ސަރުކާރަށް ތިން އަހަރުން މުއިއްޒުގެ ހަގީގަތް
22 ނޮވެމްބަރު 2026 | އާދީއްތަ 11:54ރައީސް މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، ހާމަކަންބޮޑު ކުޑަ ސަރުކާރެއް ގާއިމުކުރުމަށާއި ބޭރުގެ ނުފޫޒުން ގައުމު ސަލާމަތްކުރުމަށް ވެވަޑައިގެންނެވި މައިގަނޑު ވައުދުތައް ފުއްދިފައި ނުވާކަން މި ރިޕޯޓުން ހާމަވޭ. ސިޔާސީ މަގާމުތައް އިތުރުވެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ދެކޮޅުހަދާއިރު، ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމުގައިވެސް އަމަލުކުރަމުންދަނީ ވައުދުތަކާ ދިމާ އިދިކޮޅަށްކަން ފާހަގަކުރެވޭ. އެހެންކަމުން، މިއީ ވިދާޅުވި ބަހާއި އަމަލާ ދިމާނުވި ތިން އަހަރުގެ ގޮތުގައި ވަނީ ސިފަކޮށްފައި


"އިންޑިއާ އައުޓް" ކެމްޕެއިންގައި ރައީސް މުއިއްޒު ވަނީ އަމަލީ ގޮތުން އިސް ސަފުގައި ބައިވެރިވެވަޑައިގެންފައި | ރާއްޖެއެމްވީ
ސަރުކާރަށް ތިންއަހަރުވެގެން ސިޔާސީ ވަޒީފާތަކުގައި ތިބި ޕީއެންސީ ކުދިންކޮޅުގެ އުފާ ފާޅުކުރުން އަދިވެސް ނިމުމަކަށް ނާދެ އެވެ. ހަވާ އަރުވައިގެން ފެށި ޖަލްސާއަށް ފަހުގައި ވެސް ސޯޝަލް މީޑިޔާގައި ފަތުއަޑު ކިޔާފައި އަދިވެސް އެ ފަތުރަނީ އެ ވާހަކަތަކެވެ. އެކަމަކު މިއަދު ވެސް ކެރެޓް ކިލޯއެއްގެ އަގު، ކިރު ޕެކެޓެއްގެ އަގު އަހާލީމާ މީހާ އެ ދަނީ ފިތް ކަނޑައިގެންނެވެ. ވެރިކަމުގެ ދައުރު މެދުން ނެއްޓި ހަމަވުމާ ދިމާއަށްދާއިރު ރައްޔިތުންގެ ހާލަތު މިވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ތަކެތީގެ އަގު މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
ދައްކާން މިއުޅެނީ އެ ވަހަކައެއް ނޫނެވެ. ތަކެތީގެ އަގާ ރަސްމާލެ ވިއްކާލައިގެން މިތަނުގައި ޒައިނިސްޓުން ވަޒަންވެރި ކުރުވަން އުޅޭ ވާހަކައެއް ވެސް ނުމެ ނޫންމެ އެވެ. އެއަށްވުރެ ބޮޑަށް ވިސްނާލަން ޖެހޭ މައިގަނޑު ކަންތައްތަކެއްގެ ވާހަކަ އެވެ.
ވެރިކަމަށް އަންނަން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ލައްކަ ވާހަކަ ދެއްކެވި އެވެ. ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވި އެވެ. ޚާއްސަކޮށް އިހު އޮތް ސަރުކާރު ބަދަލުކުރަން ޖެހޭ މައިގަނޑު ސަބަބުތައް ރައްޔިތުންނަށް ވިސްނައިދެއްވުމަށްޓަކައި ކުރައްވާނެ މައިގަނޑު ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނުއްވި އެވެ. އެއީ ވަރަށް ގިނަ ކަންތައްތަކެކެވެ. އެކަމަކު މި ރިޕޯޓުގައި މިބަލާލަނީ އޭގެ ތެރެއިން މައިގަނޑު ތިން ކަމަކަށެވެ.
