ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން
18 ނޮވެމްބަރު 2026 | ބުދަ 11:13ދަތުގެ ފަރުވާއަކަށް ދިޔަ މީހަކު މަރުވި ހާދިސާގައި، ޓްރީޓޮޕް ހޮސްޕިޓަލާއި އޮރަކެއަރ ކްލިނިކުން ބަލިމީހާގެ މެޑިކަލް ހިސްޓްރީއަށާއި ވައިޓަލް ސައިންސްއަށް ބެލުމެއްނެތި ފަރުވާދީ، ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ހެލްތު މިނިސްޓްރީގެ ރިޕޯޓުން ހާމަވެއްޖެ. މީގެ އިތުރުން، ބަލިމީހާގެ ހާލަތު ގޯސްވުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތާއި މެޑިކަލް ރެކޯޑުތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވޭއިރު، މި ހާދިސާ ހިނގާފައިވަނީ ސިއްހީ މަރުކަޒުތަކުން ރައްކާތެރިކަމުގެ އަސާސީ ފިޔަވަޅުތަކަށް އަމަލުނުކުރުމުގެ ސަބަބުން


ދަތުގެ ފަރުވާ ދެމުންދާ މަންޒަރެއް | ސޯޝަލް މީޑިއާ
ދަތުގެ އާދައިގެ ފަރުވާއަކަށް ގޮސް، ސިއްހީ ނިޒާމުގެ ތެރެއިން ހެދުނު ސީރިއަސް އިހުމާލުތަކެއްގެ ސަބަބުން އިންސާނެއްގެ ފުރާނަ ގެއްލިގެން ދިޔަ ހިތާމަވެރި ހާދިސާއަށް އަހަރެއް ފުރުނުއިރު، ހެލްތު މިނިސްޓްރީގެ ތަހުގީގު ރިޕޯޓުން ވަނީ ހިތްދަތި އަދި ބިރުވެރި ހަގީގަތްތަކެއް ހާމަވެފަ އެވެ. 15 ނޮވެމްބަރު 2025 ގައި ހިނގައިދިޔަ މި ހާދިސާގައި، އާއިލާއަށް ލިބުނު ފުން ހިތާމައިގެ ފަހަތުގައި ވަނީ، ފަރުވާ ދިނުމުގެ އެކި މަރުހަލާތަކުގައި ސިއްހީ ޚިދުމަތްތެރިންނާއި މަރުކަޒުތަކުން ވެފައިވާ ބޮޑެތި އިހުމާލުތަކާއި، ގަވާއިދުތަކާ ޚިލާފަށް ކަންކަން ކޮށްފައިވާ މިންވަރެވެ. އަހަރެއްހާ ދުވަހުގެ އިންތިޒާރަށްފަހު އާއިލާއަށް ލިބުނު މި ޖަވާބުން އެނގިގެންދަނީ، އެންމެ ފުރަތަމަ ފަރުވާ ހޯދަން ދިޔަ ހިސާބުން ފެށިގެން އެންމެ ފަހު ނޭވާއާ ހަމައަށް ވެސް، ބަލިމީހާގެ ފުރާނަ ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެ އަސާސީ ފިޔަވަޅުތައް ވެސް އަޅާފައި ނުވާކަމެވެ.
މި ހިތާމަވެރި ހާދިސާ ފެށިގެން އައީ 15 ނޮވެމްބަރު 2025 ގައި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. ބަލިމީހާއަކީ ދާއިމީ ބައްޔަކަށް ބޭސްކުރަމުންދިޔަ ފަރާތެއްކަން އެނގެން އޮތްއިރު ވެސް، ދަތުގެ ފަރުވާ ކުރިއަށް ގެންދިއުމުގެ ކުރިން ބަލިމީހާގެ ދާއިމީ ބަލިތަކުގެ ހާލަތު ހޮސްޕިޓަލުން ބަލާފައެއް ނުވެ އެވެ. ޚާއްސަކޮށް ހަކުރުބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ބަލައި ރެކޯޑުކޮށްފައި ނުވާއިރު، ފަރުވާ ފެށުމުގެ ކުރިން ފިޒީޝަނެއްގެ އިރުޝާދު ވެސް ހޯދާފައެއް ނުވެ އެވެ. ދަތް ނަގަން ފެށުމުގެ ކުރިން ބަލަންޖެހޭ އެންމެ އަސާސީ ކަންކަން ކަމަށްވާ ވައިޓަލް ސައިންސް އާއި ލޭގައި ހަކުރު ހުރި މިންވަރު ވެސް ބަލާފައި ނުވާކަން ރިޕޯޓުން ހާމަވެ އެވެ. ދަތް އުފުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އޯރަލް އެންޑް މެކްސިލޯ ފޭޝަލް ސަރޖަނަކަށް ދެއްކުމަށް ބަލިމީހާ ރިފަރ ކުރިއިރު ވެސް، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ފަރުވާ ދެވޭނެ ފަދަ ހޮސްޕިޓަލެއްގެ ބަދަލުގައި ފޮނުވާލީ ކްލިނިކަކަށެވެ. އެންމެ ހިތާމަވެރި ކަމަކީ، ބަލިމީހާ ރިފަރ ކުރި ލިޔެކިޔުންތަކުގައި އައްސިކުރުމަށް ދެވުނު އިންޖެކްޝަންގެ ތަފްސީލް ހިމަނާފައި ނެތުމުގެ ސަބަބުން، އެ މައުލޫމާތު ހޯދުމަށް ބަލިމީހާގެ އެހީތެރިޔާ އަނބުރާ ހޮސްޕިޓަލަށް ދާންޖެހި، އަގުހުރި ވަގުތުތަކެއް ބޭކާރުވެގެން ދިޔުމެވެ.
