ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!
29 އޮކްޓޯބަރު 2026 | ބުރާސްފަތި 08:21އިސްރާއީލުގެ އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫގެ ކަނާތުފިޔައިގެ އިއްތިހާދަށް ގިނަ ގޮނޑި ލިބުނު ނަމަވެސް، އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބުމުން އައު ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާ މުއްދަތުގައި އޭނާ ވަގުތީ މަޤާމުގައި ދެމިހުންނާނެ. އިދިކޮޅު އިއްތިހާދަށް ލިބުނު ނަތީޖާ ދަށްވުމާއި ޢަރަބި ޕާޓީތަކުގެ ތާއީދު ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން ނަތަންޔާހޫ މަޤާމުން ދުރުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި. މި ނުތަނަވަސްކަމާއެކު އިސްރާއީލުގެ އިގުތިސާދަށް ލޮޅުން އަރާފައިވާއިރު، ނަތަންޔާހޫ ދަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން


އިސްރާއީލުގެ އާންމު އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިމަނައިގެން ނޫސްތަކުގެ ފަލަ ސުރުޚީގައި ޝާއިއުކޮށްފައިވާ ޚަބަރުތައް، އެ ގައުމުގެ ރައްޔިތަކު ކިޔަނީ | ރޮއިޓަރސް
އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ކަނާތުފިޔައިގެ އިއްތިހާދަށް ބަރުލަމާނުގެ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، ޔަހޫދީ ވޯޓަރުންގެ މެދުގައި އޮތް ހައިރާންކުރުވަނިވި ބޮޑު ތާއީދާއެކު، އޭނާ އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރުގެ މަޤާމުގައި ދެމިހުންނާނެ ކަން ގާތްގަނޑަކަށް ކަށަވަރުވެ، އޭނާ މަޤާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކަށް އޮތް ފުރުސަތު ހަނިވެއްޖެ އެވެ.
ބުދަ ދުވަހާ ހަމައަށް ވޯޓުގެ ގާތްގަނޑަކަށް %86 ގުނައި ނިމުނުއިރު، އިސްރާއީލުގެ މައި ތިން ބްރޯޑްކާސްޓަރުންގެ ލަފާކުރުންތައް ދައްކާ ގޮތުގައި، 120 ގޮނޑީގެ މައްޗަށް އެކުލެވޭ ކްނެސެޓުން ނަތަންޔާހޫގެ ކަނާތުފިޔައާއި، ހަރުކަށި ކަނާތުފިޔަ އަދި އަލްޓްރާ-އޯތޮޑޮކްސް ފަރާތްތައް ހިމެނޭ ބްލޮކަށް ލިބޭނެކަމަށް ލަފާކުރެވެނީ 53 ގޮނޑި އެވެ. މިއީ، އޭނާއާ ވާދަވެރި ގާދީ އައިޒެންކޮޓްގެ އިދިކޮޅު ބްލޮކަށް ލިބޭނެކަމަށް ލަފާކުރެވޭ 48 ގޮނޑިއަށްވުރެ ބޮޑު އަދަދެކެވެ.
ހަމަމިއާއެކު، ޢަރަބި ދަރިކޮޅުގެ އިސްރާއީލް ރައްޔިތުން ތަމްސީލުކުރާ ޕާޓީތަކުން ކުރިން ދުވަހަކު ވެސް ނުފެންނަ މިންވަރަކަށް 19 ގޮނޑި ކާމިޔާބުކުރާނެކަމަށް ވަނީ ލަފާކުރެވިފަ އެވެ. ނަތީޖާއެއްގެ ގޮތުން، ޔަހޫދީ ގިނަ ސިޔާސީ ލީޑަރުން ބަލައިގަންނަން ދެކޮޅުހަދާ ޢަރަބި ޕާޓީތަކުގެ ފުރިހަމަ ތާއީދާ ނުލައި، ވެރިކަމަށް ވާސިލުވުމަށް އައިޒެންކޮޓަށް ހަގީގީ އެއްވެސް މަގެއް މިހާރު ނެތެވެ.