ހާމަކަންބޮޑު ސަރުކާރު
އެންމެ ބާރަށް ދެއްކެވި އެއް ވާހައަކީ ކުރީގެ ސަރުކާރުން ކަންކަން ފޮރުވާ ވާހަކަ އެވެ. ރައްޔިތުންނަށް އޮޅުވާލާ ވާހަކަ އެވެ. ރައްޔިތުންނަށް ކަންކަން އަންގައިނުދޭ ވާހަކަ އެވެ. އޭގެ މިސާލުތަކެއް ނެންގެވި އެވެ. ޚާއްސަކޮށް ދިވެހިންގެ ލެޔާ ގުޅުން ހުރި މިސާލުތަކެކެވެ. އެތައް ބައިވަރު އިންޑިޔާ ސިފައިން ދިވެހި ރާއްޖޭގައި ތިބި ކަމަށް ވިދާޅުވި އެވެ. އިންޑިޔާއާ އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަނުކުރާ ކަމަށް ވިދާޅުވި އެވެ.
އޭރުގެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ފޮރުވާނެ ހަމަ އެކައްޗެއް ވެސް" ނުބާއްވާނެ ކަމަށެވެ. ޚާއްސަކޮށް ނޫސްވެރިންނާ މުޚާތަބުކުރައްވައި ވިދާޅުވީ ނޫސްވެރިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދަން އެދެން ވެސް ޖެހުނަ ނުދެއްވާނެ ކަމަށެވެ.
ވެރިކަމަށް ތިން އަހަރު ފުރުނުއިރު އެ ވިދާޅުވި ވާހަކަތައް ހުރީ ދިމާ އިދިކޮޅަށެވެ. ބޭރުގެ އެކިއެކި ޤައުމުތަކާއެކު އަލުން ހެދުނު އެއްބަސްވުންތައް ހާމަނުކުރުން އެއްކިބައިގައި އޮއްވައި ކުރީގެ ސަރުކާރުން ނުދައްކައިގެން ހާމަކުރަން އައި އިންޑިޔާއާ އެކު ވެފައިވާ އެއްބަސްވުންތައް ވެސް ދައްކަން ދެކޮޅު ހެއްދެވީ އެވެ.
ބޭރު ކުރައްވަން ވައުދުވެ ވަޑައިގެންނެވި އިންޑިޔާ ސިފައިންގެ އަދަދު ވެސް ސިއްރުވީ އެވެ. ކުރީގެ ސަރުކާރުން ވިއްކާލި ކަމަށް ބުނި ކަނޑު ހޯދަން ފޮނުވި ސިޓީ ވެސް ސިއްރުވީ އެވެ. ސިއްރުވި މިންވަރަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނަކީ ކޮބައިކަން ވެސް އުނިކޮށް އެ ވެސް ސިއްރުކުރީ އެވެ.
މައުލޫމާތު ހޯދަން އާރުޓީއައި ފޮނުވަން ވެސް ނުޖެހޭ ވަރަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށް ބުނި ސަރުކާރުގެ ރައީސް އޮފީސް ވެގެން ދިޔައީ، ފުރަތަމަ ފަހަރަށް އާރުޓީއައިއަކަށް މައުލޫމާތު ނުދީގެން ކޯޓަށް ގޮސް ޖޫރިމަނާ ކުރަންޖެހުނު ރައީސް އޮފީހަށެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ރައީސް އޮފީހުން ގަދަކަމުން ނޫސްވެރިއަކު ނެރެލީ ވެސް މި ސަރުކާރުގަ އެވެ. ބައެއް ނޫސްތަކަށް ސަރުކާރުގެ ޕްރެސް ކޮންފަރެންސްތަކުން ޖާގަ ނުދިން ހަމައެކަނި ސަރުކާރަކީ ވެސް މިހާރުގެ ސަރުކާރެވެ. އެހެންކަމުން ހާމަކަން ބޮޑު ސަރުކާރެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތިން އަހަރު ފުރުނުއިރު މިއޮތީ ދިމާ އިދިކޮޅަށެވެ.
