ރަސްމާލެއާ ދެކޮޅަށް ކޮންމެ ރެއަކު އަޑުއުފުލުމަކީ ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަންތައް، މި ކަމުގައި ދެމިތިބޭނަން: އަލީ ހުސެއިން
19 ނޮވެމްބަރު 2026 | ބުރާސްފަތި 07:12ރަސްމާލެ މަޝްރޫއާއި ބޭރުގެ ފަރާތްތައް ރާއްޖޭގައި ވަޒަންވެރިކުރުވުމާ ދެކޮޅަށް އާންމު ރައްޔިތުން ފާޅުކުރާ ޝުއޫރުތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އަލީ ހުސެއިން ވިދާޅުވި. އަދި ވިދާޅުވީ މި މަޝްރޫއު ހުއްޓުވުމަށްޓަކައި ރައްޔިތުން ސާބިތުކަމާއެކު އަޑުއުފުލައި، މި ހަރަކާތް އިތުރަށް ފުޅާކުރައްވާނެ ކަމަށް


"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބުދަ ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައި އެ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެންމެ ބޮޑު އުނދަގުލަކަށް ވެވަޑައިގެންފައިވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކޮންމެ ރެއަކު، އެއްވެ ރައްޔިތުން ޝުއޫރު ފާޅުކުރުން ކަމަށް ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބުދަ ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ރަސްމާލެ ވިއްކައިލުމާއި، ޣައިރު ދީންތަކުގެ މީހުން ރާއްޖެ ގެނެސް ވަޒަންވެރިކުރުވުމާ ގިނަ ރައްޔިތުން ނުރުހޭ ކަމަށެވެ. އަދި މިކަމަށް ދެކޮޅު ހެދުމުގެ ގޮތުން ހުއްޓުމެއް ނެތި، ރައްޔިތުން އެއްވެ، އަޑު އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކިން ޚާއްސަކޮށް ރައީސް މުއިއްޒު ދައްކާ ވާހަކަތަކަށް ރައްދުދެމުން މިއަދު އެ ދަނީ ސީދާ ދިވެހި ރައްޔިތުން. އެ ރައްދު މިއަދު ފާޅުކޮށް، ބޮޑު ގޮތެއްގައި، ފުޅާ ގޮތެއްގައި މި ސަރުކާރަށް ރައްދުދެމުން މި ސަރުކާރު ޖަވާބުދާރީކުރުވަމުން އެ ދަނީ ސީދާ ދިވެހި ރައްޔިތުން. އެކަން މިއަދު ކުރަނީކީ ސިޔާސީ މީހުންނެއް ނޫން ހަގީގަތަކީ. އެއީ އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންވިޔަސް، ނުވިޔަސް މިއަދު ދިވެހިރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންނެއް ނޫން ރައީސް މުއިއްޒަށް ރައްދުދެމުން، ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަ ދައްކަމުން ރައީސް މުއިއްޒަށް ދޭންޖެހޭ ސާފު ޖަވާބު، ސާފު ޒުވާބު އެ ދެމުން އެ ދަނީ ސޯޝަލް މީޑިއާގައި ދިވެހި ރައްޔިތުންއަލީ ހުސެއިން
އަލީ ހުސެއިން ވިދާޅުވީ، ކަމެއް ހާސިލުކުރަން އެދޭނަމަ އެ ކަމެއްގައި ސާބިތުވެ ދެމިތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި ކޮންމެ ރެއަކު ދަންމަރު ރޯކުރަނީ އޭގެ ހުޅުކޮޅު ނިވުނަ ނުދީ، އެ ޖޯޝުގައި ކުރިއަށް ދިއުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ، މިސަރުކާރާއި ރައީސް މުއިއްޒު އަށް އެންމެ އުދަނގޫވާ ކަމަކީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައްޔިތުން މަގު މައްޗަށް ނުކުމެ އެއްވާ އެއްވުން ކަމަށެވެ.
ހަގީގަތުގައި މި ސަރުކާރަށް އަދި ރައީސް މުއިއްޒު އަށް އެންމެ އުނދަގޫވާ ކަމަކީ، ކޮންމެ ރެއަކު އަޅުގަނޑުމެން މި ތަނަށް އެއްވުން. ކޮންމެ ރެއަކު އަޅުގަނޑުމެން މި ތަނަށް އައިސް އަޅުގަނޑުމެންގެ ޝުއޫރު ފާޅުކުރުން. އަޅުގަނޑުމެން މި ކަމާ ދެކޮޅުކޮށް ރަސްމާލެ ވިއްކައިލުމާއި ދިވެހިރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ގެނެސް އަޅުގަނޑުމެން ގާތުގައި ނާހައި، އެ މީހުން މިތާ ވަޒަންވެރިކުރުމާއި އަޅުގަނޑުމެން ސާފުކޮށް ދެކޮޅުކަން އެ ވާހަކަ ބުނުން އެއީ މިއަދު މި ސަރުކާރަށް އެންމެ އުނދަގޫވާ ކަންތައްއަލީ ހުސެއިން
އަލީ ހުސެއިން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މިހަރަކާތް ފުޅާކުރައްވާނެ ކަމަށެވެ. އަދި މި ހަރަކާތަށް ގިނަ ރައްޔިތުން ނުކުމެ، މިމަޝްރޫއު ހުއްޓުވުމުގެ މަސައްކަތުގައި ޝާމިލުވުމަށް އޭނާ ގޮވާލެއްވި އެވެ.