އެއަށްފަހު، ހަމަ އެ ދުވަހު ބަލިމީހާ ދިޔަ އޮރަކެއަރ ޑެންޓަލް ކްލިނިކުން ވެސް ފެނިގެންދިޔައީ ހަމަ މިފަދަ ނުރައްކާތެރި އިހުމާލުތަކެކެވެ. ކޮންސަލްޓޭޝަންގެ ވަގުތު ބޭސް ސިޓީގައި ރެކޯޑުކޮށްފައި ނުވާއިރު، ބަލިމީހާގެ މެޑިކަލް ހިސްޓްރީ ވެސް ނޯޓުކޮށްފައެއް ނުވެ އެވެ. 'ވިނަވި' ޕޯޓަލް މެދުވެރިކޮށް ބަލިމީހާގެ ރިކޯޑްތައް ބެލިއިރު، އޭނާއަކީ ހަކުރުބައްޔާއި ތައިރޮއިޑް މައްސަލަ އަދި ކޮލެސްޓްރޯލް ހުންނަ މީހެއްކަމާއި، އެންމެ ފަހުގެ ލޭގެ ތަހުލީލުތަކުން ހަކުރުބަލި ހުރީ ކޮންޓްރޯލް ނުކުރެވިކަން ޑޮކްޓަރަށް ވަނީ އެނގިފަ އެވެ. ނަމަވެސް، މި ބަލިތަކާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތައް ލިޔުމުން ނޯޓުކޮށްފައި ނުވާއިރު، ފިޒީޝަނެއްގެ ލަފާ ވެސް ހޯދާފައެއް ނުވެ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ދިން އައްސިކުރާ ބޭހުގެ މިންވަރު އެނގެން ނެތުމާއި، ބަލިމީހާގެ ހާސްކަމާއި ސިއްހީ ހާލަތަށް ބަލައި ޖެހިގެން އައި ދުވަހަށް ފަރުވާ ފަސްކުރުމަށް ޑޮކްޓަރު އިރުޝާދު ދިން ނަމަވެސް، ބަލިމީހާއަށް އަޅަމުންދިޔަ ވޭނުގެ ސަބަބުން ހަމަ އެ ދުވަހު ދަތް އުފުރައިދިނުމަށް އާއިލާއިން އެދުމުން، އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި ފަރުވާ ކުރިއަށްގެންދިޔައީ އެވެ.
އޮރަކެއަރ ޑެންޓަލްގައި ފަރުވާ ފެށުމުގެ ކުރިން ވެސް ބަލިމީހާގެ ވައިޓަލް ސައިންސް އާއި ހަކުރު ހުރި މިންވަރު ބަލާފައެއް ނުވެ އެވެ. ސިއްހީ ޚިދުމަތް ދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ 66 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުން، އައްސިކޮށްގެން ފަރުވާއެއް ދޭނަމަ ބަލިމީހާގެ ރުހުން ލިޔުމުން ހޯދުމަކީ ލާޒިމް ކަމަކަށް ވީނަމަވެސް، ރުހުން ހޯދާފައިވަނީ ހަމައެކަނި އަނގަބަހުންނެވެ. އައްސިކުރުމަށްފަހު 3 ދަތް އުފުރިއިރު، އިންޖެކްޝަން ޖެހި ވަގުތު ރެކޯޑުކޮށްފައި ނުވާއިރު، ދަތް އުފުރުމަށްފަހު ވެސް ބަލިމީހާގެ ވައިޓަލް ސައިންސް ބަލައި، ހާލަތު މޮނިޓަރ ކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތެވެ. ޑޮކްޓަރު ބުނާ ގޮތުގައި އޭރު ބަލިމީހާގެ ހާލު ރަނގަޅު ނަމަވެސް، އައްސިކުރި ކަމަށް ލަފާކުރެވޭ ގަޑިއާއި ކްލިނިކުން ދޫކޮށްލި ގަޑިއާ ދެމެދު ބަލިމީހާގެ ހާލަތު ބަލަންވާ ވަރަށް ބެލުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވާކަން ތަހުގީގުން ވަނީ ސާބިތުވެފަ އެވެ.