ކުޑަ ސަރުކާރެއް
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުފައްދަވާނީ ކުރިން އޮތް މަތިބަރު ސަރުކާރުތަކުގެ ބަދަލުގައި އެންމެ ކުޑަ ސަރުކާރު ކަމަށެވެ. ސިޔާސީ މަގާމްތައް ވަރަށް ބޮޑުތަނުން މަދުކުރައްވާނެ ކަމަށެވެ. ތިން އަހަރު ވީއިރު ސިޔާސީ މަގާމުތަކުގެ އަދަދުވެސް ރައްޔިތުންނަކަށް ނޭނގެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، މިފަހުން ކެބިނެޓް ކުޑަކުރި ފަހުން މިހާރު ވެސް ޖުމްލަ 15 ވަޒީރުން އެބަ ތިއްބެވި އެވެ. އޭގެ އިތުރުން ސީނިއަރ ވަޒީރަކު ރައީސް އޮފީހުގައި ހުންނަވަ އެވެ. އަދި ވަޒީރުންގެ ފެންވަރުގައި ރައީސް އޮފީހުގައި އެކަނިވެސް 14 ބޭފުޅުން ތިއްބަވަ އެވެ. އޭގެ އިތުރުން އެހެން ވުޒާރާތަކުގައި ވަޒީރުންގެ އިތުރުން ވަޒީރުން ފެންވަރުގައި 7 ބޭފުޅުން އެބަ ތިއްބެވި އެވެ.
ސްޓޭޓް މިނިސްޓަރުންނާއި ނައިބު ވަޒީރުންގެ މައުލޫމާތު ވެބްސައިޓުން ވަނީ އުނިކޮށްފަ އެވެ. އެ މައުލޫމާތު އުނިކުރުމުގެ ކުރިން ވެރިކަމުގެ ކުރީކޮޅު އެކަނިވެސް 81 ސްޓޭޓް މިނިސްޓަރުންނާއި 122 ޑެޕިއުޓީ މިނިސްޓަރުން ތިއްބެވި އެވެ. އެކަމަކު އޭގެ ފަހުން އެ އަދަދުތައް އެތައް ގުނައެއް ވަނީ އިތުރުވެފަ އެވެ. ސަރުކާރަށް ތިން އަހަރު ވެފައިވާއިރު އެ މަގާމުތަކުގެ އަދަދެއް ނޭނގެ އެވެ.
މިނިސްޓްރީތަކުގައި ތިބި ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި، ޕޮލިޓިކަލް ޑައިރެކްޓަރުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގައި ތިބި ސިޔާސީ މީހުންގެ އަދަދެއް ވެސް ނޭނގެ އެވެ. ކުރާނެ މަސައްކަތެއް ނެތި ސިޔާސީ އެތައް ބަޔަކު ތިބިއިރު ވަޒީފާ އަށް ނުކުންނަން ނުޖެހޭ ގޮތަށް ތިބި ސިޔާސީ މަގާމުތަކުގައި އެތައް ބަޔަކު ތިބިކަން ވަނީ ފަޅާ އަރާފަ އެވެ. އެހެންކަމުން ވެރިކަމަށް ތިން އަހަރު ފުރުނުއިރު މި ސަރުކާރު ވެފައިމިވަނީ މިހާތަނަށް ސިޔާސީ މުވައްޒަފުން އެންމެ ގިނަ އެންމެ މަތިބަރު ސަރުކާރަށެވެ. ކުޑަ ސަރުކާރެއް އުފައްދަވާނެ ކަމަށް ވިދާޅުވި ވާހަކަފުޅުވެސް ތިން އަހަރު ވީރު މިއޮތީ ދިމާ އިދިކޮޅަށެވެ.
