ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް
14 ނޮވެމްބަރު 2026 | ހޮނިހިރު 13:44ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ ރައީސް މުއިއްޒަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މެމްބަރު މީކާއީލް ވިދާޅުވެއްޖެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ހުރީ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.


ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ރަސްމާލޭ މަޝްރޫއާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކަށް ނުވަތަ ރެފަރެންޑަމަކަށް ގޮސްފިނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ބަލިވާނެކަމަށެވެ.
މީކާއީލް ވިދާޅުވީ ރަސްމާލޭ މަޝްރޫއާ ދެކޮޅުވަނީ ހަމައެކަނި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނެއް ނޫންކަމަށެވެ. ގައުމުގެ އެތައް ރައްޔިތުންނެއް އެ މަޝްރޫއާ ދެކޮޅަށް ތިބިކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުވަތަ ރެފަރެންޑަމަކަށް ގޮސްފިނަމަ، ރައީސް މުއިއްޒަށް ފަނަރަ އިންސައްތަ ވޯޓުވެސް ލިބިވަޑައިނުގަންނަވާނެކަން ޔަގީންކަމަށް މީކާއީލް ވިދާޅުވި އެވެ. މި ސަރުކާރުން ރެފަރެންޑަމަކަށް ދާން ބޭނުންނުވާ އަސްލު ސަބަބަކީވެސް އެއީކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް ކަންކަމުގައި ރައްޔިތުންގެ ގާތުގައި އަހައި، ރައްޔިތުންގެ ބަސް ހޯދަން ބޭނުންވާ ބޭފުޅެއް ނޫންކަމަށް މީކާއީލް ތުހުމަތުކުރެއްވި އެވެ. އަދި މުޅި ސަރުކާރުގެ ސިޔާސަތުތައްވެސް ހުރީ ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށްކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާނެކަމުގެ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ބިމުގެ ވަރަށް ބޮޑު ބައެއް އަމިއްލަ ބަޔަކަށް ދިއުމުގެ ބިރު އެބައޮތެވެ.
ހަގީގަތުގައި ރައީސް މުއިއްޒަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ މީހަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ބޭފުޅެއްގެ ގޮތުގައިވެސް މީކާއިލް ސިފަކުރެއްވި އެވެ.
މީކާއިލް ވިދާޅުވީ، އިންޑިއާގެ އެހީތެރިކަން ހޯދަމުންދިޔަ ނަމަވެސް، އިތުރު އެހެން ދިމާލަކުން ފައިސާ ފޮއްޗެއް ލިބޭއިރަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ގައުމެއްގެ އުނގަށް މުޅި ގައުމު ވައްޓާލަމުންދާ ކަމަށެވެ. އަދި އެފަދަ ދަނޑިވަޅުތަކުގައި އަނެއްކާވެސް އިންޑިއާއާ ދެކޮޅު ވާހަކަތައް ދައްކަން ފަށާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.