ވޯޓު ގުނުމުގެ މަރުހަލާ ކުރިއަށްދާތީ ނަތީޖާތަކަށް ބަދަލު އައުމުގެ ފުރުސަތު އަދިވެސް އޮތް ނަމަވެސް، މެދުމިނުގެ ވާތުފިޔައިން ފެށިގެން ހަރުކަށި ކަނާތުފިޔައާ ހަމައަށް އެކުލެވޭ ނަތަންޔާހޫއާ ދެކޮޅު އައިޒެންކޮޓްގެ އިއްތިހާދަށް ލިބުނު ގޮނޑީގެ އަދަދު ވަނީ އިންތިޚާބުގެ ކުރިން ވާދަވެރި ރޭހެއް ފެންނާނެކަމަށް ދެއްކި ޚިޔާލުހޯދުންތަކުގެ ތަސައްވުރަށްވުރެ ދަށްވެފަ އެވެ.
އައު ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާ މުއްދަތުގައާއި، ފަހަރުގައި އަންނަ އަހަރު ބާއްވާ އައު އިންތިޚާބަކާ ހަމައަށް ވެސް ނަތަންޔާހޫ ދެމިހުންނާނީ ވަގުތީ ބޮޑުވަޒީރުގެ މަޤާމުގަ އެވެ. ވަގުތީ ސަރުކާރަކަށް ގާނޫނީ ގޮތުން ބައެއް ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައިގެ ކަންކަން ހިމެނޭހެން މުހިންމު ބާރުތައް އެ ސަރުކާރަށް ދެމިއޮންނާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.
އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓްގެ ރިސަރޗް ފެލޯއެއް ކަމަށްވާ ގާއި ލޫރީ ބުނީ، ރަސްމީ ހަމަތަކުން ބަލާއިރު ވަގުތީ ސަރުކާރަކަށް ވެސް އާދައިގެ ސަރުކާރަކާ އެއްވަރުގެ ބާރުތައް ލިބިގެންވާ ކަމަށެވެ. ނަމަވެސް، އެ ފަދަ ސަރުކާރެއްގެ މައްޗަށް "އަމިއްލައަށް ހިފެހެއްޓުންތެރިކަން އިސްކުރުމުގެ ވާޖިބެއް" އޮންނާނެ ކަމަށާއި، ބައެއް ދާއިރާތަކުން ނިންމުންތައް ނިންމުމުގެ އިޚުތިޔާރު ހަނިވާނެ ކަމަށް އޭނާ ބުންޏެވެ.
ސަލާމަތީ މަސްރަހުގެ ނުތަނަވަސްކަން އިތުރުވުން
ލިކޫދު ޕާޓީގެ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން، "ވަރުގަދަ، ކަނާތުފިޔައިގެ ޤައުމީ ސަރުކާރެއް" އެކުލަވާލުމަށް ނަތަންޔާހޫ ގޮވާލި އެވެ. އޭނާ ބޭނުން ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ފަށާފައިވާ ގަތުލުއާންމު ހުއްޓައިނުލައި ކުރިިއަށް ގެންދާށެވެ.
ފަލަސްތީނުގެ އިތުރުން ލުބްނާންގެ އެތައް ހާސް ރައްޔިތުން ޝަހީދު ކުރުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، އޭނާގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އީރާނާ ދެކޮޅަށް އަލުން ގުޅިފައިވާ އަސްކަރީ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތްކަމަށް ނަތަންޔާހޫ ބުންޏެވެ. މި ގޮތުން އީރާނުގެ ނުރައްކާ "އެއްކޮށް ފޮހެލުމަށް" ދެ ޤައުމަށް ލިބިފައިވަނީ "ތާރީޚީ އެއްމެ ފަހި ފުރުސަތު" ކަމަށް އޭނާ ބުންޏެވެ.
