ރަސްމާލެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުން ފުރުޝާންގެ ނަން އަނބުރާ ގެންދަވައިފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 05:53ރަސްމާލެ މަޝްރޫއާ ގުޅިގެން ގައުމީ މަސްލަހަތަށް އޮތް ނުރައްކަލާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްވުރެ ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ފުރުޝާން ވިދާޅުވި. އަދި ޕާޓީގެ ރަސްމީ ސްޓޭންޑާ ޚިލާފަށް ޗެއަރޕާސަން އަމަލުކުރައްވާ ކަމަށް ތުހުމަތުކުރައްވައި، މި ދަނޑިވަޅުގައި ޕާޓީގެ ހަރަކާތްތައް ހުއްޓިފައި އޮތުމަކީ މާޔޫސްވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި


މާލެސިޓީ ކައުންސިލްގެ މާފަންނު އުތުރުދާއިރާގެ ކައުންސިލަރު ހުސެއިން ފުރުޝާން | މާލެ ސިޓީ ކައުންސިލް
ކުރިއަށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރުމަށް ހުށަހެޅި ކެންޑިޑެސީ، އެ ޕާޓީގެ މެންބަރު ހުސެއިން ފުރުޝާން ރަސްމީކޮށް އަނބުރާ ގެންދަވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ފުރުޝާން ވިދާޅުވީ، ރަސްމާލެ އެއްބަސްވުމާ ގުޅިގެން ގައުމުގެ މުސްތަގުބަލާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، ޕާޓީގެ އެތެރޭގެ ކަންކަމަށްވުރެ ބޮޑަށް ކުރިއަށް އޮތް ޖީލުތަކުގެ ހައްގުތަކާއި ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ދެކޮޅުވެރިކަމަކީ ހައްދުފަހަނައެޅި ގައުމިއްޔަތުކަމެއްގެ މައްޗަށް ނުވަތަ ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅަށް އޮތް ކަމެއް ނޫން ކަމަށާއި، ތަރައްގީ އާއި އިންވެސްޓްމަންޓް ގެންނަންވާނީ ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންގެ މަސްލަހަތު ގުރުބާން ނުކޮށް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، އެ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ރަސްމީ ސްޓޭންޑެއް ނަގާފައިވީ ނަމަވެސް، ޕާޓީގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމުގެ ކަންބޮޑުވުން ފުރުޝާން ފާޅުކުރެއްވި އެވެ. ވަކިން ޚާއްސަކޮށް ޕާޓީގެ އުސޫލުތައް ކުރިއަށް ނެރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ ޗެއަރޕާސަން، ޕާޓީގެ ރަސްމީ ސްޓޭންޑާ ޚިލާފު ވިސްނުމަކަށް ތާއީދުކުރައްވާ މަންޒަރު ފެނުމަކީ މާޔޫސްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރުޝާން ވިދާޅުވީ، މިކަންކަން ފާހަގަކުރެއްވީ ޕާޓީ ތެރޭގައި ބައިބައިވުން އުފެއްދުމުގެ ބޭނުމުގައި ނޫން ކަމަށާއި، ޕާޓީއާމެދު އޮތް އިޚްލާސްތެރި ކަންބޮޑުވުމެއްގެ ސަބަބުން ކަމަށެވެ. އަދި އެތެރޭގެ އިންތިޚާބުތައް ފަސްކުރުމަށް ވިސްނައި، މިދަނޑިވަޅުގައި ރައްޔިތުންގެ ފަޅީގައި ތިބުން މުހިންމު ކަމަށާއި، އެހެން ނޫންނަމަ ވަރުގަދަ ޕާޓީއެއް ބިނާކުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިޚާބުތަކާއި ޚިދުމަތް ކުރުމުގެ ފުރުސަތުތައް އަދިވެސް އަންނާނެ ކަމަށާއި، ނަމަވެސް އޮތީ ހަމައެކަނި "ވަން މޯލްޑިވްސް" ކަން ފާހަގަކުރައްވައި ފުރުޝާން ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ ގައުމުގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ.











