އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ: މެންބަރު މީކާއިލް
16 ނޮވެމްބަރު 2026 | ހޯމަ 12:00ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ވިއްކުމާ ދެކޮޅަށް އެމްޑީޕީން އިސްވެ އިހުތިޖާޖު ކުރަންޖެހޭ ކަމަށް މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ. މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން މިކަމުގައި އެމްޑީޕީގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ޕާޓީން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި


ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | އެމްޑީޕީ
އިދިކޮޅު މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު މީކާއިލް ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީ އިސްވެ އޮވެ، ރަސްމާލެ ހުސްނުވާ 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާއި ދެކޮޅަށް އިހުތިޖާޖު ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން، އެމްޑީޕީއަކީ މައި އިދިކޮޅު ޕާޓީއަށް ވީތީ މިކަމުގައި އެމްޑީޕީގެ ދައުރާއި ޒިންމާ އިންތިހާއަށް ބޮޑު ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ. އަދި ރަސްމާލެ ވިއްކާލާ ބިލުގެ ބަހުސް އެޖެންޑާކޮށްފައި ވަނިކޮށް، "ބްރަދަރ އަބްދުﷲ" ކަޅު ދަބަހަކާ އެކު މަޖިލީހަށް ވަޑައިގެންނެވި ވާހަކަ ދައްކާ އެންމެންގެ އަނގަ ބަންދުކުރަން އަބުރުގެ ބިލު ފާސްކުރާއިރު އެމްޑީޕީ މަޑުން އޮވެގެން ނުވާނެ ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ދާއިރު އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ލިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ޕާޓީ ދެމިއޮވެގެން ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.











