މަގުތަކާއި ސޯޝަލް މީޑިއާގެ އަޑުތައް ނީވޭކަމަށް ހެދުން: ރަސްމާލެ ދޫކޮށްލުމާ ދެކޮޅަށް ތެދުވަނީ މަދު ބައެއްތަ؟
21 ނޮވެމްބަރު 2026 | ހޮނިހިރު 14:08ރަސްމާލެއިން ބޭރުގެ ކުންފުންޏަކަށް ބިން ވިއްކުމާ ދެކޮޅަށް އާންމުންނާއި އިލްމުވެރިން އަޑުއުފުލަމުންދާއިރު، އެއީ މަދު ބައެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މި ނިންމުމާ މެދު ރައްޔިތުންގެ ސީދާ ބަސް ހޯދުމަށް ގޮވާލަމުންދިޔަ ނަމަވެސް، ސަރުކާރުން ދަނީ ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއްނެތްކަން ހާމަވާ ފަދަ ގޮތަކަށް އަމަލުކުރަމުން


ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޭއްވި އެއްވުން | މޯލްޑިވްސް އިންޑިޕެންޑެންޓް
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ފައިސާއިން ހިއްކަމުންގެންދާ ރަސްމާލޭގެ ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމާ ދެކޮޅަށް ތެދުވެފައިވަނީ މަދު ބައެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަކީ، މިއަދު ރާއްޖޭގެ މަގުތަކުގައްޔާއި ސޯޝަލް މީޑިއާއިން ފެންނަން އޮތް ހަގީގީ މަންޒަރާ މުޅިން ހިލާފު، އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެމަނިކުފާނު ކުރައްވާ މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެމަނިކުފާނު ތާރީހީ މިސާލުތަކުގެ ތެރެއިން، މުހައްމަދު އަމީންގެ ވެރިކަމުގައި އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ކުރެއްވި މަސައްކަތްތަކާއި، އިބްރާހީމް ނާސިރުގެ ވެރިކަމުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި ފަތުރުވެރިކަން ތައާރަފުކުރުމާ ގުޅުވައި، ކުރިއެރުމާއި ޒަމާނީ ތަރައްގީއަށް ދިވެހީން އަބަދުވެސް މަރުހަބާ ކިޔާކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިއްކަމުންދާ ރަސްމާލެއިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން ވިއްކުމުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސޮއިކުރުމަކީ ގައުމީ އަދި އިގުތިސާދީ ގޮތުން ކަންބޮޑުވުން އުފެދޭ ކަމެއް ކަމަށް މިއަދު ބުނަމުން ދަނީ މަދު ބައެއް ނޫނެވެ. އެތައް ބަޔަކު ދަނީ މިކަމާ ދެކޮޅަށް އަޑުއުފުލައި، ނުރުހުން ފާޅުކޮށް، ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އަދި މި ނިންމުމާ ދެކޮޅަށް ސޯޝަލް މީޑިއާގައާއި އާންމު މަސްރަހުގައި ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު، މިއީ ހަމައެކަނި ސިޔާސީ ވާދަވެރިކަމެއްގެ ގޮތުގައި ނުވަތަ މަދު ބައެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު އެކަން ސިފަކުރެއްވުމަކީ ހަގީގަތުގައި ވެސް މިއަދު އެމަނިކުފާނު ރައްޔިތުންނަށް ކުރައްވާ މަލާމާތެއް ނޫންތޯ އެވެ.
ރަސްމާލެ މަޝްރޫއަކީ އާންމު ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައާ ސީދާ ގުޅިފައިވާ މަޝްރޫއަކަށް ވާއިރު، ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްގެން ހިއްކާ ބިމުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ހައްގުތަކާއި މުސްތަގުބަލާ ގުޅުންހުރި ނާޒުކު ނިންމުމެކެވެ. މިއީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވުމުގެ ކުރިން، އަމިއްލަ ގޯއްޗަކާއި ގެދޮރެއް ނެތި ދަތި ހާލުގައި އުޅޭ އެތައް ހާސް އާއިލާއެއްގެ ވިންދާ ގުޅިފައިވާ މައްސަލައެކެވެ. ރަސްމާލެއިން ބިން ދޫކޮށްލުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ބަލާއިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުން އަންނަނީ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިމުގެ މިލްކުވެރިކަމަށާއި ގައުމީ ސިޔާދަތަށާއި އިސްލާމީ ވަހުދަތަށް އޮތް ނުރައްކާތަކާ މެދު ފާޅުގައި ސުވާލު އުފައްދަމުންނެވެ.