ބޭރު މީހުންގެ އަޅުވެތިކަމުން މިންޖުވެފައިވުން
ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު ކަނޑުވާލައި އެ މީހުންގެ އަޅުވެތިކަމުން ސަލާމަތްވެފައިވާ ޤައުމަކަށް ރާއްޖެ ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. ޚާއްސަކޮށް ވެރިކަން ހޯއްދެވުމަށް ގެންގުޅުއްވި މައި ހަތިޔާރު ކަމުގައިވާ "އިންޑިއާ އައުޓް" ގައި ހިފަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ. ވެރިކަމަށް ވަޑައިގެން ވެސް އެ ވާހަކަތައް ތަކުރާރު ކުރެއްވި އެވެ. "ވަކި ގައުމެއްގެ ބެކްޔާޑުގައި" ނޯންނާނެ ކަމަށް ވިދާޅުވި އެވެ. މިތަނުގައި ފައި ހިއްޕާލައިގެންތިބި އިންޑިޔާ ސިފައިން އަނބުރާ ފޮނުވާލައްވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުގައި ހިފަހައްޓާލާނަމޭ ހިތިއަސް ފަސްމުގޫ އަތްޕުޅުން ދޫވި އެވެ. ބޭރު ކުރި ކަމަށް ވިދާޅުވި ސިފައިންގެ ބަދަލުގައި އެހެން ޔުނީފޯމެއް ލައްވައިގެން ހަމަ އެމީހުން ގެނަ އެވެ. ތުރުކީ ހަނޑުލަށް ކުރި އޯޑަރު ވީތަނެއް ނޭނގި އިންޑިޔާ އަށް އާދޭސް ކުރަން ޖެހުނެވެ. އިންޑިޔާގެ "ފަޑުއްކަ ބޭސް" ނުގެންނާން އުޅެގެން ގޮވީ އަތަށެވެ. އަދިއަދަށް ވެސް އެކަމުން އަރައި ނުގަނެވި ބޭސް ނުލިބޭ ޝަކުވާ އެވަނީ ގުގުމާފަ އެވެ.
ވެރިކަމަށް ތިން އަހަރު ފުރުނުއިރު ރައްޔިތުން މިތިބީ ކުރިން ނުދެކޭވަރުގެ އަޅުވެތި ކަމަކަށް ހުށަހެޅެން ތައްޔާރުވެފަ އެވެ. ރަސްމާލޭގެ ބޮޑުބައެއް ބޭރުގެ ބަޔަކަށް "ނޭނގޭ އަގަކަށް ވިއްކައިލީތީ" އެވެ. ދިގުދެމިގެންދާ ގޮތަށް ތާއަބަދަށް އޮންނަ 99 އަހަރަށެވެ. އެވެސް ޔަހޫދީ ޒަޔަނިސްޓުން މިތާ ވަޒަންވެރިވެވޭ ގޮތަށެވެ. ފަލަސްތީނުގައި އެވެރިން ފައި ހިއްޕާލި ފަދައިން ދެ ވަނަ ފަލަސްތީނަކަށް މި ކުޑަކުޑަ ދިވެހިރާއްޖެ ވެދާ ފަދަ ބިރުވެރި އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން ބޭރު މީހުންނަށް އަޅުވެތި ނުވާނެ ކަމަށް ބުނެ އައި ސަރުކާރަށް ތިން އަހަރު ފުރުނުއިރު އެ ވައުދު ވެސް އެ އޮތީ ދިމާ އިދިކޮޅަށެވެ.
ކޮންމެއަކަސް ރައީސް މުއިއްޒުގެ ވެރިކަމުގެ ތިން އަހަރުވެފައި މިވަނީ ވިދާޅުވި ވާހަކަތަކާއި އަމަލު ދިމާނުވާ ތަން ފެނުނު ތިން އަހަރަށެވެ. ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ވައުދުތަކުގެ އެންމެ މައިގަނޑު ވެސް ނުފުއްދި ދިޔަ ތިން އަހަރަށެވެ. ޖުމްލަކޮށް ބުނާ ނަމަ މި ތިން އަހަރު ވެގެން މިދިޔައީ ވިދާޅުވި ގޮތާ ދިމާ އިދިކޮޅު ތިން އަހަރަށެވެ. ސަރުކާރަށް ތިން އަހަރުން ހާމަވެގެން މިދިޔައީ މުއިއްޒުގެ ހަގީގަތެވެ.