އީރާނުގެ މައްސަލައިގައި "މަސައްކަތް އެއްކޮށް ނިންމާލުމަށް" ދެ ލީޑަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ނަތަންޔާހޫ ވެރިކަމުގައި ބެހެއްޓުމަށް އިސްރާއީލުގެ ވޯޓަރުންނަށް ގޮވާލައްވާފައިވާ ޓްރަމްޕް ވިދާޅުވީ، ނަތަންޔާހޫ ވަނީ "ވަރަށް ރަނގަޅު ނަތީޖާއެއް" ހޯދާފައިވާ ކަމަށެވެ. އަދި، އޭނާގެ ތާއީދު އޮތުމަކީ ނަތަންޔާހޫއަށް "ވަރަށް ބޮޑު އެހީތެރިކަމަކަށް" ވި ކަމަށްވެސް ޓްރަމްޕް ދައުވާކުރެއްވި އެވެ.
އިސްރާއީލުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލީ ނަމަވެސް، މެދުއިރުމަތީގެ އެހެން ސަރަހައްދުތަކުގެ ބައެއް ފަރާތްތަކުން މި އިންތިޚާބަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.
ތެހެރާންގެ މަގުތަކުގައި، މި ހަނގުރާމަ ފެށިގެން ދިޔަ ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލި އެ ޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީގެ ފޮޓޯފުޅުތައް ބެހެއްޓިފައިވާ ބެނާތަކުން ހަނގުރާމައިގެ ހަނދާންތައް އާކޮށްދެ އެވެ. އޭގެ ކަނާތްފަރާތުގައި ހުރީ ނަތަންޔާހޫގެ އަމުރަށް ލުބުނާނުގައި ޝަހީދުކޮށްލެވުނު ޙިޒްބުﷲގެ ކުރީގެ ލީޑަރު ޙަސަން ނަޞްރުﷲގެ ޕޯސްޓަރެކެވެ.
"އަހަންނަށް ހަގީގަތުގައި ވެސް އަލުން ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އެބައޮތް،" 50 އަހަރުގެ އީރާނުގެ ރައްޔިތެއް ކަމަށްވާ ޢަބްދުﷲ ކަރީމީ ބުންޏެވެ.
1979 ވަނަ އަހަރު އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ޢަރަބި ޤައުމު ކަމަށްވާ މިޞްރުގައި ވެސް މާޔޫސްކަން އޮތީ އިންތިހާއަށެވެ. 62 އަހަރުގެ ވަކީލެއް ކަމަށްވާ ޢުޘްމާން ސަލީމް ބުނީ، ނަތަންޔާހޫ ބަލިވެ، ހަރުކަށި ކަނާތުފިޔައިގެ ފިކުރުން އެ ޤައުމު ދުރަށް ޖެހިލާނެ ކަމަށް ކުރި އުންމީދުތައް ފެނަށް ގޮސްފައިވާ ކަމަށެވެ.
ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ދެމިހުރިކަން ގަބޫލުކުރަމުން، އައިޒެންކޮޓް ވަނީ ސިޔާސީ މަންފާއަށް ޓަކައި ޤައުމުގެ ސަލާމަތީ ކަންކަން އޭނާ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ދީފަ އެވެ. "އަހަރެން ސަލާމަތީ ޚިދުމަތްތަކާއި ސިވިލް ސަރވިސްގެ ވެރިންނަށް ގޮވާލަން: ނަތަންޔާހޫއަކީ ރައްޔިތުންގެ އިތުބާރެއް ނުވަތަ ޖަމާޢަތުގެ ރުހުމެއް ނެތް ވަގުތީ ބޮޑުވަޒީރެއް،" އައިޒެންކޮޓް ބުންޏެވެ. "ތިޔަބޭފުޅުންނަށް ގޮންޖެހުމަށް ކުރެވޭ ކޮންމެ މަސައްކަތަކާ ދެކޮޅަށް ސާބިތުވެ ތިއްބަވާ."
ސިޔާސީ މަންފާއަށް ޓަކައި އީރާނުގެ މައްސަލަ ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ނަތަންޔާހޫގެ އޮފީހުން މީގެ ކުރިން ދޮގުކޮށްފައިވާއިރު، ބުދަ ދުވަހު މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެދުމުން ޖަވާބެއް ދީފައެއް ނުވެ އެވެ.
