ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
13 ނޮވެމްބަރު 2026 | ހުކުރު 05:58ރަސްމާލެ މަޝްރޫއުގެ އަދަދުތަކާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބު ވިދާޅުވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަމަށް މެންބަރު މީކާއީލް ވިދާޅުވި. މީގެއިތުރުން، ލީކުވި އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކޮން ބޭފުޅެއްކަން ސާފުކޮށްދޭންޖެހޭ ކަމަށާއި، އިންޑިއާއާ މެދު ނަފްރަތު އުފެއްދުން ހުއްޓާލައި ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމަށް އޭނާ ސަރުކާރަށް ގޮވާލެއްވި


އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކޮން ބޭފުޅެއްކަން ފުރަތަމަ ސާފުވާންޖެހޭ ކަމަށާއި، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ދިވެހި ރައްޔިތުންނަށް އިތުބާރު ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވިދާޅުވާ އަދަދުތައް ދިމާނުވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ 700 މިލިއަނެއްހާ ރުފިޔާގެ ވާހަކަ ވިދާޅުވުމަށްފަހު، ފަހުން ވިދާޅުވީ 300 އެއްހާ މިލިއަން ކަމަށާއި، އެހެންކަމުން 400 މިލިއަން ދިޔަ ތަނެއް ދިވެހި ރައްޔިތުން ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ލީކުވި އޯޑިއޯއަށް އިޝާރާތްކުރައްވައި މީކާއީލް ވިދާޅުވީ، އަލައްބާރު އެ ވިދާޅުވާ ފަރާތަކީ މިނިސްޓަރު މުއްތަލިބު ކަމަށް ވަރަށް ގިނަ މީހުން ތުހުމަތުކުރާ ކަމަށެވެ.
މި އަލައްބާރު އެ ބުނާ ބްރަދަރ އަބްދުﷲ، ވަރަށް ގިނަ ބޭފުޅުން އެބަ ވިދާޅުވޭ އެއީ އަބްދުﷲ މުއްތަލިބޭ. އެހެންވީމާ އެ ވިދާޅުވަނީ ތިމަންނަ ސަރުކާރުގެ އޮފިޝަލަކަށޭ. ސަރުކާރުގެ އޮފިޝަލެއް ނޫންތޯ މިނިސްޓަރަކީ؟ އެހެންވީމާ ކޮން އަބްދުﷲއެއްކަން ފުރަތަމަ ސާފުކޮށްފައި އަޅުގަނޑުމެންނަށް އަބްދުﷲ މުއްތަލިބުގެ އެ ވާހަކަ ގަބޫލުކުރެވެން އޮތީމީކާއީލް އަހުމަދު ނަސީމް
ހަމައެއާއެކު، އެ އޯޑިއޯގައި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އެ މަޝްރޫއު ހުއްޓުވަން އުޅެނީ އިންޑިއާއިން ކަމަށް ތުހުމަތުކުރައްވާފައިވާތީ މީކާއީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ފާއިތުވި ދެ އަހަރު ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލެވުނީ އިންޑިއާއިން ދިން ބަޖެޓް ސަޕޯޓާއި ކަރަންސީ ސްވަޕް ފެސިލިޓީގެ ސަބަބުންކަން ފާހަގަކުރައްވައި، އެހެން ބައެއްގެ ފައިސާ ފެންނައިރަށް ޒަމާންވީ އެކުވެރި ގައުމުތަކާ ޖެހިގަންނަ މިސްރާބަށް ކަންކަން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މީކާއީލް ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވާނެ ފަދަ ހަމަހަމަ ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އަދި ރާއްޖެއަށް ޒަމާނުއްސުރެ އެހީތެރިވަމުން އަންނަ އިންޑިއާ ފަދަ އެކުވެރި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި ޖެހިގަތުން ހުއްޓާލުމަށް ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މީކާއީލް އިލްތިމާސްކުރެއްވި އެވެ.











