ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް
12 ނޮވެމްބަރު 2026 | ބުރާސްފަތި 08:03ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަކި ޝިއާރެއް ވިއްކައިގެން ކަމަށްވިޔަސް، މިއަދު ފެންނަނީ ފައިސާ ލިބޭ ކޮންމެ ގައުމެއްގެ އުނގަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ވައްޓާލަމުންދާ މަންޒަރު ކަމަށް މެމްބަރު މީކާއީލް ތުހުމަތު ކުރެއްވި. އަދި ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށްވެސް އޭނާ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެން މީކާއިލް އަހުމަދު ނަސީމް | ރާއްޖެ ޓީވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް ކަމަށާއި، ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއާ މެދު މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަ ވޯޓުވެސް ނުލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، މިހާރު މިއޮތް ސަރުކާރުން ވެރިކަމަށް އައީ "އިންޑިއާ އައުޓް" ބެނަރ ޖަހައިގެން އެ ޝިއާރު ވިއްކައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު އެތައް ގޮތަކުން އިންޑިއާގެ އެހީތެރިކަން މި ސަރުކާރުން ހޯދާފައިވާކަން މީކާއިލް ފާހަގަކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ، އިންޑިއާގެ އެހީތެރިކަން ހޯދަމުންދިޔަ ނަމަވެސް، އިތުރު އެހެން ދިމާލަކުން ފައިސާ ފޮއްޗެއް ލިބޭއިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ގައުމެއްގެ އުނގަށް މުޅި ގައުމު ވައްޓާލަމުންދާ ކަމަށެވެ. އަދި އެފަދަ ދަނޑިވަޅުތަކުގައި އަނެއްކާވެސް އިންޑިއާއާ ދެކޮޅު ވާހަކަތައް ދައްކަން ފަށާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހަގީގަތުގައި ރައީސް މުއިއްޒަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ މީހަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ބޭފުޅެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ.
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލޭ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުވަތަ ރެފަރެންޑަމަކަށް ގޮސްފިނަމަ، ރައީސް މުއިއްޒަށް 15 އިންސައްތަ ވޯޓުވެސް ލިބިވަޑައިނުގަންނަވާނެކަން ޔަގީންވާ ކަމަށެވެ. މި ސަރުކާރުން ރެފަރެންޑަމަކަށް ދާން ބޭނުންނުވާ އަސްލު ސަބަބަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މީކާއިލް ފާހަގަކުރެއްވި ގޮތުގައި ރަސްމާލޭ މަޝްރޫއާ ދެކޮޅުވަނީ ހަމައެކަނި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންނެއް ނޫނެވެ. ގައުމުގެ އެތައް ރައްޔިތުންނެއް އެ މަޝްރޫއާ ދެކޮޅަށް ތިބިކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ، ރައްޔިތުންގެ ސީދާ ވޯޓަކަށް ގޮސްފިނަމަ ރައީސް މުއިއްޒު ބޮޑުތަނުން ބަލިވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ އުސޫލުތަކަށް ފާޑުވިދާޅުވަމުން މީކާއިލް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް ކަންކަމުގައި ރައްޔިތުންގެ ގާތުގައި އަހައި، ރައްޔިތުންގެ ބަސް ހޯދަން ބޭނުންވާ ބޭފުޅެއް ނޫން ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ހުރީ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.











