ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!
18 ނޮވެމްބަރު 2026 | ބުދަ 10:37ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ އިސްވެރިންނަށް އެއް މިލިއަން ޑޮލަރު ބެހި ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައި. މި އަމާޒު ހާސިލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުމާއި އޮޅުވާލައިގެން ފޯމު ހުށަހަޅާކަމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު، މިފަދަ ބޭކާރު ޚަރަދުތައް ކުރަމުންދާތީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި


ސަރުކާރަށް ތިންއަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން | ރައީސް އޮފީސް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުވުމަށްޓަކައި 1 މިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ބުނާ ޚަބަރުތަކެއް ފެންމަތިވެއްޖެ އެވެ.
ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތަށް އަންގާރަ ދުވަހު ވަނީ 1 މިލިއަން ޔޫއެސް ޑޮލަރު މާރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށާއި ބައެއް އެސްއޯއީތަކުގެ އިސް ފަރާތްތަކަށް ވަނީ ފޯރުކޮށްދީފަ އެވެ. އަދި މި ފައިސާ ދީފައިވަނީ ސީދާ ޕާޓީގެ ދަފްތަރަށް މެންބަރުން ވެއްދުމުގެ ޓާގެޓްތައް ހާސިލުކުރުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއާ ދިމާކޮށް އެ ޕާޓީން އަމާޒު ހިފި ގޮތަށް އެއްލައްކަ މެންބަރުން ހަމަކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާގޮތުން، މިހާރު ޕީއެންސީގެ ރަސްމީ މެންބަރުންގެ އަދަދަކީ 98,383 އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުކުރުމަށާއި، ފޯމު ފުރުވުމަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްފައިވެ އެވެ.
ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ހިންގާ ހަރަކާތްތަކާ ގުޅިގެން މީގެ ކުރިން ވެސް ގިނަ ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ޕީއެންސީގެ މެންބަރުންގެ އަދަދު 100،000 އަށް އެރުވުމުގެ ބޭނުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން އެ ޕާޓީއަށް މީހުން ވައްދަމުންދާ ކަމަށް އެކި ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން، ޑިސެންބަރު 2024 އަދި ޖަނަވަރީ 2025 ގެ ތެރޭގައި ވެސް މި ކެމްޕޭނުގެ ދަށުން ބައެއް ފަރާތްތަކަށް ނޭނގި، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އަދި ސޮއި ބޭނުންކޮށްގެން ވަގު ފޯމު ހުށަހަޅައިގެން ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކަމުގެ ޝަކުވާތަކެއް އާންމުންގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.
މި މައްސަލަތަކާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ޕާޓީން ވަނީ މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅައި، ޕީއެންސީގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ މެންބަރޝިޕް ފޯމުތައް އަލުން މުރާޖައާކޮށް ދިނުމަށް ވެސް އެދިފަ އެވެ.
އިސްރާފުބޮޑު މިފަދަ ޚަރަދުތަކާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބި، ބޭސްފަރުވާއަށް އާންމުން އެހީތެރިކަމަށް އެދި ސަލާންޖަހަންޖެހިފައިވާ ދަނޑިވަޅެއްގައި، މިފަދަ ބޭކާރު ޚަރަދުތައް ކުރަމުންދާތީ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.











