ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ހެދުމަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ޑިސެންބަރު 7 ގެ ކުރިން ނިންމަނީ!
19 ނޮވެމްބަރު 2026 | ބުރާސްފަތި 12:08ރިއަލް އެސްޓޭޓް ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުމަށާއި، ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދުމަށް މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައި. މި ބިލަކީ ރިއަލް އެސްޓޭޓް ވިޔަފާރި ހަރުދަނާކުރުމަށް ހުށަހެޅި ބިލެއް ނަމަވެސް، މިއީ ވަކި މަޝްރޫއެއް ގާނޫނީ ގޮތުން ސައްހަކުރުމަށް ގެންނަ ބަދަލެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން | ރައްޔިތުންގެ މަޖިލިސް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ބިލު ޑިސެންބަރު 7 ވަނަ ދުވަހުގެ ކުރިން ނިންމާ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް އެވެ. އަދި އޭނާގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް އެވެ.
އާޒިމްގެ މި ހުށަހެޅުއްވުން ފާސްކޮށްފައި ވަނީ ކޮމިޓީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އެގޮތުން، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވަނީ ބިލުގެ ސުންގަޑި ޑިސެމްބަރު 19 އާ ހިސާބަށް އިތުރުކުރުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެއްވެސް މެންބަރަކު މި ހުށަހެޅުމަށް ތާއީދު ނުކުރުމުން ވޯޓަށް އަހާފައި ނުވެ އެވެ.
މީގެ އިތުރުން، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވަނީ ރިއަލް އެސްޓޭޓް ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ހުށަހަޅުއްވާފަ އެވެ. އަދި މި ހުށަހެޅުމަށް މެންބަރު އާދަމް އަބްދުލްއަޒީޒު ތާއީދު ކުރެއްވާފައިވާއިރު، މި ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ހަމައެއާއެކު، މެންބަރު އަހުމަދު ސަމީރު ވަނީ ރިއަލް އެސްޓޭޓް ބިލަށް ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ހުށަހަޅާފަ އެވެ. ނަމަވެސް މި ހުށަހެޅުމަށް ވެސް އެއްވެސް މެންބަރަކު ތާއީދު ކުރައްވާފައި ނުވާތީ ވޯޓަށް އަހާފައި ނުވެ އެވެ.
ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ބިލު އާއްމުންގެ ކޮމެންޓަށް ހުޅުވާލުމާ އެކު، ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ ހިޔާލު ލިއުމުން ހޯދުމަށް ނިންމާފަ އެވެ.
އެގޮތުން، އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނުން ހިޔާލު ހުށަހަޅައިދޭން އެދި ސިޓީ އެ އިދާރާތަކަށް ފޮނުވުމަށް ވެސް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ރިއަލް އެސްޓޭޓް ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް، އެ ވިޔަފާރީ ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި، ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޑިވެލޮޕަރުން ރަޖިސްޓްރީކުރުމުގެ އުސޫލްތަކާއި އެ ފަރާތްތަކުގެ ޒިންމާތަކާއި ހައްގުތައް ބަޔާން ކުރުމެވެ.
ނަމަވެސް އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ މި ބިލަކީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް އެއްބަސްވުން ހެދުމަށާއި، އެ މުއާމަލާތް ގާނޫނީ ގޮތުން ސައްހަ ކުރުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.











