ޑީޕޯޓްކުރަން ގެންދިޔުމުން އަމިއްލަ ޕާސްޕޯޓު ވީދާލި ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި
8 ނޮވެމްބަރު 2026 | އާދީއްތަ 18:09އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލަން އެއާޕޯޓަށް ގެންދިއުމުން އަމިއްލަ ޕާސްޕޯޓު ވީދާލި ބަންގްލަދޭޝް މީހަކު 15 ދުވަހަށް ބަންދުކޮށްފި. މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާގެ ނަފްސާނީ އެސެސްމަންޓެއް ހެދުމަށްފަހު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި


ކްރިމިނަލް ކޯޓުގެ އިމާރާތް | ސޯޝަލް މީޑިއާ
ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ޚިލާފަށް އުޅެމުންދިޔުމުގެ ސަބަބުން ރާއްޖެއިން ފުރުވާލުމަށް ނުވަތަ ޑީޕޯޓްކުރުމަށް ތައްޔާރުވެފައިވަނިކޮށް، އަމިއްލަ ޕާސްޕޯޓު ވީދާލި ބަންގްލަދޭޝްގެ ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ޝޭޚް އެމްޑީ މަސުމް ލަތިފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އުސޫލުތަކާ ޚިލާފަށް އުޅެމުންދިޔަ މީހެއް ކަމަށެވެ. އޭނާ ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށުން އެއާޕޯޓަށް ގެންދިޔުމުން، އޭނާ ވަނީ އަތުގައި އޮތް ޕާސްޕޯޓު ވީދާލާފަ އެވެ.
މި އަމަލާ ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރުމަށްފަހު އަމަލުތައް ހުރި ގޮތުން އޭނާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއް ކަމަށް ބެލެވިގެން އެސެސްމަންޓެއް ހަދާފައިވެ އެވެ.
ނަމަވެސް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާގެ އެސެސްމަންޓްތަކަށް ބަލާއިރު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ތަހުގީގު ހިންގައި، ޖިނާއީ ދައުވާއެއް ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.










