19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟
27 އޮކްޓޯބަރު 2026 | އަންގާރަ 07:32އިސްރާއީލުގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫއާއި އިދިކޮޅު ލީޑަރު އައިޒެންކޮޓާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް އޮތްއިރު، އެއްވެސް ފަރާތަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަކަށް ނުބެލެވޭ. މި އިންތިޚާބުގެ ނަތީޖާ ބިނާވެފައި ވަނީ ޤަތުލުއާންމުގެ ހާލަތާއި، ހައްދުފަހަނަޅާފައިވާ ޕާޓީތަކުގެ ތާއީދުގެ މައްޗަށް ކަމުން، ސަރުކާރެއް އެކުލަވައިނުލެވިއްޖެނަމަ ނަތަންޔާހޫ ވަގުތީ ގޮތުން މަގާމުގައި ދެމިހުރުމުގެ ފުރުސަތު އެބައޮތް


ތެލް އަވީވުގައި ޖަހާފައިވާ ކެންޕޭން ޕޯސްޓަރެއްގައި ޔަހޫދީ އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ޖަހާފައި | ގެޓީ އިމޭޖަސް
އިސްރާއީލުގައި އަންގާރަ ދުވަހު ބާއްވާ އާންމު އިންތިޚާބުގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިމަތިލަމުން ގެންދަނީ އޭނާގެ ސިޔާސީ މުސްތަގުބަލު ސަލާމަތްކުރުމުގެ ވަރުގަދަ އަދި ނާޒުކު ހަނގުރާމައަކާ އެވެ. މި އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން އޭނާގެ ޒައާމަތާ މެދު ގޮތް ނިންމަމުން ދަނީ 2023 ވަނަ އަހަރު ޙަމާސްއިން ދިން ޖިހާދުގެ ހަމަލާތަކާއި، ޣައްޒާ ޤަތުލުއާންމާއި އީރާނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލް އެކަހެރިވަމުންދާ މިންވަރު ވަޒަންކުރުމަށް ފަހުގަ އެވެ.
ނަމަވެސް، ވެރިކަމުގައި 19 އަހަރު ހޭދަކޮށް އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރި ލީޑަރުގެ ގޮތުގައި ދެމިހުރި ނަތަންޔާހޫއަކީ ސިޔާސީ ގޮތުން ފަސޭހައިން ބަލިނުކުރެވޭނެ ތަޖުރިބާކާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އިސްރާއީލުގެ މަސްރަހުގައި ޔަހޫދީންގެ ޤައުމިއްޔަތު އިތުރަށް ވަރުގަދަވެ، ސިޔާސީ ނިޒާމު ބައިބައިވެފައިވާ މިންވަރުގެ ސަބަބުން، އިއްތިހާދީ ސަރުކާރެއް އެކުލަވައިލުމުގެ އެންމެ ފަހި ފުރުސަތެއް އަދިވެސް އޮތީ އޭނާ ކަމަށް ބެލެވެ އެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނަތަންޔާހޫގެ ލިކޫދު ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ ކަނާތުފިޔައިގެ ފަރާތްތަކާއި، ކުރީގެ އަސްކަރީ ޗީފް އޮފް ސްޓާފް އަދި ސަލާމަތީ ކަންކަމުގައި ހަރުކަށި ސިޔާސަތެއް ގެންގުޅޭ ގާދީ އައިޒެންކޮޓް އިސްވެ ހުންނަ އިދިކޮޅު އިއްތިހާދާ ދެމެދު އޮތީ ވަރަށް ގާތް ވާދަވެރިކަމެކެވެ. އައިޒެންކޮޓަށް ކަނާތުފިޔައިގެ ބައެއް ފަރާތްތަކުގެ އިތުރުން މެދުމިނުގެ ފިކުރުގެ ފަރާތްތަކުގެ ތާއީދު ވެސް ލިބެމުންދެ އެވެ.
އިސްރާއީލުގެ ވޯޓުލާ މަރުކަޒުތައް ހުޅުވާފައި ވަނީ އެ ޤައުމުގެ ގަޑިން ހެނދުނު 7:00 ގަ އެވެ. އަދި ވޯޓުލުން ބަންދުކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 10:00 ގަ އެވެ. ނަތަންޔާހޫގެ ކެމްޕޭން ބިނާކޮށްފައި ވަނީ ހަނގުރާމައިގެ ދުވަސްވަރު އޭނާ ދެއްކި ލީޑަރޝިޕާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އޮތް ގާތް ގުޅުމުގެ މައްޗަށެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ތާއީދުކުރައްވައި، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިސްރާއީލާ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އާދީއްތަ ދުވަހު ނަތަންޔާހޫ ބުނީ، އީރާނުގެ ނުރައްކާ އެއްކޮށް ނައްތާލުމަށް ޓްރަމްޕް އަލުން ފިޔަވަޅު އަޅުއްވަން ތައްޔާރަށް ހުންނެވި ނަމަވެސް، އެ ކަން އެގޮތަށް ވާނީ އޭނާ ވެރިކަމުގައި ހުރެގެން ކަމަށެވެ.
