ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން: ހައިކޯޓް
17 ނޮވެމްބަރު 2026 | އަންގާރަ 17:06ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައި. އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށް ހައިކޯޓުން ބުނެފައިވާއިރު، ފުލުހުން ދަނީ މި ސީރިއަސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން


ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު | ޕޮލިސް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ނިމިފައިވާ ކަމަށް ހައިކޯޓުން ބުނެފި އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
މި ނިންމުން ޝާހިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މި މައްސަލައިގެ އަޑުއެހުން ނޮވެމްބަރު މަހުގެ 15 ވީ އާދިއްތަ ދުވަހުގެ މެންދުރު 1:15 އަށް ތާވަލުކުރި ނަމަވެސް، އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ހައިކޯޓުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި މި އަޑުއެހުން ކެންސަލް ކުރަން ޖެހުނީ އިދާރީ ސަބަބުތަކަކާ ގުޅިގެންނެވެ.
އޭގެ ފަހުން އަންގާރަ ދުވަހު އެ ކޯޓުން ބުނެފައި ވަނީ އިސްތިއުނާފް އަޑުއެހުން އަންގާރަ ދުވަހު ނިމިފައިވާ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށެވެ. އަދި ހުކުމްކުރާނެ ތާރީހެއް އަދި ތާވަލުނުކުރާ ކަމަށް ވެސް ހައިކޯޓުން ވަނީ ބުނެފަ އެވެ.
ޝާހިދު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި މިވަނީ، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އޭނާ ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނިކޮށެވެ. ޝާހިދު ގެންދެވީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ފައްޓަވައި، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދުގެ މައްޗަށް ކުރެވޭ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