މަގުތަކަށް ނުކުމެ ކުރަމުންދާ އިހުތިޖާޖުތަކާއި އެއްވުންތަކުން ވެސް ފެންނަނީ ސަރުކާރުން ދައްކާ ވާހަކަތަކާއި އާންމުންގެ ހާލަތާ ދެމެދު އޮތް ބޮޑު ފަރަގެވެ. "ދިވެހީންގެ ބިން ދިވެހީންނަށް" ފަދަ ހަރަކާތްތަކާއި އެކި ރޭތަކުގައި ބާއްވަމުންދާ އެއްވުންތަކުގައި އާންމު ރައްޔިތުންނާއި ޤާނޫނީ ވަކީލުންނާއި އާންމު ޖަމިއްޔާތަކުން ބައިވެރިވެ، ރަސްމާލޭގެ ބިން ބޭރު ފަރާތަކަށް ދޫކޮށްލުމާ ދެކޮޅަށް އަޑު އުފުލަމުން ދާދިޔުމަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އާންމުންގެ ކަންބޮޑުވުން ހުރި މިންވަރު އަންގައިދޭ ފުރިހަމަ މިސާލެކެވެ. މީގެ އިތުރުން، ދީނީ އިލްމުވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް މި މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މަޝްރޫއު ހުއްޓާލުމަށް ގޮވާލާފައިވާކަން ފާހަގަކުރެވެ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން ވެސް މި މައްސަލައިގައި އަންނަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ނުވަތަ ރެފެރެންޑަމްއަކަށް ދިއުމަށް ގޮވާލަމުންނެވެ. ރާއްޖޭގެ ބިމާ ގުޅޭ މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު، ރައްޔިތުންގެ ސީދާ ބަސް ހޯދުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ރައްޔިތުންގެ ބާރުވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް އެ ފަރާތްތަކުން ދެކެ އެވެ. ނަމަވެސް، ރައީސް މުއިއްޒު ވަނީ ރެފެރެންޑަމްއެއް ބޭއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫއާ ގުޅޭ ކަންބޮޑުވުންތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މިފަދަ ގޮތަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޅާނުލައްވާ ދޫކޮށްލެއްވުމާއި 99 އަހަރުގެ ދިގު މުއްދަތުގެ ލީސްތަކާއި ބިމުގެ މިލްކުވެރިކަމާ ގުޅޭ ޤާނޫނީ ބަދަލުތައް މަޖިލީހުގެ ތެރެއިން ހަލުވި މިނުގައި ކުރިއަށް ގެންދިއުމަކީ، ރައްޔިތުންގެ އަޑު އަހާ ސަރުކާރެއްގެ ސިފަ ގެއްލިފައިވާ ކަމުގެ ހެއްކެކެވެ.
ތާރީހުގައި ހިނގާފައިވާ ތަރައްޤީގެ މުހިންމު ބަދަލުތަކާއި ރަސްމާލޭގެ ބިން ވިއްކާލުމުގެ މައްސަލަ އެއްގޮތް ކުރުމަކީ ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިކަން އޮޅުވާލުމަށް ދައްކާ ވާހަކަތަކެވެ. މަސްދޯނިފަހަރުގައި އިންޖީނު އެޅުމާއި އަންހެން ކުދީންނަށް ތައުލީމު ދިނުމާއި، ފަތުރުވެރިކަން ތައާރަފްކުރުމަކީ ދިވެހިންގެ އަތްމަތީގައި ބާރު އޮވެ، ދިވެހިންގެ އަމިއްލަ ބިމާއި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއެރުން ހޯދުމަށް އެޅުނު މުހިއްމު ފިޔަވަޅުތަކެކެވެ. އެކަމަކު، ދައުލަތުގެ ފައިސާއިން ހިއްކާ ބިމުގެ ބޮޑު ބައެއް ބޭރުގެ އިންވެސްޓަރަކަށް ދޫކޮށްލައި، އެތަނުގައި އުފެދޭ ޕްރޮޕަޓީތަކުގެ ލީސް އުސޫލުތައް ބައްޓަންކުރާ ގޮތާ މެދު އުފެދޭ ސުވާލުތަކަކީ މުޅިން ތަފާތު، އަދި ގައުމީ މުސްތަގުބަލާއި މިނިވަންކަމާ ވެސް ގުޅޭ ބޮޑު މައްސަލައެކެވެ.
އާންމު ރައްޔިތުންގެ ޝުއޫރުތަކާއި މުޒާހަރާތަކާއި މީޑިއާތަކުގައި ދެކެވޭ ވާހަކަތައް މިހާ ސާފުކޮށް ފެންނަން އޮތްއިރު، ރައްޔިތުންގެ މާބޮޑު ދެކޮޅުވެރިކަމެއް ނެތް ކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް ދެއްކުމަކީ، ވެރިކަމުގެ ފަރާތުން އާންމު ރައްޔިތުންގެ ހަގީގީ އިހުސާސްތަކަށް ދޭ ސަމާލުކަމުގެ ކުޑަކަން ހާމަވާ ކަމެކެވެ. އަދި މިއީ ރައްޔިތުންގެ ހަގީގީ އިހުސާސްތަކާއި ވިންދާ މެދު ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން ދައްކުވައިދޭ ކަމެއް ވެސްމެ އެވެ. ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ދެކެވޭ ވާހަކަތަކާއި ފެންނަމުންދާ ހަގީގަތްތަކާ ދެމެދު އުފެދޭ މިފަދަ ފަރަގުތައް ފުޅާވަމުން ދިޔުމަކީ، ވެރިންނާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ އިތުބާރުގެ ގުޅުން ބަލިކަށިވެ، މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަމަށް ބުރޫއަރައި، ސިޔާސީ އަދި އިޖުތިމާއީ ނުތަނަވަސްކަން އިތުރުވުމަށް މަގުފަހިވާ ކަމެކެވެ. ގައުމުގެ ހަމަޖެހުމާއި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށްޓަކައި، ކަންކަމުގެ ހަގީގީ މަންޒަރު އޮޅުންފިލުވައިދިނުމަކީ ވެރިކަމުގެ ޒިންމާއެކެވެ. އެހެންނަމަވެސް މިއަދު ސާފުކޮށް ފެންނަ މަންޒަރަކީ ކޮންމެ ޒިންމާއަކުން ވެސް މި ސަރުކާރު ރެކެމުންދާ މަންޒަރެވެ.