މީގެ އިތުރުން، ބަލިމީހާގެ ހިތުގެ ބަލިތަކަށް އޮތް ނުރައްކަލަށް ބަލައި، ނުރައްކާތެރި ހާލަތެއް ދިމާވެއްޖެނަމަ މެޑިކަލް ސަޕޯޓް ދެވޭނެ ފަދަ މާހައުލެއް ކްލިނިކްގައި ނެތްއިރު ވެސް، އެކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ. ކްލިނިކުން ދޫކޮށްލިތާ މާގިނައިރުތަކެއް ނުވެ، ބަލިމީހާގެ ހާލު ސީރިއަސްވެ، އިޚްތިޔާރުން ބޭރުގައި ކުޑަކަމުދެވުމާއި އާދަޔާ ޚިލާފަށް ދާހިއްލުމުގެ އިތުރުން ހޭވެރިކަމަށް ބަދަލުތަކެއް އައުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީއަށް ގެންދެވުނެވެ. ހޮސްޕިޓަލުން ބެލިބެލުމުން އެނގުނީ ބަލިމީހާގެ ހިތަށް ބޮޑު ގެއްލުމެއް ލިބި، 'ކޮމްޕްލީޓް ހާޓް ބްލޮކް' ވެ، ކާޑިއެކް ބަޔޯމާކާސް މަތިވެ، ހިތުގެ މަސައްކަތް ފެއިލްވުމުގެ ސަބަބުން ނުރައްކާތެރި ޝޮކަކަށް ގޮސްފައިވާ ކަމެވެ. 15:15 ގައި ފުރަތަމަ ފަހަރަށް ވައިޓަލް ސައިންސް ނޯޓުކުރެވުނުއިރު ހިތުގެ ވިންދު ހުރީ 64 ގަ އެވެ. އަދި ލޭގެ ޕްރެޝަރު ހުރީ މެޝިނުން ނުބެލޭހާ ދަށުގަ އެވެ.
ވަގުތުން ރިސަސިޓޭޝަން ރޫމަށް ބަދަލުކޮށް ފަރުވާ ދޭން ފެށި ނަމަވެސް، 15:22 ގައި ހިތުގެ ވިންދު ހުއްޓުމާ ގުޅިގެން ސީޕީއާރް ދޭން ފެށުނެވެ. މެދުނުކެނޑި ސީޕީއާރް ދީ، ތިން ފަހަރަށް ޝޮކް ދީގެން ވެސް އެ ހިތް އަލުން ވިންދު ޖަހާގޮތެއް ނުވި އެވެ. އެންމެ ފަހުން، 16:20 ގައި އެ ފުރާނަ މި ދުނިޔެއާ ވަކިވެއްޖެކަން އިއުލާން ކުރެވުނީ، އާއިލާގެ ހިތްތައް ކުދިކުދިކޮށްލަމުންނެވެ. މި ހާދިސާއަށްފަހު ލިޔެކިޔުންތައް ބެލިބެލުމުން ފާހަގަވި އެންމެ ކަންބޮޑުވާ އެއް ކަމަކީ، މެޑިކަލް ރެކޯޑުތަކުގައި ވަގުތުތައް ލިޔުމުގައި ގިނަ ބަދަލުތަކެއް ގެނެސްފައި ހުރުމެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ރޫމް ލިޔެކިޔުންތަކުގައި ބަލިމީހާ ގެނައި ގަޑި ނޯޓުކޮށްފައި ނެތްއިރު، ޑިސްޗާޖް ސަމަރީގައި އެ ގަޑި ލިޔެފައިވުމާއި، ބައެއް ލިޔުންތަކުގައި ވަގުތު ބަދަލުކޮށް ލިޔެފައި ހުރުމުގެ ސަބަބުން ކަން ހިނގައިދިޔަ ގޮތުގެ ތަރުތީބު އިތުބާރު ހުރި ގޮތެއްގައި ކަނޑައެޅުމަށް ތަހުގީގަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ.
މުޅި މި ރިޕޯޓުން ސާފުކޮށް ފެންނަން އޮތީ، ފަރުވާގެ ކުރިންނާއި ފަރުވާގެ ތެރޭގައި އަދި ފަރުވާއަށްފަހު ވެސް ބަލިމީހާގެ ހާލަތު ބަލައި ވައިޓަލް ސައިންސް ރެކޯޑުކޮށްފައި ނުވާކަމާއި، ލިޔުމުން ރުހުން ހޯދާފައި ނުވާކަމާއި ބަލިމީހާގެ ފުރާނައަށް އޮތް ނުރައްކާ ވަޒަންކުރުމުގައި ސިއްހީ މަރުކަޒުތަކުން މުޅިން ފެއިލްވެފައިވާ ކަމެވެ. އާއިލާއަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބި، އަހަރެއް ފަހުން މި ހަގީގަތްތައް ހާމަވިއިރު، މިއީ ހަމައެކަނި އިދާރީ ކުށެއް ނޫނެވެ. މިއީ ފުރާނައެއް ގެއްލިދިއުމަށް މަގުފަހިކުރި ބޮޑު އިހުމާލެކެވެ.