ބަރުލަމާނީ އަޣުލަބިއްޔަތެއް ނެތް ވަގުތީ ސަރުކާރެއް އޮތުމުގެ ނުތަނަވަސްކަން އިސްރާއީލުގެ މާލީ ބާޒާރުތަކަށް ވެސް ވަނީ ފޯރާފަ އެވެ. މި ގޮތުން، އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިސްރާއީލުގެ ފައިސާ ކަމަށްވާ ޝެކެލްގެ އަގު ވަނީ ގާތްގަނޑަކަށް %1.6 ދަށަށް ގޮސް، ޑޮލަރަކަށް 3.10 ޝެކެލްއަށް ވެއްޓިފަ އެވެ. އަދި ތެލް އަވީވްގެ މައި ހިއްސާގެ ބާޒާރުގެ އިންޑެކްސްތައް ވަނީ %3 އިންސައްތަ އަށްވުރެ ބޮޑަށް ވެއްޓިފަ އެވެ.
އިސްރާއީލުގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލު
މި ނަތީޖާއިން ހާމަވެގެން ދިޔައީ، ޤައުމުގެ އެންމެ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތުގެ ގޮތުގައި ނަތަންޔާހޫ ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި، އިސްރާއީލުގެ ޔަހޫދީންގެ މެދުގައި ކަނާތުފިޔައިގެ ފިކުރު ވަރަށް ބޮޑަށް ފުޅާވެފައިވާ މިންވަރެވެ. އިސްރާއީލުގެ ތާރީޚުގެ ފުރަތަމަ ބައިގައި ޤައުމުގެ ކޮންޓުރޯލު އޮތް މެދުމިނުގެ ވާތުފިޔަ މިހާރު ވަނީ ވަރަށް ކުޑަ، ނިކަމެތި ބަޔަކަށް ބަދަލުވެފަ އެވެ.
1990 ގެ އަހަރުތަކުން ފެށިގެން ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސުލްހައިގެ މަސައްކަތްތަކުގެ އަސާސް ކަމުގައިވާ މިނިވަން ފަލަސްތީން ދައުލަތެއް އުފެއްދުމާ ދެކޮޅަށް ނަތަންޔާހޫ ގެންގުޅޭ ހަރުކަށި ސިޔާސަތަށް، އިސްރާއީލުގެ ގާތްގަނޑަކަށް ހުރިހާ ޔަހޫދީ ޕާޓީތަކުން މިހާރު ތާއީދުކުރެ އެވެ.
މި އިންތިޚާބަކީ 2023 އޮކްޓޫބަރު 7 ގައި ޙަމާސް އިސްވެ ދިން ޖިހާދުގެ ހަމަލާތަކުގައި 1,200 މީހުން މަރާލައި، 251 މީހުން ރަހީނުކުރުމާ ގުޅިގެން ޣައްޒާއާއި، ލުބުނާން އަދި އީރާނާ ދެކޮޅަށް ފެށި ޤަތުލުއާންމާއި ލާއިންސާނީ ޖަރީމާތަކަށްފަހު އިސްރާއީލުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. ޣައްޒާ ސުންނާފަތިކޮށް، އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި 74,000 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލި މި ޤަތުލުއާންމުގެ ސަބަބުން، އިސްރާއީލު ވަނީ ދުނިޔޭގެ މަސްރަހުގައި ކުރިއަށްވުރެވެސް ބޮޑަށް އެކަހެރިވެފަ އެވެ.
ހަމަމިއާއެކު، ދި ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ހަނގުރާމައިގެ ޖަރީމާގެ ތުހުމަތުގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާއިރު، އޭނާ އެ ތުހުމަތުތައް ސިފަކުރަނީ ބޭކާރު ވާހަކަތަކެއްގެ ގޮތުގަ އެވެ. އަދި، އިސްރާއީލުގެ އެތެރޭގައި އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާތަކަކީ ގާއިމުވެފައިވާ ނިޒާމުން އޭނާއާ ދެކޮޅަށް ރާވާފައިވާ ކެހިވެރި ރޭވުމެއް ކަމަށް ބުނެ، އޭނާ ވަނީ އެ ކަން ދޮގުކޮށްފަ އެވެ.