މިއާ ޚިލާފަށް އައިޒެންކޮޓް ވަނީ، ނަތަންޔާހޫ މަސައްކަތް ކުރަނީ ބިރުވެރިކަމާއި، ދޮގާއި، އިންޒާރުގެ މައްޗަށް ބިނާވެފައިވާ ކެމްޕޭނެއްގެ މައްޗަށް ބަރޯސާވެގެން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި، ރައްޔިތުން އިންތިޚާބުކުރާ ކޮންމެ ލީޑަރަކާއެކު ވެސް ޓްރަމްޕް ފުރިހަމައަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އައިޒެންކޮޓް ބުންޏެވެ.
ސަރުކާރެއް އެކުލަވައިލުމަށް ޓަކައި ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ލީޑަރުން ކަމަށްވާ އިތަމާރް ބެން-ގްވީރް އަދި ބެޓްސަލްއެލް ސްމޯޓްރިޗްގެ އެހީތެރިކަމަށް ނަތަންޔާހޫ އަނެއްކާ ވެސް އެދެން ޖެހުން އެކަށީގެންވެ އެވެ. މިއިން ކޮންމެ މީހަކީ ވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަމަށް ހިތްވަރުދޭ ކަމަށް ބުނެ ހުޅަނގުގެ ބައެއް ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ހައްދުފަހަނަ އެޅި ޔަހޫދީންނެވެ. ނަމަވެސް، ބެން-ގްވީރްގެ 'ޖުވިޝް ޕަވަރ' ޕާޓީއަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ލިބޭ ތާއީދު ދަނީ އިތުރުވަމުންނެވެ.
މި ވަގުތު ނަތަންޔާހޫއަށް އަދި އައިޒެންކޮޓަށް ވެސް ވެރިކަމަށް ވާސިލުވުމަށް ސާފު މަގެއް ފެންނާކަށް ނެތެވެ. 120 ގޮނޑި ހިމެނޭ ޤާނޫނުހަދާ މަޖިލީހުގައި އެއްވެސް މީހަކަށް އިއްތިހާދީ ސަރުކާރެއް އެކުލަވައިނުލެވިއްޖެނަމަ، އަންނަ އަހަރު އަނެއްކާ ވެސް އާ އިންތިޚާބެއް ބާއްވަންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ދެމިހުރުމުގެ ފުރުސަތު އެބައޮތެވެ.
އިސްރާއީލުގެ ސެންޓްރަލް އިލެކްޝަން ކޮމިޓީން ބުނީ، 7.3 މިލިޔަން މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ގާތްގަނޑަކަށް 330,000 މީހުންނަކީ މުޅިން އަލަށް ވޯޓުލާ ފަރާތްތައް ކަމަށެވެ.
އޮކްޓޫބަރު 7 ގެ ހިސާބުކިތާބު
މި އިންތިޚާބު މި ބޭއްވެނީ 1948 ވަނަ އަހަރު މުސްލިމުންގެ ބިންތަކުގައި އިސްރާއީލް އުފެއްދި ފަހުން އެ ޤައުމު ދުށް އެންމެ ހަލަބޮލި އަދި ނުތަނަވަސް ދުވަސްވަރަށް ފަހުގަ އެވެ. މިއީ 2023 އޮކްޓޫބަރު 7 ގައި ޙަމާސްއިން ދިން ޖިހާދީ ހަމަލާތަކުން ލިބުނު ސިހުމާއި، އޭގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދިން ވަރުގަދަ އަސްކަރީ ހަމަލާތަކާއި، ފެށި ޤަތުލުއާންމާއި، ނަތަންޔާހޫގެ ކަނާތުފިޔައިގެ ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ޤައުމުގެ އެތެރޭގައި އުފެދުނު ބޮޑެތި ބައިބައިވުންތަކުގެ ތެރެއިން ބޭއްވޭ އިންތިޚާބެކެވެ.
ނަތަންޔާހޫއާ ދެކޮޅު ގިނަ ފަރާތްތަކަށް މި އިންތިޚާބު ޚާއްސަވަނީ، އިސްރާއީލުގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަސް ކަމުގައިވާ އޮކްޓޫބަރު 7 ގައި ސަލާމަތީ ގޮތުން ވީ ފޭލުވުންތަކަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތެއްގެ ގޮތުގަ އެވެ.
