ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026 | ހޯމަ 06:17ރިއަލް އެސްޓޭޓް ބިލުގެ ބަހުސްގައި ހައުސިންގ މިނިސްޓަރު މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކުރައްވައި މީކާއިލް ނަސީމް ވާހަކަދެއްކެވުމުން މަޖިލީހުގެ ތަޅުމުގައި ބޮޑު ހޫނުބަހުސެއް ހިނގައިފި. މި ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ނިޒާމު ގެއްލި، މަސްލަހަތު ނަގާލުމުން ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވައި އޭނާ ތަޅުމުން ބޭރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހުގެ ތަޅުމުން ބޭރުކުރުން | ރައްޔިތުންގެ މަޖިލިސް
ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހަޅުއްވާފައިވާ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ކުރި ބަހުސް ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު މީކާއިލް ވަނީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކަޅު ދަބަހެއް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެން، ރަސްމާލެ ވިއްކާލުމާ ގުޅޭ ބިލަށް ވޯޓު ހޯއްދެއްވުމަށް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ލަދުވެތި ދުވަހެއް. ލަދުވެތި ވަނީ ކީއްވެތޯ؟ ލަދުވެތި ވަނީ ރޭގެ ވަގުތެއްގައި ފުރިފައި ހުރި ކަޅު ދަބަހެއް އަޅުވައިގެން ބްރަދަރ އަބްދުﷲ މި ރައްޔިތުންގެ މަޖިލީހަށް ވެންނެވީ ތީ. ބްރަދަރ އަބްދުﷲ ފުރިފައި ހުރި ކަޅު ދަބަހެއް އަޅުވައިގެން މި ރައްޔިތުންގެ މަޖިލީހަށް ވެންނެވީތީ މި ރައްޔިތުންގެ މަޖިލީހުގައި ލަދުވެތި ދުވަހެއް. އަލައްބާރުގެ ފައިސާ، އީގަލް ހިލްސްގެ ފައިސާ މި ރައްޔިތުންގެ މަޖިލީހަށް ފޯރައިފި. ދިވެހީންގެ ޖީބަކަށް ޑޮލަރެއް ނުވަދޭމީކާއިލް އަހުމަދު ނަސީމް
އެކަމަށް ރައްދުދެއްވައި، ނިޒާމީ މައްސަލައެއް ނަންގަވައި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިނިސްޓަރު މުއްތަލިބް ވަޑައިގަތީ މެންބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވުމަށް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅިގެން ސާބިތު ނުހިފޭ ވާހަކަ މަޖިލިސް ތަޅުމުގަ ނުދެއްކެވުމަށް މީކާއިލް އަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އެއާއެކު މެންބަރު މީކާއިލް ވަނީ އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައިގަންނަ ނަމަ ބްރަދަރ އަބްދުﷲ މި ރައްޔިތުންގެ މަޖިލީހަށް ފުރިފައިވާ ކަޅު ދަބަހެއް ހިއްޕަވައިގެން އާދިއްތަ ދުވަހުގެ ރޭ ވަޑައިނުގަންނަވާކަން ސާބިތުކޮށްދެއްވަން ރިޔާސަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަނެއްކާ ވެސް މިނިސްޓަރު މުއްތަލިބު މަޖިލީހަށް ކަޅު ދަބަހެއް ހިއްޕަވައިގެން ވަޑައިގަތީ މެންބަރުންގެ އަނގައިގައި ތަޅު އަޅުއްވަން ކަމަށް ވިދާޅުވެ މީކާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެކަމަށް ރައްދުދެއްވުމަށް ނިޒާމީ މައްސަލައެއް ނަންގަވައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މިނިސްޓަރު ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް ކަމަށެވެ. އާރަށުން ވަޑައިގެންނެވި ގޮތަށް މިނިސްޓަރު ވަޑައިގެންނެވީ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ކަމަށް މެންބަރު އިސްމާއީލް ވިދާޅުވި އެވެ.
މެންބަރު އެހެން ވިދާޅުވުމާއެކު މެންބަރު މީކާއިލްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ތަޅުމުގައި ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވާފަ އެވެ. އެމްޑީޕީ މެންބަރުންގެ އިތުރުން، ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ އެވަގުތު ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ.
އެންމެ ފަހުން ރިޔާސަތުން ވަނީ ހުރިހާ މެންބަރުންނަށް ވެސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި، ގޮނޑިތަކުގައި އިށީނުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އެންމެ ފަހުން މެންބަރު މީކާއިލްގެ ނަން އިއްވައި، ތަޅުމުން ވަނީ ބޭރުކޮށްފަ އެވެ.











