ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟
3 ނޮވެމްބަރު 2026 | އަންގާރަ 17:37އިސްރާއީލަށް ދޭ މާލީ އެހީ ހުއްޓާލުމަށް ނަތަންޔާހޫއާއެކު އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، މިއީ އިންތިޚާބާ ދިމާކޮށް ފާޑުކިޔުންތައް ހުއްޓުވުމަށް ކުރެއްވި ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ. ޣައްޒާގެ ގަތުލުއާންމާ ގުޅިގެން އެމެރިކާގެ އާންމު ރައްޔިތުންގެ ތާއީދު އިސްރާއީލަށް ކުޑަވެފައިވާއިރު، އެހީ ކަނޑާލުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށް ކަމުން މި ނިންމުމާ މެދު ވަނީ ސުވާލު އުފެދިފައި

![އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/e43147df-bfde-4c34-b7be-738ef6505cb4.webp)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފްލޮރިޑާގައި ބައްދަލު ކުރައްވަނީ [ފައިލް] | ރޮއިޓަރސް
މި ހިނގާ އަހަރު ނިމުމަށް ފަހު، އެމެރިކާއިން ޔަހޫދީ އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ މާލީ އެހީތައް ދިނުން ހުއްޓާލުމަށް އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނިކޮށް، މީޑިއާ ޕުރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޔަހޫދީ އިސްރާއީލަށް ފައިސާ ދިނުމާ ގުޅޭ ގޮތުން ނަތަންޔާހޫއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އެމެރިކާއިން އިސްރާއީލަށް އަހަރަކު 4 ބިލިޔަން އެމެރިކާ ޑޮލަރު ދެމުން ދިޔަ ނަމަވެސް، އެ އެހީ ހުއްޓާލުމަށް މީގެ މަސްތަކެއް ކުރިން ނިންމަވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"މި އަހަރު ނިމުމުން އިސްރާއީލަށް ފައިސާ ދިނުން ހުއްޓާލުމަށް އަޅުގަނޑުމެން މިހާރު ވާނީ އެއްބަސްވެފައި. ނަމަވެސް، އެ ޤައުމަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އަޅުގަނޑުމެން އެހީވާނަން،" ޓްރަމްޕް ސާފުކޮށްދެއްވި އެވެ. ނަމަވެސް، ޓްރަމްޕް އިޝާރާތް ކުރެއްވީ ކޮން ބާވަތެއްގެ އެހީއަކަށް ކަމެއް ސާފުވެފައެއް ނުވެ އެވެ.
އެހީ މެދުކަނޑާލުމުގެ ސިޔާސީ ސަބަބުތައް
އެމެރިކާއިން އިސްރާއީލަށް ދޭ އެހީއަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ، މިޝިގަން ސްޓޭޓުގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުލް އަލް-ސައްޔިދު ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެ ފަދަ ފަރާތްތަކުގެ ފާޑުކިޔުންތަކުގެ ޝިކާރައަކަށް ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އިސްރާއީލަކީ އެ އެހީތަކަށް ބޭނުންޖެހިފައިވާ ޤައުމެއް ނޫން ކަމަށާއި، މި ބަހުސަކީ ސިޔާސީ ގޮތުން ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށް ވެސް ޓްރަމްޕް ސިފަކުރެއްވި އެވެ. ހަމަމިއާއެކު، އެހީ ކަނޑާލުމުގެ މައްސަލަ އިސްނަންގަވައިގެން ހުށަހެޅުއްވީ ޚުދު ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ ޓްރަމްޕެވެ.
"ތެދަށް ދަންނަވާނަމަ، އެ ވާހަކަ އެންމެ ފުރަތަމަ ފެށީ ނަތަންޔާހޫ. އޭނާ ބުނީ، އިސްރާއީލުން އެ އެހީ ނުހޯދުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް. ސަބަބަކީ، އެއީ އިދިކޮޅު ފަރާތްތަކުން ޚިޔާލުތަފާތުވާ މައިގަނޑު އެއް ނުކުތާކަން އޭނާއަށް ވިސްނޭތީ،" ޓްރަމްޕް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ބަހެއް ހޯދުމަށް ކުރި މަސައްކަތަށް އެމެރިކާގެ ޚާރިޖިއްޔާއިން ޖަވާބެއް ދީފައި ނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މީގެއިތުރުން، އިސްރާއީލުގެ ޚާރިޖީ ވަޒީރުގެ އޮފީހުންނާއި ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ވެސް މި ނިންމުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މާހިރުންގެ ނަޒަރު: އިންތިޚާބީ އުކުޅެއްތޯ ނުވަތަ ހަގީގީ ބަދަލެއްތޯ؟
ސިޔާސީ ކަންކަން ދިރާސާކުރައްވާ ތަޖުރިބާކާރުން މި ކަން ސިފަކުރައްވަނީ އިންތިޚާބުގެ އެންމެ ފަހު ވަގުތު ފެންމަތިވި ކުއްލި ސިހުމެއްގެ ގޮތުގަ އެވެ. މަސްރަހު ދިރާސާކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ޢަބްދުލް އަލް-ސައްޔިދު ފަދަ ޕްރޮގްރެސިވް ޑިމޮކްރެޓުންނާއި، ޓްރަމްޕްގެ އަމިއްލަ ސިޔާސީ ހަރަކާތުގެ އެތެރެއިން އެމެރިކާއިން އިސްރާއީލާމެދު ގެންގުޅޭ ސިޔާސަތުތަކަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ހުއްޓުވުމެވެ.
