ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ: ޑރ. ޒާހިރު
19 ނޮވެމްބަރު 2026 | ބުރާސްފަތި 10:49މި ބިލުގެ ސަބަބުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ލިބި، ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ފަހިވުމަކީ ދީނީ ގޮތުންނާއި ގައުމީ ގޮތުން އޮތް ބޮޑު ނުރައްކަލެއް ކަމަށް ޑރ. ޒާހިރު ވިދާޅުވި. މީގެ އިތުރުން ރަސްމާލެ މަޝްރޫއަކީ ބޮޑު މުންކަރާތެއްގެ ފެށުން ކަމަށް ސިފަކުރައްވައި، ރިއަލް އެސްޓޭޓް ބިލުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި


ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު | ރާއްޖެ އެމްވީ
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވަރަށް ބޮޑު އޮޅުވާލުމެއް އަދި މަކާރާއި ހިލާތެއް ހިމެނޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޒާހިރު ވިދާޅުވީ ރިއަލް އެސްޓޭޓް މުޅި ގާނޫނު އެއްކޮށް ފުރަތަމަ ކިޔާއިރު ސިފަވާނީ އެ ގާނޫނު އޮތީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ވިސްނައިގެން ރަނގަޅަށް ކިޔައިފި ކަމުގައިވާނަމަ އެ ގާނޫނުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ސިފަވާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
އެގޮތުން، އެ ގާނޫނުގެ 78 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ބެލުމުން ރާއްޖޭގެ ބިން ބޭރުގެ ފަރާތަކަށް ދެނީ ހުސްނުވާ 99 އަހަރަށްކަން ސިފަވާކަމަށް ޒާހިރު ވިދާޅުވި އެވެ.
މާނަކޮށްފައި ހުރި މާނަތަކަށް ބެލިއަސް އެނގިވަޑައިގަންނަވާނެ މިސާލަކަށް މިލްކުވެރިކަން ހޯދައި ދިނުމާއި ބޭނުންކުރުމާއި ކުއްޔަށް ދިނުމާއި ވިއްކުމާއި މިކަހަލަ ބައިވަރު ކަންތައްތަކެއް އާދޭ ރިއަލް އެސްޓޭޓުގެ މާނާގައި. އެހެންވީމައި މީގައި އަޅުގަނޑަށް ސިފަވަނީ އެއްކަލަ ބަނީ އިސްރާއީލް ބާގައިގެ މީހުންނަށް މަނާކުރެވުނު މީ ހޮނިހިރު ދުވަހު މަސް ހިފުން. އެމީހުން އޭގައި ހީލަތް ހެދީ މަކަރު ހެދީޑރ. އަހްމަދު ޒާހިރު
ޒާހިރު ވިދާޅުވީ ރިއަލް އެސްޓޭޓް ބިލުގައި ބިމުގެ މައްސަލައިގައި ވަރަށް ބޮޑެތި ހީލަތްތެރިކަމެއް އެކުލެވޭ ކަމަށެވެ. އަދި ޣައިރު މުސްލިމުން ރާއްޖެ ގެނެސް ހުސްނުވާ 99 އަހަރަށް ދިނުމަށްފަހު އެމީހުން ރާއްޖޭގައި ވަޒަންވެރި ކުރުވަނީ ކަމަށް ޒާހިރު ވިދާޅުވި އެވެ. މީގެ ސަބަބުން ރާއްޖޭގައި އިތުރު ދީނަކަށް ޖާގަދެވިދާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.
އެހެންކަމުން މިއީ އިސްލާމްދީނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވާނެ ކަމަށާއި، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.
މީގެ އިތުރުން، ޒާހިރު ވަނީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ބޮޑު މުންކަރާތެއްގެ ފެށުމެއް ފެށިގެންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.