ފާއިތުވި ދެ ދަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ވޯޓުލާން ނުކުތް ނިސްބަތް އެންމެ މައްޗަށް ދިޔަ މި އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ވަނީ %77.7 އަށް އަރާފަ އެވެ. ޚާއްސަކޮށް، އާބާދީގެ ފަސްބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައެއް ހިއްސާކުރާ ފަލަސްތީން ދަރިކޮޅުގެ އިސްރާއީލް ރައްޔިތުންގެ މެދުގައި ވޯޓުލީ ނިސްބަތް ވަރަށް މައްޗެވެ. މި މީހުން ވޯޓުލާން ނުކުތް މައިގަނޑު ސަބަބަކީ، ޢަރަބިންނާ ދެކޮޅަށް ނަސްލީ ނަފްރަތު އުފެއްދި ކަމުގެ ކުށް ސާބިތުވެފައިވާ ޕާޓީ ލީޑަރަކު ވެސް ހިމެނޭ ނަތަންޔާހޫގެ ކެބިނެޓުން ފާޅުކަން ބޮޑު ގޮތެއްގައި ގެންގުޅޭ ނަސްލީ އިމްތިޔާޒާ ދެކޮޅުހެދުމެވެ.
ވޯޓުލުން ނިމުނު ވަގުތު ނެރުނު އެގްޒިޓް ޕޯލްތަކުގެ ނަތީޖާއާއެކު، ޢަރަބި ޕާޓީތަކުގެ އިއްތިހާދެއް ކަމަށްވާ 'ޖޮއިންޓް ލިސްޓް' ގެ މައި އޮފީސް ތެރެއިން އުފާފާޅުކުރުމާއި އަތްޖެހުމުގެ އަޑު ވަނީ ގުގުމައިގެން ގޮސްފަ އެވެ. "އިސްތިއުމާރާއި ނަސްލީ ތަފާތުކުރުންތަކަށް އަޅުގަނޑުމެން ދެކޮޅުހަދަން، އަދި އަޅުގަނޑުމެން މި ތިބީ މި ފަސްގަނޑުގައި ދެމިތިބުމަށް،" ޖޮއިންޓް ލިސްޓުގެ ކެންޑިޑޭޓް ފާތިން ޣައްޠާސް ވިދާޅުވި އެވެ.
ނަތަންޔާހޫގެ ވެރިކަން މީގެ ކުރިން ވައްޓާލި އިއްތިހާދުން ބުރަވެފައިވަނީ އެންމެ ޢަރަބި ކުޑަ ޕާޓީއެއްގެ މައްޗަށެވެ. ނަމަވެސް، އައިޒެންކޮޓްގެ އިއްތިހާދަށް އިންތިޚާބުގައި އެކަށީގެންވާ ކާމިޔާބީއެއް ނުލިބުމުގެ ސަބަބުން، އިދިކޮޅު ފަރާތްތަކަށް ވެރިކަން ހޯދުމަށް ޓަކައި މިހާރު ކޮންމެހެން ވެސް ޖޮއިންޓް ލިސްޓުގެ ތާޢީދު ބޭނުންވެ އެވެ. ނަމަވެސް، އިސްރާއީލް އުފެދުނީއްސުރެ ޔަހޫދީ ގިނަ ލީޑަރުން އަބަދު ވެސް އަންނަނީ ޢަރަބި ޕާޓީތަކާއެކު ރަސްމީ އިއްތިހާދެއް އުފެއްދުމާ ދެކޮޅުހަދައި، އެ ކަމުން ދުރުހެލިވަމުންނެވެ.
މަސްދަރު: ރޮއިޓަރސް











