ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި
10 ނޮވެމްބަރު 2026 | އަންގާރަ 09:42ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރުމުން، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައި. މި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ އަމުރެއް ގާޒީ ނެރުއްވިއިރު، ދިފާއީ ހެކި ހުށަހެޅުމަށް ކޯޓުން މިހާރު ވަނީ ފުރުސަތު ދީފައި


ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް | ރާއްޖެ އެމްވީ
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވަނީ ސައުދުއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ދެއްވާފަ އެވެ. އެހެންކަމުން އަންގާރަ ދުވަހުގެ އަޑުއެހުމުގައި މޭޔަރު ސައުދު ވަޑައިގެންނެވީ ވަކީލުންނާއެކު އެވެ.
މި އަޑުއެހުމުގައި ގާޒީ ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭ ބައި ކުރިއަށްގެންދަވާފަ އެވެ.
ހެކި ރައްކާތެރި ކުރުމުގެ އަމުރުގައި ދައުލަތުން ވަނީ މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ހިއްސާކޮށްފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތުގެ ފައިނަލް ރިޕޯޓާއި، އެ ރިޕޯޓާއެކު ހިއްސާކޮށްފައިވާ ރަޖިސްޓްރީގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ އައިޑީކާޑު ނަންބަރުގެ ޑުޕްލިކޭޓު ލިސްޓާ ގުޅިގެން އަމުރެއް ނެރެދެއްވުމަށް އެދިފަ އެވެ. އެއީ 14 އޯގަސްޓު 2023 ގައި ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.
މީގެ އިތުރުން، ތިނަދޫ އާބާދީ ލިސްޓު ހިމެނޭ ސީޑީއެއް ވެސް ދައުލަތުން ރައްކާތެރި ކުރަން އެދޭ ހެކީގެ ގޮތުގައި ހިމަނާފައިވެ އެވެ.
މި ހެކިތައް ރައްކާތެރި ކޮށްދޭން އެދޭ ސަބަބެއްކަމަށް ދައުލަތުން ބުނީ އެ ހެކިތަކުގައި މީހުންގެ ޒާތީ މައުލޫމާތު ހުރުމާއި، ލިޔުންތައް މުތުލަޤަށް ދޫކޮށްލައިފިނަމަ މުޖުތަމައަށް ބޭރުވެގެން ދިއުމުގެ ފުރުސަތު އޮތުމެވެ.
އެހެންކަމުން މި ހެކިތައް ނަކަލުކޮށް ދިފާއަށް ދޫކުރުމުގެ ބަދަލުގައި، ޝަރީއަތުން ކަނޑައަޅާ ގޮތަކަށް ވަކި މިންވަރަކަށް ޝަރީއަތުގައި ލިޔެކިޔުންތައް ބަލައި ދިރާސާ ކުރެވޭގޮތަށް ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
ދިފާއުން ވަނީ ދައުލަތުން އެދިފައިވާ ގޮތާމެދު އިއުތިރާޒު ނުކުރާކަން ފާހަގަކޮށްފަ އެވެ.
އެހެންކަމުން ގާޒީ ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ވަކި މިންވަރަކަށް އެ 3 ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދެއްވާފަ އެވެ.
އެއަށްފަހު ދައުލަތުން ވަނީ މި މައްސަލައިގައި ސައުދުގެ މައްޗަށް ކުރާ ދައުވާތައް ހުށަހަޅާފަ އެވެ. އަދި ކުށް ސާބިތުވާ ހާލަތުގައި އަންނާނެ އަދަބު ދައުލަތުން ކިޔާދީފައިވެ އެވެ.
މި މައްސަލައިގައި ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި ރަސްމީ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ދައުވާ ހުށަހެޅުމުން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ދައުވާލިބޭ ފަރާތާއެކު މަޝްވަރާކުރުމަށް ފުރުސަތެއް ދެއްވުމަށް އެދޭ ކަމަށެވެ. އެގޮތުން ވަކީލެއްގެ ގޮތުގައި އައްޔަނުވެފައިވަނީ ވެސް އަންގާރަ ދުވަހުކަން ވަކީލު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، މައްސަލައިގައި ޖަވާބުދާރީވުމުގެ ކުރިން އެކަށީގެންވާ ވަގުތު ލިބުމަކީ ލިބިގެންވާ ހައްޤެއްކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ދައުވާއަށް ޖަވާބުދާރީވުމަށް ހުރަހެއް ނެތް ކަމަށެވެ. އެއީ ދައުވާއަށް އިންކާރުކުރޭތޯ ނުވަތަ އިއުތިރާފުވޭތޯ ބުނުމަށެވެ. އެގޮތަށް ދެކިވަޑައިގަންނަވާ ސަބަބުތައް ވެސް ގާޒީ ވަނީ ތަފްސީލު ކޮށްދެއްވާފަ އެވެ.
އެއަށްފަހު ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން ދިފާއުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
ދިފާއުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ ހެކި ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ކައުންސިލު ބައްދަލުވުންތަކުގެ ބައިވެރިންނާއި، ރައީސް އޮފީހާއި އެލްޖީއޭގެ މުވައްޒަފުން ވެސް ހިމެނެ އެވެ. އަދި މައްސަލަ ތަހުގީގު ކުރި ފަރާތްތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ކިތާބީ ހެކިތައް ވެސް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ތިނަދޫ ކައުންސިލުން އެލްޖީއޭއާ ހިއްސާކުރި ލިސްޓުތަކާއި، ކައުންސިލުގެ ނިންމުންތަކާއި، ރައީސް އޮފީހުގެ ބައްދަލުވުމެއްގެ ޔައުމިއްޔާގެ އިތުރުން ވެސް އިތުރު ހެކިތައް ހިމަނާފައިވެ އެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، މި މައްސަލައިގައި ކޮށްފައިވާ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.
އެއަށްފަހު ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ވަގުތު ދެއްވާފަ އެވެ. އެގޮތުން 29 ނޮވެމްބަރު 2026 ގެ މެންދުރު 13:00 ގެ ކުރިން ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވައި، 25 ނޮވެމްބަރު 2026 ގެ ކުރިން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ދިފާއަށް ފުރުސަތު ދެއްވާފަ އެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 13 ޑިސެމްބަރުގަ އެވެ.










