ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލަ: އެކަކު ފިޔަވައި ދެންތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައި، އެކަކަށް ދައުވާކުރަން ފޮނުވައިފި
22 ނޮވެމްބަރު 2026 | އާދީއްތަ 08:07ބްރިޖު ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި އަނިޔާކުރި މައްސަލައިގައި ހދ. ކުޅުދުއްފުށީ، އަބްދުﷲ ސައްމާހުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި. މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، ސައްމާހު ފިޔަވައި ދެން ތިބި ތިން މީހުން ކޯޓުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައި


ކްރިމިނަލް ކޯޓުގެ އިމާރާތް | ސޯޝަލް މީޑިއާ
ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާއާ ގުޅިގެން ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ އަބްދުﷲ ސައްމާހް ހަސަން ސާދިޤް، ސ. ހިތަދޫ، ފެނީވާ، އަހްމަދު މާއިޝް މުހައްމަދު މާހިރު، ކ. މާލެ، ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު، އަދި ކ. ގާފަރު، މަލަ، އަހްމަދު ސިނާޒް އެވެ.
އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން، އެ 4 މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވުމުން އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަބްދުﷲ ސައްމާހް ހަސަން ފިޔަވައި ދެން ތިބި މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލައިގައި ހިމެނޭ އެކްސިޑެންޓު ހިނގާފައި ވަނީ އެ މީހުން ދުއްވަން އިން ސައިކަލުން ނޫންކަމަށް ކޯޓު އަމުރުގައިވެ އެވެ.
މި މައްސަލާގައި ސައްމާހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން މި މައްސަލަ މިހާރު ވަނީ ބަލައިގެންފަ އެވެ. ސައްމާހު ދުއްވަން އިން ސައިކަލަކުން އެކްސިޑެންޓް ހިނގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މެޑިކޯ ލީގަލް ރިޕޯޓުން ލިބިފައިވާ އަނިޔާތައް ވެސް ސާފުވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މި މައްސަލައިގައި ހަތަރު މީހުންގެ ވެސް ޔޫރިން ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.










