ޝުހާދުގެ މަރު: މަންމައާއި ބައްޕަވެސް ބޭނުންވަނީ މަރަށް މަރު ހިފަން، ޤާތިލަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
8 ނޮވެމްބަރު 2026 | އާދީއްތަ 12:57ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލިކަން ހަތް މީހެއްގެ ހެކިބަހުން ސާބިތުވާތީ، ހަސަން ފަރީދު މެރުމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދަމަހައްޓާފައި. މި މައްސަލައިގައި ޝުހާދުގެ ވާރިސުން ކޯޓުގައި ބުނެފައިވަނީ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް


ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދު | ރާއްޖެ އެމްވީ
ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު އަބްދުﷲ ޝުހާދު މަރާލިކަމުގެ ދައުވާ ލިބުނު ހަސަން ފަރީދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
ޝުހާދު މަރުވެފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ 21:30 އެހާކަށްހާއިރު ފުވައްމުލަކު ދޫޑިގަމު ބޮޑު ފަންނު މަގާއި، ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް، އެސަރަހައްދުގައި ހުންނަ ކެއުފިނިގެ ފާރުބުރި މަތީގައި އެހެން ބަޔަކާއެކު އިންދައި ފަރީދުގެ އަތުގައި އޮތް ވަޅިއަކުން ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ޝުހާދު ވަނީ ޖެހިގެން އައި ދުވަހު މަރުވެފަ އެވެ.
ފަރީދު ޝުހާދަށް ވަޅިން ހަމަލާދިން މައްސަލައިގައި ދައުލަތުން ޝަފަހީ ހެކިން ވެސް ހުށަހެޅި އެވެ. ޝުހާދުގެ ބައްޕަ އާއި މަންމަ ވަނީ އެ މައްސަލާގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ދަށު ކޯޓުގެ ޝަރީއަތުގައި ބުނެފަ އެވެ.
ފަރީދު މެރުމަށް ދަށުކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝުހާދަށް ފަރީދު ހަމަލާދިން ކަމަށް ހަތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި ޝުހާދު މަރުވެފައި ވަނީ އޭނާގެ އަރިކަށްޓަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށެވެ. އެހެންވެ ޝުހާދަށް ހަމަލާދީ އޭނާ މަރާލިކަން ފަރީދުގެ މައްޗަށް ސާބިތުވާއިރު ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ ވެސް ބޭނުންވަނީ ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ކަމަށް އެ ދެ މީހުން ބުނެފައި ވާތީ ފަރީދު މެރުމަށް ހުކުމްކުރީ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ދަށު ކޯޓުގެ އެ ނިންމުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެހެންވެ ފަރީދުގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އެވެ.
ސުޕްރީމް ކޯޓުގައި މި އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލާފައިވަނީ 2021 ވަނަ އަހަރުއެވެ. އެހެންނަމަވެސް ހުކުމްނުކޮށް ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު، އޭގެ ފަހުން އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު ބަދަލުވެ، މައްސަލަ އިތުރަށް ދިގުލައިގެން ދިޔައީ އެވެ. އަނެއްކާވެސް މިހާރު މައްސަލައިގެ އަޑުއެހުންތައް ފަށައި، ސުޕްރީމް ކޯޓުން ވަނީ ޝުހާދުގެ ވާރިސުން ހާޒިރުކޮށް އެމީހުންގެ ބަސް ނަގާފަ އެވެ.
ޝުހާދުގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ ޝުހާދުގެ ބައްޕަ ވެސް ވަނީ އެމީހުން ބޭނުންވަނީ މަރަށް މަރު ހިފަންކަމަށް ކޯޓުގައި ބުނެފަ އެވެ.
ފަރީދު މެރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެެހެއްޓެވީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.











