާރު ހިނގަމުންދަނީ ސީދާ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ، މި ބަޖެޓަށް ބަހުސްކުރާއިރު އާންމު ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، އަލުވި، ބިސް އަދި ކެރެޓު ފަދަ ތަކެތީގެ އަގު މިހާރަށް ވުރެ ވެސް ބޮޑުތަނުން އުފުލިގެންދާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ޒިންމާދާރުކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށާއި، މި ހާލަތުގައި މި ފަހަރުގެ ބަޖެޓަށް ވޯޓު ދެވެން ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.











