ސްކޭމްގެ ބޮޑެތި މައްސަލަތަކެއް، ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
14 ނޮވެމްބަރު 2026 | ހޮނިހިރު 07:45ސްކޭމްގެ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ ތިން ޒުވާނަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފައި. މި މީހުންގެ އެކައުންޓްތަކަށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ރުފިޔާ އާއި ޑޮލަރު ޖަމާކޮށްފައިވާކަމަށް ފުލުހުން ތުހުމަތުކުރާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން


ސްކޭމުގެ އަމަލެއް ހިންގާ މަންޒަރު ދައްކައުވައިދޭ ފޮޓޯއެއް. މިފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނޭ | ސެކިއުރިޓީ މެގަޒިން
ސްކޭމް ކުރިކަމުގެ ތުހުމަތުގައި 3 ޒުވާނުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގޭ ގޮތުގައި، މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންދުގެ މުއްދަތު ޖަހާފައިވަނީ ދޫޑިގަން، ގޯލްޑަންގޭޓް/ޏ.ފުވައްމުލައް، 34 އަހަރުގެ އިބްރާހީމް ޝާރިފް އާއި ދަފްތަރު ނަންބަރު ރސ 7006، ކ.މާލެ، 34 އަހަރުގެ މުހައްމަދު ރީހާން އަދި ނަޒުމު، ފ.ނިލަންދޫ، 38 އަހަރުގެ އިބްރާހީމް މުއާޒުގެ މައްޗަށެވެ.
މި ތިން މީހުން ވެސް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ޝާރިފްގެ ބަންދަށް 30 ދުވަސް، ރީހާންގެ ބަންދަށް 15 ދުވަސް އަދި މުއާޒުގެ ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.
މި ތިން މީހުންގެ ބަންދު އަމުރުގައި، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމާއި، ބޭންކަށް ދިވެހި ފުލުހުން ފޮނުވި އީމެއިލް އާއި އޭގެ ރިޕްލައި ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ޝާރިފްގެ މައްސަލައާ ގުޅިގެން، ކޯޓުގައި ފުލުހުން ބުނީ، މީހެއްގެ ބޭންކް އެކައުންޓުން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި، އޭގެތެރެއިން 10،000 ރުފިޔާ އާއި 1000 ޑޮލަރު އޭނާގެ އެކައުންޓަށް ޖަަމާވެ ނަގާފައިވާ ކަމަށެވެ.
ނަމަވެސް ސްކޭމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި، އެކައުންޓަށް ޖަމާވި ފައިސާ ބަޔަކު ގުޅާފައި އޮޅިގެން ޖަމާވި ފައިސާ ކަމަށް ބުނުމުން ނަގާފައި ފޮނުވާފައިވާ ކަމަށް ޝާރިފް ކޯޓުގައި ބުނެފައިވެ އެވެ.
ރީހާންގެ މައްސަލައާ ގުޅިގެން ކޯޓުގައި ފުލުހުން ބުނީ، މީހަކަށް އޮޅުވާލައިގެން އޭނާގެ އެކައުންޓަށް 130،000 ރުފިޔާ ނަގާފައިވާ ކަމަށާއި، މި ފައިސާ ދައުރުކުރި އެކައުންޓެއްގެ އިންޓަރނެޓް އެކްސެސް އޮތީ ރީހާންގެ އަތުގައި ކަމަށެވެ. ނަމަވެސް ރީހާންގެ މައްޗަށް އޮތް ތުހުމަތަކީ މީހަކު ބުނާ ބުނުމެއް ކަމަށް ދިފާއީ ވަކީލު ކޯޓުގައި ބުނެފައިވެ އެވެ.
މުއާޒުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން ކޯޓުގައި ބުނީ، މީހެއްގެ އެކައުންޓް ހެކްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި ޑޮލަރު ނަގާފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ އެކައުންޓަށް 66،000 ރުފިޔާ އާއި 6500 ޑޮލަރު ވަދެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަތައް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އޯޓީޕީ ހޯދައިގެން އީ-ސިމްއަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ މިފަހުން ވެސް އިލްތިމާސްކޮށްފަ އެވެ.











