މި ބިން ވިއްކާ ސަރުކާރު 2028 ގައި އަޅުގަނޑުމެން ބަލިކުރާނަން: މީކާއީލް
18 ނޮވެމްބަރު 2026 | ބުދަ 06:12އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ހުށަހެޅި ބިލަކީ ރައްޔިތުންނަށް އޮޅުވާލުމެއް ކަމަށް މީކާއީލް ނަސީމް ވިދާޅުވެއްޖެ. މި ބިލު އޮތްގޮތުން ޑުއަލް ސިޓިޒަންޝިޕް އޮންނަ އިސްރާއީލު މީހުންނަށް ރާއްޖެ އާދެވޭނެތީ، އެކަން ހުއްޓުވުމަށް އެމްޑީޕީން އިސްލާހު ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް | ރާއްޖެ ޓީވީ
މި ސަރުކާރަކީ ބިން ވިއްކާ ސަރުކާރެއް ކަމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަލިކުރާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަކީ އިސްރާއީލު މީހުން ރާއްޖެއަށް އައުން މުޅިން މަނާވާނެ ބިލެއް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށެވެ.
މީކާއީލް ވިދާޅުވި ގޮތުގައި މި ބިލަކީ ރައްޔިތުންނަކީ ގަމާރުން ކަމަށް ބަލައިގެން، އޮޅުވާލުމުގެ ތެރެއިން ސަރުކާރުން ހުށަހަޅާފައިވާ ބިލެކެވެ.
މީކާއީލް ވިދާޅުވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބިލު އޮތް ގޮތުން، އެ ބިލު ގާނޫނަކަށް ވީ ނަމަވެސް އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ހާއްސަކޮށް އިސްރާއީލުގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތުކަން އޮންނަ ނުވަތަ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުން ރާއްޖެއަށް އައުން މި ބިލުގެ ދަށުން މަނާ ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އިސްރާއީލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭގޮތަށް އެމްޑީޕީގެ ފަރާތުން ބިލަށް އިސްލާހު ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މީކާއީލް އިތުރަށް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކުރަމުންދާ މިފަދަ ކަންކަމުގެ ބަދަލު ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށެވެ. އަދި އިންތިހާބުތަކުގައި ރައްޔިތުން ދޭ ވޯޓުގެ ނަތީޖާއިން އެކަން ސަރުކާރަށް ދައްކައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރުގެ ސަރުކާރަކީ ބިން ވިއްކާ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މި ސަރުކާރު ބަލިކުރާނެ ކަމުގެ ޔަގީންކަން މީކާއީލް ވަނީ ދެއްވާފަ އެވެ.
އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައަކަށް ވާއިރު، މިކަމުގައި ސަރުކާރުން އިހުލާސްތެރިކަމެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.











