ޝާހިދުގެ ބަންދު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކާހުރެ ކެންސަލްކޮށްފި
15 ނޮވެމްބަރު 2026 | އާދީއްތަ 04:55ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުން އިދާރީ ސަބަބުތަކަކާ ހުރެ ހައިކޯޓުން ކެންސަލްކޮށްފި. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޝާހިދު ހައްޔަރުކޮށްފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި ކެމްޕޭން ފައްޓަވާފައި ވަނިކޮށް


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިދު | ޕޮލިސް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުމަށްފަހު ކެންސަލްކޮށްފި އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
މި ނިންމުން ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މި މައްސަލައިގެ އަޑުއެހުން ނޮވެމްބަރު މަހުގެ 15 ވީ އާދިއްތަ ދުވަހުގެ މެންދުރު 1:15 އަށް ތާވަލުކުރި ނަމަވެސް، އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ހައިކޯޓުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވި ގޮތުގައި މި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އިދާރީ ސަބަބުތަކަކާ ގުޅިގެންނެވެ.
ޝާހިދު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި މިވަނީ، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އޭނާ ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނިކޮށެވެ. ޝާހިދު ގެންދެވީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ފައްޓަވައި، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދުގެ މައްޗަށް ކުރެވޭ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.










