ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
11 ނޮވެމްބަރު 2026 | ބުދަ 09:20ރައްޔިތުންގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ރައީސް ޑރ. މުއިއްޒަށް ލިބިވަޑައިގެންފައިވާ ބާރެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކަށް ފުރުސަތު ލިބޭ ގޮތަށް ގާނޫނުތައް ބަދަލުކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ގައުމީ ބޮޑެތި ނިންމުންތައް ނިންމަންވާނީ ރައްޔިތުންގެ ބަހެއް ހޯދައިގެން ކަމަށް އޭނާ ވިދާޅުވި


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިގައުމުގެ ވެރިކަމަށް ރައްޔިތުން އިންތިޚާބު ކުރީ އެމަނިކުފާނު ބޭނުންފުޅު ވުމުން ގައުމުގެ ތަންތަން ކަނޑައި ގެން ބޭރުގެ މީހުންނަށް ދޭން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު މިގައުމުގެ ވެރިކަމަށް ރައްޔިތުން އިންތިޚާބު ކުރީ 5 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
އެއީ އެތައް ގިނަ ވައުދެއް ރައްޔިތުންނަށް ވެގެން ލިބުނު މަގާމެއް ކަމަށާއި، އެގޮތުން ބޯހިޔާވަހިކަމާއި އެ ނޫން ވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ކަމަށް ވައުދުވުމުން ރައްޔިތުން ވޯޓު ދިނީ ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުންގެ އިތުބާރު ހޯދުމަށް ފަހު މަގާމު ލިބުމުން ރައްޔިތުންނަށް ހަރާންކޯރުވާން ފުރުސަތު ނުދޭނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ ރައްޔިތުންގެ ލާރިން، ފައިސާ އިން ހިއްކި ތަނެއް، ރައްޔިތުންގެ ބަހެއް ނެތި ބޭރުގެ ފަރާތްތަކަށް ދޫކޮށްލާކަށް. ވަކިން ޚާއްސަކޮށް ޒަޔަނިސްޓުންނަށް ވާގިވެރިވާ ފަރާތްތަކަކަށް ދޫކޮށްލާކަށް. މިހާރު މަޖިލީހަށް ހުށަހެޅިފަ އޮތް ބިލުން މިތަނުގައި ޒަޔަނިސްޓުން އާބާދުވުން ނުހުއްޓޭ. އިސްރާއީލު މީހުންނަކަށް ނާދެވޭނެ އޭ ނޫޅެވޭނެ އޭ ބުންޏެއް ކަމަކު ޒަޔަނިސްޓުންނަށް އެތަނުގައި އުޅެވޭ ގޮތަށް އަދި ވެސް ބިލު އޮތީމައުރޫފް ޒާކިރު
މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު، އެތަން ހިއްކުމަށްފަހު ބޭރުގެ ފަރާތްތަކަށް، އިސްރާއީލަށް ވާގިވެރިވާ ޔަހޫދީންނަށް ދޭނަމޭ ވިދާޅުވި ނަމަ، އެެއްވެސް ވޯޓެއް ނުލިބުނީސް ކަމަށެވެ. އޭރު ވައުދުވީ އެ ބިމުން ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށާއި އެހެން ނަމަވެސް މިހާރު އެ ވައުދާ އެމަނިކުފާނު ޚިލާފު ވަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އޭގެ އިތުރުން މައުރޫފް ވަނީ އެ ބިމުގައި އިސްރާއީލުގެ ޔަހޫދީންނަށް ވަޒަންވެރި ނުވެވޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ބޭނުން ގޮތަކަށް ގާނޫނު ބަދަލު ކުރާ މަޖިލީހެއް ކަމަށް ވިދާޅުވެފަ އެވެ.
މިހާރުގެ ރަބަރސްޓޭމްޕް ޖަހާ މަޖިލީހަކީ ބޭނުން ކޮންމެ ވަގުތަކު ގާނޫނު ބަދަލުކުރެވޭ ފެންވަރުގަ އޮތް މަޖިލީހެއް. ރައީސް މުއިއްޒު ވިދާޅުވެއްޖެ ކަމުގައި ވާނަމަ އެބޭފުޅުން ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ތިއްބެވި މަޖިލީހެއް. އެހެންވީމާ މި ދަންނަވަނީ ދިވެހި ރައްޔިތުން ކައިރީގައި އަހާފައި ނޫނީ މިވަރުގެ ޑީލެއް ނިންމަން ދިވެހި ރައްޔިތުން ފުރުސަތު ދީގެން ނުވާނެ އޭމައުރޫފް ޒާކިރު
ރައީސް މުއިއްޒު މިއަދު ޖެހިވަޑައިގަންނަވާނީ ރައްޔިތުންގެ އަޑު އައްސަވަން ކަމަށާއި ސަބަބަކީ އެމަނިކުފާނު ގެ މުސާރަ އާއި ބަޖެޓާއި ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އެހެނިހެން ކަންކަން ކޮށްދެނީ ވެސް ރައްޔިތުން ކަމަށް ވާތީ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރީ ރައްޔިތުންގެ ބަޖެޓާއި މާލިއްޔާއަށް ބޭނުންހާ ގޮތަކަށް ކަން ކުރަން ނޫން ކަމަށާއި އިންތިޚާބުކޮށްފައި ވަނީ ބޭނުންވީމަ ތަންތަން ކަނޑާފައި ބޭރުގެ ފަރާތްތަކަށް ދޭކަށް ވެސް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.











