11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!
15 ނޮވެމްބަރު 2026 | އާދީއްތަ 09:432015 ވަނަ އަހަރު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު މަރުވި މައްސަލައިގައި ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެން، އަދަބު ކަނޑައެޅުމަށްޓަކައި ވާރިސުންގެ ބަސް ނެގުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ފަށައިފި. މި މައްސަލައިގައި ހިމެނޭ ވާރިސުންގެ ތެރެއިން މަރުވި އަންހެންމީހާގެ ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުންނުވާކަމަށް ބުނެފައިވާއިރު، ބަލިހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުނުވެވުނު އޭނާގެ ބައްޕަގެ ބަސް ހޯދުމަށް ކޯޓުން މިހާރު ވަނީ ފުރުސަތު ދީފައި


ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލި | ރާއްޖެ އެމްވީ
މީގެ 11 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު ނިޔާވި މައްސަލައިގައި ސ. މީދޫ އިރާސްމެކުގެ އަލީ އާލިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.
2015ވަނަ އަހަރު މަލޭގައި ހިނގި އެކްސިޑެންޓަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން މި ހާދިސާގައި މަރުވީ ހއ. ހޯރަފުށީ ގާތުގިރި، އަޒްލީލާ އަލީއެވެ. މަރުވި އިރު އޭނާގެ ބަނޑަށް ދޮޅު މަހެވެ.
މިއީ ހައިކޯޓުން ސާބިތުވާކަމަށް ކަނޑައަޅައި، ވާރިސުންގެ ބަސް ނެގުމަށާއި، އަދަބު ކަނޑައެޅުމަށް އަންގައި ކްރިމިނަލް ކޯޓަށް އަލުން ތަހުވީލު ކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި އަލީ އާލިމްގެ މައްޗަށް ކޮށްފައިވަނީ އިންޖީނުލީ އެއްޗެއް ނުރައްކާތެރިކޮށް ދުއްވުމުގެ ކުށުގެ ދައުވާ އެވެ.
ހައިކޯޓުން ވަނީ އަޒްލީލާގެ މަރަކީ، އާލިމް ޒިންމާ ނަގަންޖެހޭ، އިސްލާމީ ޝަރީއަތުގެ ނަޒަރުން ގަތުލް ޚަޠާއެއްކަމަށް ކަނޑައަޅާފަ އެވެ.
މި މައްސަލައިގައި އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ނިޔާވި ފަރާތުގެ އާއިލާގެ ދެ މެމްބަރަކު މެދުވެރިކޮށް ވާރިސުންނަކީ ކޮބައިކަން ވަނީ ދެނެގަނެފަ އެވެ. އެގޮތުން އަޒްލީލާ ނިޔާވިއިރު ދުނިޔޭގައި ތިބީ އޭނާގެ މަންމައާއި ބައްޕަގެ އިތުރުން، ފިރިމީހާއާއި އޭނާގެ ފިރިހެން ދަރިފުޅެވެ. އޭގެ ތެރެއިން މަންމަ ފިޔަވައި ދެން ތިބި މީހުން ދުނިޔޭގައި އެބަ ތިއްބެވެ.
އެހެންނަމަވެސް އަޒްލީލާގެ ބައްޕަ އޮތީ އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެފަ އެވެ. އެހެންކަމުން ގާޒީ ވަނީ ބައްޕަގެ ބަސް އެރަށު ތިބި ފުލުހުން މެދުވެރިކޮށް ހޯދުމަށް ދައުލަތަށް ދަންނަވާފަ އެވެ. އަދި އެކަމަށް 10 ދުވަހުގެ މުހުލަތެއް ގާޒީ ދެއްވި އެވެ.
ބާކީ ތިބި ދެ ވާރިސުންކަމަށްވާ އަޒްލީލާގެ ފިރިމީހާ އަދި ދަރިފުޅު ވަނީ އެމީހުން މަރުގެ ދިޔަ ބޭނުން ނުވާކަމަށް ބުނެފަ އެވެ.
އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ބައްޕަގެ ބަސް ސާފުކުރުމަށްފަހު، ކޯޓުން މި މައްސަލައިގައި އަދަބު ކަނޑައެޅުމާ ޙުކުމް ކުރުމެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލު ނާސިރެވެ.










