ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026 | ހޮނިހިރު 04:42ރަސްމާލޭގައި ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވުމާ ދެކޮޅަށް ބޭއްވި އެއްވުމުގައި، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށާއި މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ދައުލަތުގެ ހުރިހާ ބާރުތަކެއް ރައީސް މުއިއްޒު މުށުތެރެއަށް ލައްވާފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުގެ ނިންމުންތައް ބަދަލުކުރުމަށް ގިނަ ރައްޔިތުން މަގުމައްޗަށް ނުކުތުމަށް އޭނާ ވަނީ ގޮވާލައްވާފައި


ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު "ދިވެހީންގެ ބިން ދިވެހީންނަށް" ހާއްސަ އެއްވުމުގައި ވާހަކަދައްކަވަނީ | ސަން
ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުންގެ ބަސް އަޑުއައްސަވައި އަދި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި ރައީސް މުއިއްޒު މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ހުކުުރު ދުވަހުގެ ރޭ "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ އެއްވުމުގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބާއްވާ ރެލީތަކާއި ހަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުމެއް ނެތި ރަސްމާލެގައި ބޭރުގެ ފަރާތްތަކުން ވަޒަންވެރިވުން ނުހުއްޓުވޭނެ ކަަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިގައުމުގެ ވެރިކަމުގައި ބަހައްޓަން އިތުބާރު ނެތްކަމަށާއި ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން ދިވެހި ރައްޔިތުންނަށް ވާނެ މޮޅެއް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެހެންކަމުން ރަސްމާލޭގައި ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވުމާއި ދެކޮޅަށް ނުކުމެ މި ވެރިކަން ވެސް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެހެންވީމާ އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑުމެން މިކަމުގައި އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަމޭ، އަޅުގަނޑުމެން މީގައި ދާނީ ކުރިއަށޭ، އަދި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން އެމްޑީޕީއަށް، ޕީއެންއެފްއަށް. މިކަމުގައި ތިބޭފުޅުން ދެމިތިއްބަވަން ޖެހޭނެ އަޅުގަނޑުމެން އެކަނި މިކަން ކުރާނަމަ އަޅުގަނޑުމެން މިކަން މިހާރު ހުއްޓުވައިފީމުސް. އެހެންނަމަވެސް މި މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ ރައްޔިތުންނަށް ހެޔޮ އެދޭ މީހެއް ނޫން ވީމާ މީނާ މައިތިރި ކުރުމަށްޓަކައި ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެމައުރޫފް ޒާކިރު
މީގެ އިތުރުން މައުރޫފް ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތްގޮތުން ސުލްހަވެރިކަމާއެކު އެއްވުމަށް ހުއްދަދޭނެ އެއްވެސް އިދާރާއެއް ނެތް ކަމަށެވެ. އެގޮތުން އެއްވެސް މުއައްސަސާއެއްގައި އެއްވެ އުޅެވޭނެ ތަނެއް ދިނުމުގެ ބާރެއް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ހުރިހާ ބާރެއް ނަންގަވާފައި ވަނީ ރައީސް މުއިއްޒު ކަމަށް ވެސް ވިދާޅުވި އެވެ.
އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފު ވެއްޖެކަމުގައި ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނިކަން ފާހަގަކުރައްވާ، މައުރޫފް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ކުރެވޭނެ ވެރިކަމެއް މި ރާއްޖޭގައި ނޯންނާނެ ކަމަށެވެ.