ތަޢުލީމީ ވުޒާރާގެ މުވައްޒަފެއް އަދި އައިޒެންކޮޓަށް ތާއީދުކުރާ މާލީ ހަޖާޖް ބުނީ، އެންމެ މުހިންމު ކަމަކީ ޤައުމީ ފެންވަރުގެ ތަހުގީގެއް ގާއިމުކުރުން ކަމަށާއި، ޤައުމަށް އަލުން ހަމަޖެހުމާއި ޝިފާއެއް ލިބޭނީ އޭގެ ފަހުން ކަމަށެވެ.
ނަތަންޔާހޫއާ ދެކޮޅު ވޯޓުލާ މީހެއް ކަމަށްވާ ލީސާ ޓޯރޓޯރ ބުނީ، އެދެނީ ނަތަންޔާހޫ ވެރިކަމުން ދުރުވުމަށް ކަމަށެވެ. "އެއިރުން އެމީހުންނަށް އާ ސަރުކާރެއް އެކުލަވައިލެވި، މުޅި ދުނިޔޭގައި ތިބި ޔަހޫދީންނަށާއި، އިސްރާއީލަށާއި، އަދި އިސްރާއީލުގެ އަބުރަށް ބީބީ [ނަތަންޔާހޫ] ދިން ގެއްލުންތައް ކޮންމެވެސް ވަރަކަށް މަރާމާތު ކުރެވިދާނެ،" އޭނާ ބުންޏެވެ. "ބީބީ" އަކީ ނަތަންޔާހޫއަށް އާންމުކޮށް ކިޔައި އުޅޭ ނަމެކެވެ.
ނަމަވެސް، ލިކޫދު ޕާޓީއަށް ތާއީދުކުރާ އުމުރުން 18 އަހަރުގެ ނޯފް ގަބާއި ވަނީ އޮކްޓޫބަރު 7 ގެ ޒިންމާ ނަތަންޔާހޫގެ ކޮނޑުގައި އެޅުވުމަށް ދެކޮޅުހަދައި، އޭނާއަކީ "އިސްރާއީލު ދައުލަތަށް އެންމެ އެކަށީގެންވާ ލީޑަރު" ގެ ގޮތުގައި ސިފަކޮށްފަ އެވެ. "ނަތަންޔާހޫ ހަނގުރާމަ ކުރިއަށް ގެންދިޔައީ އެންމެ ފުރިހަމަ ގޮތުގައި،" ނަތަންޔާހޫގެ ޤަތުލުއާންމަށް ތާއީދުކޮށް ވާހަކަދެއްކި ގަބާއި ބުންޏެވެ.
ޤަތުލުއާންމުގެ ތާރީޚު
އޮކްޓޫބަރު 7 ގައި ޙަމާސް އިސްވެ ދިން ޖިހާދުގެ ހަމަލާތަކުގައި 1,200 މީހުން މަރުވެ، 251 މީހުން ރަހީނުކުރުމާ ގުޅިގެން ޣައްޒާގެ އާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ އިސްރާއީލުން ފެށި ޤަތުލުޢާންމުގައި ޣައްޒާގެ ބޮޑުބައެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ. ޣައްޒާގެ ސިއްޙީ އިދާރާތަކުން ހާމަކުރާ ގޮތުގައި އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 74,000 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.
ހަމަމިއާއެކު، ލުބުނާނުގައި އީރާނުގެ ތާއީދު އޮންނަ ޙިޒްބުﷲ ޖަމާއަތަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، 2025 ވަނަ އަހަރު އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ވައިގެ މަގުން 12 ދުވަހުގެ މުއްދަތަށް ދިން ހަމަލާތަކާއި، މި އަހަރު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ދެ ޤައުމުން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާތައް ބަދަލުކޮށްފަ އެވެ.
އައިޒެންކޮޓް ބުނީ، އިސްރާއީލުގައި ދެން އެކުލަވައިލެވޭ ސަރުކާރަކުން، ބާރުގެ ބޭނުންކޮށްގެން ނުވަތަ އެމެރިކާގެ ތާއީދު އޮތް ޑިޕްލޮމެޓިކް ހައްލެއް ފަދަ "އިންތިޒާމެއްގެ" ދަށުން ނަމަވެސް، އީރާނުން އަސްކަރީ ނިއުކްލިއަރ ގާބިލުކަން ހޯދުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
އިއްތިހާދެއް އެކުލަވައިލުމުގެ ހިސާބުތައް
އިސްރާއީލުގައި ޔަހޫދީން އިސްވެ ތިބި ގާތްގަނޑަކަށް ހުރިހާ ޕާޓީތަކެކޭ އެއްފަދައިން، ފަލަސްތީނާއެކު އެތައް އަހަރެއް ވަންދެން ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތަކުގެ ބިންގަލަކަށް ވެފައިވާ ދެ ދައުލަތުގެ ހައްލަށް (ޓޫ-ސްޓޭޓް ސޮލިއުޝަން) އައިޒެންކޮޓް ވެސް ދެކޮޅުހަދަ އެވެ. ނަތަންޔާހޫއާ އަޅާބަލާއިރު، އޭނާއަކީ ހަރުކަށިކަން ކުޑަ މީހެކޭ ދެންނެވެން ނެތް ކަމުގައި މަސްރަހުގެ ދާރިސުން ވިދާޅުވި އެވެ.
