ރަސްމީ ރަސްމިއްޔާތުތަކުގައި ބޭފުޅުން ތަރުތީބުކުރާ އުސޫލު ބަދަލުކޮށް، ވަޒީރުންގެ ތެރެއަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމަނައިފި
20 ނޮވެމްބަރު 2026 | ހުކުރު 07:09ދައުލަތުގެ ރަސްމީ އިސް މަގާމުތަކުގެ ތަރުތީބަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުތަކެއް ގެންނަވައި، އެ އުސޫލަށް އަމަލުކުރަން ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގާފައި. މި ބަދަލާއެކު ވަޒީރުންގެ ދަރަޖައިގެ ތެރެއިން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް ކުރިއަށްވުރެ މަތީ ދަރަޖައެއް ވަނީ ކަނޑައަޅުއްވާފައި. ނަމަވެސް، ދައުލަތުގެ އެންމެ އިސް ހަތަރު މަގާމުގެ ތަރުތީބަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ


ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ މެންބަރުންގެ އެދިވަޑައިގަތުމުގެ މަތީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވާހަކަ ދައްކަވަނީ | ޕީއެންސީ
ސަރުކާރުން ބާއްވާ ރަސްމީ އެކިއެކި ރަސްމިއްޔާތުތަކަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތަރުތީބުކުރުމުގެ ޒަމާންވީ އުސޫލަށް ބަދަލުގެނެސް، ކެބިނެޓް ވަޒީރުންގެ މެދަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހު ހިމަނައިފި އެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި ދެންނެވުމުގައި ބުނެފައިވަނީ، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމުކުރާ އެކިއެކި ކަންކަމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ އިތުރުން ލަގަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު އަލުން ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހައި އިދާރާތަކުން ކުރިއަށް އޮތް ތަނުގައި މި އައު ތަރުތީބަށް އަމަލުކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ، މި އައު އުސޫލު ހަމަޖެއްސުމާ ގުޅިގެން، މީގެ ކުރިން އަމަލުކުރަމުން އައި 19 މޭ 2015 ގައި ނެރުއްވި ރައީސްގެ އޮފީހުގެ ނަންބަރު 11/2015 ދެންނެވުން ބާތިލުވެފައިވާ ކަމަށެވެ.
އަލަށް ކަނޑައެޅި ތަރުތީބުގެ އެންމެ އިސް ހަތަރު ދަރަޖައަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އެގޮތުން ތަރުތީބުގެ އެންމެ ކުރީގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާއިރު، ދެވަނައިގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ތިންވަނައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ހަތަރުވަނައިގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.
ނަމަވެސް މައިގަނޑު ބަދަލެއް ފެނިގެން ގޮސްފައިވަނީ ވަޒީރުންގެ ދަރަޖައިގެ ތެރެއިންނެވެ. އައު އުސޫލުގައިވާ ގޮތުން، ބައެއް ވަޒީރުންނަށް ފަހު ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާ ވިދިގެން، މަޖިލީހުގެ އެހެން ވަޒީރުންގެ ކުރިއަށްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވަނީ ހިމަނާފަ އެވެ.











