އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
12 ނޮވެމްބަރު 2026 | ބުރާސްފަތި 13:53ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. މި އެއްވުމުގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ބޭރުގެ ފަރާތްތައް ރާއްޖޭގައި ވަޒަންވެރިކުރުވުމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެއް


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެ އެމްވީ
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ހަވީރު ގައުމީ ހަރަކާތުގެ ފަރާތުން ހުކުރު ދުވަހު ރޭ އޮންނަ އެއްވުމަށް ދައުވަތު ދިނުމުގެ ގޮތުން ބޭއްވި ނޯޓިސް ބެހުމުގެ ހަރަކާތުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މައުރޫފް ވަނީ ވީހާވެސް ގިނަ ރައްޔިތުން ބޮޑު އެއްވުމުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން މި އެއްވުމުގައި ބައިވެރިވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.
އެގޮތުން މި އެއްވުމާއި ގުޅޭ ގޮތުން ލިބެމުން ދަނީ ވަރަށް ޕޮޒިޓިވް ރެސްޕޯންސެއް ކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވާނެ ކަމަށް ބުނަމުން ކަމަށް މައުރޫފް ވިދާޅުވި އެވެ.
ރަސްމާލެ ނުވަތަ ދިވެހި ބިމުގައި ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވުމާ ދެކޮޅަށާއި، މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާ ނޮވެންބަރު 13 ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.