ނަމަވެސް، އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ލާއިންސާނީ ޖަރީމާތަކަށް އޭނާ ވަނީ ފާޑުކިޔާފަ އެވެ. މި އަމަލުތައް 2023 ވަނަ އަހަރުން ފެށިގެން އިންތިހާއަށް އިތުރުވެ، ހުޅަނގުގެ ޤައުމުތަކާއެކު އިސްރާއީލުން ބާއްވާ ގުޅުމަށް ވަނީ ބުރޫއަރާފަ އެވެ. އަދި، ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ އިއްތިހާދުގެ ބައިވެރިން ކަމަށްވާ ބެން-ގްވީރް އަދި ސްމޯޓްރިޗާ ގުޅުމަށް އައިޒެންކޮޓް ދެކޮޅު ހަދަ އެވެ. ބެން-ގްވީރް އަދި ސްމޯޓްރިޗާ ނަތަންޔާހޫގެ ކެބިނެޓުގައި ތިބި އެންމެ ބޮޑަށް ހައްދުފަހަނަ އެޅި، އަދި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލަން ފާޅުގައި ގޮވާލަމުންދާ ދެ ވަޒީރުންނެވެ.
ލިކޫދު ޕާޓީއަށް ބޮޑު ތާއީދެއް އޮންނަ ބައެއް ސަރަހައްދުތަކުގައި ވެސް މާޔޫސްވެފައިވާ ވޯޓުލާ މީހުން ދަނީ ގެއިން ގެއަށް ހިނގައި ނަތަންޔާހޫއާ ދެކޮޅަށް ވޯޓު ދިނުމަށް ބާރުއަޅަމުންނެވެ. އަދި، ދިގުލައިގެން ގޮސްފައިވާ ޖިނާއީ ޝަރީއަތެއްގައި ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭނާ އިންކާރުކުރި ނަމަވެސް، އެ ކަމާ ގުޅިގެން ބައެއް އާންމުން ވަނީ އޭނާއާ ފެޔަށް ޖެހިފަ އެވެ.
އިސްރާއީލުގެ ރައްޔިތުކަން އޮތް ނަމަވެސް ފަލަސްތީނުގެ ނަސްލަށް ނިސްބަތްވާ އަރަބި މަދު އަޣުލަބިއްޔަތުން ގިނަ އަދަދަކަށް ވޯޓުލާން ނުކުމެއްޖެނަމަ، އިސްރާއީލުގެ އޮޅުންބޮޅުން ބޮޑު އިއްތިހާދުގެ ހިސާބުތައް އައިޒެންކޮޓަށް ފަހިވާ ގޮތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.
އިއްތިހާދުވުމުގައި ވިސްނުން އެއްގޮތް ނޫން ކަމަށް ބުނެ، ޢަރަބި ޕާޓީތަކާއެކު އިއްތިހާދުވުމަށް އައިޒެންކޮޓް ދެކޮޅުހެދި ނަމަވެސް، ނަތަންޔާހޫ ވެރިކަމުން ދުރުކުރުމުގެ ބޭނުމުގައި، އައިޒެންކޮޓް އިސްވެ ހުންނަ ކުޑަ ސަރުކާރަކަށް އަރަބި ޕާޓީތަކުން ބޭރުން ތާއީދު ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދާރިސުން ފާހަގަކުރައްވަ އެވެ.
ޝަލޯމް ހާޓްމަން އިންސްޓިޓިއުޓްގެ ސިޔާސީ ދާރިސް އަމޯތުސް އާސާ-އެލް ބުނީ، "އަޅުގަނޑު ލަފާކުރަނީ ކޮންމެ ފަރާތަކަށް ވެސް ލިބޭނީ ވަރަށް ކުޑަ އަޣުލަބިއްޔަތެއް ކަމަށް. ބޮޑު އަޣުލަބިއްޔަތަކުން އެއްވެސް ބަޔަކު މޮޅެއް ނުވާނެ."
މަސްދަރު: ރޮއިޓަރސް











