އަބްދުއްރަހްމާނުގެ މަރު: މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭގޮތުން ހެކިބަސް ނަގައިފި
17 ނޮވެމްބަރު 2026 | އަންގާރަ 05:16އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް ނިދާފައި އޮއްވައި ބޮލަށް ހަމަލާދީ މަރާލި މައްސަލައިގައި ތިން މީހަކަށް ދައުލަތުން ދައުވާކުރޭ. މި މައްސަލައިގައި އެކަކުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އަނެއް ދެ މީހުންގެ މައްޗަށް ކުރަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ


އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުން | ސޯޝަލްމީޑިއާ
އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދު، އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިސާމްއާއި އއ. މާޅޮސް، ފިނިވާގެ، އަހްމަދު ފާރިސް އެވެ.
މި މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.
މި އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދާ އޮފިސަރެކެވެ. އޭނާއަކީ މި ހާދިސާ ހިނގިއިރު އެ މައްސަލައަށް އެޓެންޑުވި އޮފިސަރެކެވެ.
ހެކިވެރިޔާ ވަނީ މައްސަލައިގެ ހާދިސާއާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް އޭރު ރަށުން ހޯދައި، ހާދިސާ ހިނގި ވަގުތާ ކައިރި ވަގުތުތަކުގައި އެ ފުޓޭޖުތަކުން ފެންނަ މީހުން ދެނެގަނެ، މައްސަލައިގެ ލީޑް އިންވެސްޓިގޭޓަރަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާފަ އެވެ. އޭނާ ކިޔާދިން ގޮތުގައި މި މައްސަލައާ ގުޅިގެން އެ ރަށުގެ އެކި ސަރަހައްދުތަކުން ފުޓޭޖުތައް ހޯދިފައިވެ އެވެ.
އޭގެ ތެރެއިން އެއް ފުޓޭޖުން މައްސަލައިގައި ދައުވާލިބޭ ފާރިޝް، ކެމެރާއެއްގެ ފުޓޭޖެއްކަމަށް ބެލެވޭ ވީޑިއޯއެއް ފޯނުން ބަލަން އިންނަ މަންޒަރު ފެންނަކަމަށް ހެކިވެރިޔާ ކިޔާދިނެވެ. އެ މަންޒަރުތައް ޝަރީއަތުގައިވެސް ވަނީ ދައްކާފަ އެވެ.
ޝަރީއަތުގައި ދެއްކި އެހެން ފުޓޭޖެއްގައި ފާރިޝް ސައިކަލެއްގައި އެރަށު ސްޓެލްކޯއާ ދިމާއަށް ދާ މަންޒަރުވެސް ފެނެ އެވެ.
އެ ތިން މީހުން އެއްކޮށް ސްޓެލްކޯ ސަރަހައްދުގައި އުޅޭ މަންޒަރު ފެންނަ ފުޓޭޖެއް ވެސް ދައްކާފައިވާއިރު، އާޝިދުގެ އަތުގައި އެވަގުތު ދަގަނޑުބުރިއެއް ފަދަ އެއްޗެއްކަމަށް ބެލެވޭ އެއްޗެއް އޮތްކަމަށް ހެކިވެރިޔާ ކިޔާދިނެވެ. އެވަގުތުގެ ފުޓޭޖުން ފެންނަ މަގަކީ އެއީ މައްސަލައިގައި ނިޔާވި ފަރާތް ޒަޚަމްތަކާއެކު އޮއްވައި ފެނުނު ގެއަށް ދެވެން އޮތް މަގެއްކަން ހެކިވެރިޔާ ކިޔާދިނެވެ.
މީގެ އިތުރުން، އެ ތިން މީހުން އެކުގައި ސައިކަލުގައި ދުއްވާފައިދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތައްވެސް އޭގެ ތެރޭގައި ހިމެނިފައިވެ އެވެ.
މި މައްސަލައިގައި ނިޔާވި އަބްދުއްރަހްމާން އާދަމް ގެއަކަށް ގޮސް އެއްޗެއް ނަގައިގެން އެހެން ގެއަކަށް އެ އެ ނެގި އެއްޗެއް އެއްލާލާ މަންޒަރު ފެންނަ ފުޓޭޖެއްވެސް ޝަރީއަތުގައި ދައްކާފައިވެ އެވެ. އަދި އެ ފުޓޭޖުން ފެންނަ މަންޒަރުތައް ހެކިވެރިޔާ ކިޔާދީފައިވާއިރު، އަބްދުއްރަހްމާނު ނަގަނީ ކޮން އެއްޗެއްކަން ސާފު ނުވާކަމަށް އެ ހެކިވެރިޔާ ކިޔާދިނެވެ.
ޖުމުލަ 6 ވީޑިއޯއެއް މި އަޑުއެހުމުގައި ދައްކާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އާޝިދުގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.
މީގެ އިތުރުން، ވިސާމްއާއި ފާރިޝްގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 18 އަހަރަށް ޖަލަށް ލުމާއެކު، 2 މިލިއަން ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ އެމީހުން އަބްދުއްރަހްމާނުގެ ގެއަށް ވަދެ، އޭނާ ނިދާފައި އޮއްވައި ބޮލަށް ހަމަލާދީގެން މަރާލާފައިވާ ކަމަށެވެ.










