ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން 26 ނޮވެމްބަރުގައި މަގުމައްޗަށް ނުކުންނަނީ!
21 ނޮވެމްބަރު 2026 | ހޮނިހިރު 06:47ރަސްމާލޭގައި ހިންގާ ރެޒިޑެންސީ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައި. މިކަން އިއުލާނު ކުރައްވަމުން އެ ޕާޓީގެ ޗެއަރޕާސަން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ބައިވެރިވުން ނެތް މިފަދަ ބޮޑެތި މަޝްރޫއުތައް ބަލައިނުގަނެވޭނެ ކަމަށާއި މިފަދަ ކަންކަމުގައި އެމްޑީޕީން އަބަދުވެސް އޮންނާނީ އިސް ސަފުގައި ކަމަށް


ޤާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން- ފައިލް ފޮޓޯ | އެމްޑީޕީ
ރަސްމާލޭގައި ސަރުކާރުން ހިންގަން ނިންމާފައިވާ ރެޒިޑެންސީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފި އެވެ.
މިކަން އިއުލާނުކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހޮނިހިރު ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އިހުތިޖާޖުކުރަން ދަންނަ އަދި ރައްޔިތުންނާ ގުޅިފައިވާ ފަލްސަފާތަކެއް ގަބޫލުކުރާ ޕާޓީއެއް ކަމަށެވެ.
އެގޮތުން ރައްޔިތުންނަށް އެންމެ މުހިންމީ ތަނަވަސްކަމާއި ހާސްކަމެއް ނެތި އުޅެވޭނެ ގޮތްތައް މަގުފަހިވުން ކަމަށާއި، ސަރުކާރުތަކުން އެކުލަވައިލާ ތަސައްވުރުތައް ރައްޔިތުންނަށް ހުށަހަޅައި، އެ ރައްޔިތުން ބަލައިނުގަންނަ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން މި މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމުގެ އިސް ސަފުގައި އެމްޑީޕީން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުތަކުން ތަސައްވުރެއް އެކުލަވައިލުމަށްފަހުގައި އެ ތަސައްވުރު ރައްޔިތުންނަށް ހުށަހަޅަން އެބަޖެހޭ. ރައްޔިތުންނަށް ހުށަނާޅާ ރައްޔިތުން ގަބޫލުނުކުރާ ތަސައްވުރެއް އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ. މި ކަމުގެ އިހުތިޖާޖަށް ނުކުތުމަށް އެމްޑީޕީން މި ވަނީ ނިންމާފައި. އަޅުގަނޑުގެ އަމާޒަކީ މި ސައްބީސް ވަނަ ދުވަހު ނޮވެންބަރު މަހުގައި އެމްޑީޕީ މިކަމަށް އިހުތިޖާޖުކުރުމަށް މަގުމައްޗަށް ނުކުތުންމުހައްމަދު ނަޝީދު
އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަސާސްތަކަށް އަލިއަޅުއްވާލައްވައި ނަޝީދު ވިދާޅުވީ، ޑިމޮކްރެސީގެ ބޮޑު ބަދަލުގެ އެންމެ މުހިންމު ސިފައަކީ ގިނަގިނައިން ރައްޔިތުންގެ ގާތުން ކަންކަމުގައި އެހުން ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަންޖެހޭ ހާލަތްތައް އެ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދާއި، މަޖިލީހުގެ އަމީން އާންމާއި މަޖިލީހުގެ ޖުމްލަ ހިންގުން ހަރުދަނާކޮށް ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމުގައި އެހެން ބަޔަކާ ހަވާލުނުކޮށް، އެމްޑީޕީ އޮންނާނީ އެކަމުގެ ކުރީ ސަފުގައި ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް ސަރުކާރުން ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެކަން ބަލައިގަންނާނެތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ނަޝީދު ވިދާޅުވީ ދައުލަތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮއްވައި، ފަހުން އެ އެއްބަސްވުމެއް ބާތިލުކުރާނެ ކަމަށް ނުވަތަ އެއްލައިލާނެ ކަމަށް ބުނެ ޒިންމާދާރު ސިޔާސީ ފަރާތްތަކުން ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ.
އެފަދަ ވާހަކަތަކުގެ ސަބަބުން ބޭރު ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރައި، ސޮވަރިން އެއްބަސްވުންތައް އުވާލުމުން ދައްކަންޖެހޭ ބަދަލުތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މުރާޖައާ ކުރެވިދާނެ ކަމަށް ބުނެވުނު ނަމަވެސް، ޒިންމާދާރުކަން ކުޑަ ބޮޑެތި ވާހަކަތައް ދެއްކުމަކީ ރައްޔިތުންނަށް ފައިދާހުރި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރެޒިޑެންސީ ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އަމިއްލައަށް ހިންގެން ހުރި ޕްރޮގްރާމްތައް. އަޅުގަނޑުމެން އެކަމަށް ބޭނުންވަނީ ގާނޫނުތައް. އެއަކަށް މާ ބޮޑެތި ބިލިއަން ޑޮލަރުގެ މީހުންތަކެއް ބޭނުމެއް ނުވޭމުހައްމަދު ނަޝީދު
ރާއްޖޭގައި މިފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން އެބައޮތްކަން ފާގަކަުރައްވައި ނަޝީދު ވިދާޅުވީ ހުޅުދޫ ކައުންސިލުން އެ ރަށުގައި ރެޒިޑެންސީ ޕްރޮގްރާމެއް ހިންގުމަށް ނިންމި ނިންމި ކަމަށާއި، އެ ކައުންސިލުން ހިސާބުތައް ބެލިއިރު އެއީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ނުވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާ މަޝްވަރާކުރެވި، އެ ފަރާތްތައް ތިބީ އެކަމަށް ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.