ނަމަވެސް، މި ކަމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ މުހިންމު ނުކުތާތަކެއް ހުރިކަން ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ. މި ގޮތުން، އެހީގެ ފައިސާ ކަނޑައަޅައި ފާސްކުރަނީ އެމެރިކާގެ ގާނޫނުހަދާ މަޖިލީސް ކަމަށްވާ ކޮންގްރެސްއިން ކަމަށްވުމުން، ޓްރަމްޕަށް އަމިއްލަފުޅަށް އެ އެހީ ކަނޑައެއް ނޭޅުއްވޭނެ އެވެ. އެހެންކަމުން، މިއީ ވޯޓު ހޯއްދެވުމަށް އެންމެ ފަހު ވަގުތު ދެއްކެވި ވާހަކަފުޅެއްތޯ ނުވަތަ އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ބަދަލެއްތޯ އަދި އޮތީ ސާފުނުވެ ކަމަށް ދާރިސުން ފާހަގަކުރައްވަ އެވެ.
ޔަހޫދީ އިސްރާއީލަށް ފޯރުކޮށްދޭ އަސްކަރީ އެހީތަކާއި، އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުން އެމެރިކާގެ އިންތިޚާބީ ކެމްޕޭނުތަކަށް ދޭ ފައިސާގެ އެހީތަކަކީ މި އަހަރުގެ ތެރޭގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ މެދުގައި ވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ.
2023 ވަނަ އަހަރު ޔަހޫދީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ގަތުލުއާންމެއް ފެށި ފަހުން، އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މި ބަދަލު ޚާއްސަކޮށް ޑިމޮކްރެޓިކް ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބޮޑެވެ. ޖޫން މަހު ނެގުނު ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތުގައި، ވޯޓުލާ އާބާދީގެ %48 މީހުން އަދި ޑިމޮކްރެޓުންގެ %66 މީހުން ގަބޫލުކުރަނީ އެމެރިކާއިން އިސްރާއީލަށް މާ ބޮޑަށް ތާއީދުކުރާ ކަމަށެވެ.
މިއީ، 2017 ވަނަ އަހަރު މި ސުވާލު ކުރެވުނުއިރު އެ އަދަދުތައް ހުރި %16 އާއި %20 އާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ޣައްޒާ ގަތުލުއާންމަށް ބަލައިލާއިރު، ޣައްޒާގެ އާންމު ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކުގެ ބޮޑު އިންސައްތައަކީ އެމެރިކާއިން ފޮނުވާ ތަކެއްޗެވެ.
ކޮންގްރެސްގެ ބަހުސާއި ރައްދުތައް
ފާއިތުވި ދަހަރުތަކުގައި ދެ ޕާޓީގެ ފުރިހަމަ ތާއީދު ޔަހޫދީ އިސްރާއީލަށް ލިބެމުން ދިޔަ ނަމަވެސް، ފަހަކަށް އައިސް އެމެރިކާގެ ސިޔާސީ ލީޑަރުންގެ ފަރާތުން އިސްރާއީލަށް އަމާޒުކުރަމުންދާ ހަރުކަށި ފާޑުކިޔުންތަކަކީ ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.
މި އަހަރުގެ ޖުލައި މަހު އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވަނީ ޔަހޫދީ އިސްރާއީލަށް ދޭ އެހީ ހުއްޓާލުމަށް ހުށަހެޅުނު އިސްލާހެއް ބޭރުކޮށްލާފަ އެވެ. ނަމަވެސް، ޑިމޮކްރެޓުންގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި މެންބަރުން އެ އިސްލާހަށް ތާއީދުކުރެއްވުމަކީ، ޣައްޒާ ގަތުލުއާންމާ ގުޅިގެން އެމެރިކާގެ ޕްރޮގްރެސިވް ސިޔާސީ ބޭފުޅުންނާއި އިސްރާއީލާ ދެމެދު އޮތް ގުޅުމުގައި އަޅާފައިވާ ބޮޑު ރެނދު ހާމަކޮށްދިން ކަމެކެވެ.
މެދުއިރުމައްޗާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ވަކާލާތުކުރައްވާ ކެންޓަކީގެ ރިޕަބްލިކަން މެންބަރު ޓޮމަސް މެސީ ޚާރިޖިއްޔާގެ ބަޖެޓު ބިލަށް ހުށަހެޅުއްވި މި އިސްލާހު ބޭރުކޮށްލީ 314 ވޯޓުންނެވެ. އެ އިސްލާހަށް ތާއީދުކޮށް ވޯޓު ދެއްވީ 104 މެންބަރުންނެވެ.
މި މައްސަލައިގައި ޓްރަމްޕާ ޚިޔާލުތަފާތުވާ ކުރީގެ ރިޕަބްލިކަން ކޮންގްރެސް މެންބަރު މާރޖަރީ ޓޭލަރ ގްރީން ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، މިޑްޓަރމް އިންތިޚާބުގައި ރިޕަބްލިކަނުން ބަލިވެދާނެ ކަމުގެ ބިރު ބޮޑުވުމުން މީހުންގެ ވިސްނުމަށް މި ފަދަ ބަދަލުތައް އައުމަކީ އަޖާއިބުވާންޖެހޭ ކަމެކެވެ. "އިސްރާއީލަށް އަހަރަކު ދޭ އެހީ ހުއްޓާލުމަށް ނަތަންޔާހޫގެ ރުހުން ޓްރަމްޕް ހޯއްދެވި ކަމަށް ވިދާޅުވި ނަމަވެސް، އެ ކަމަކުން މިއަދުގެ އިންތިޚާބުގެ ނަތީޖާއަކަށް އެއްވެސް ބަދަލެއް ނާންނާނެ،" ގްރީން ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











