ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރާ އެއްބަސްވުން ފާސްކޮށްފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 10:46އާކްޓިކް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރުމަށްޓަކައި ގްރީންލޭންޑުގައި ދިފާއީ މަރުކަޒުތައް ގާއިމުކުރުމުގެ ހުއްދަ ދިނުމަށް ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުން އިއްތިފާގުން ފާސްކޮށްފި. މި އެއްބަސްވުމަކީ 1951 ވަނަ އަހަރުގެ މުއާހަދާ އިސްލާހުކޮށް، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް މިހާރަށްވުރެ ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލި މުހިންމު ނިންމުމެއް


އާކްޓިކް ސަރަހައްދުގައި ހިމެނޭ ގްރީންލޭންޑްގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރުމުގެ ހުއްދަ ދިނުމަށް އެކުލަވާލި އެއްބަސްވުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 109 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި | އަނަޑޯލޫ
ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް މަގުފަހިވާ ދިފާއީ އެއްބަސްވުމެއް ޑެންމާކުގެ ޤާނޫނު ހަދާ މަޖިލީހުން ބުދަ ދުވަހު އިއްތިފާގުން ފާސްކޮށްފި އެވެ.
ނޯވޭގެ ދައުލަތުގެ މީޑިއާ، އެންއާރުކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އާކްޓިކް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުގަދަކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.
މި އެއްބަސްވުން ފާސްކުރުމަށް ބޭއްވި ވޯޓުގައި، ޑެންމާކު ޤާނޫނު ހަދާ މަޖިލީހުގެ 109 މެންބަރުން އެއްބަސްވުމާ އެއްކޮޅަށް ވޯޓު ދެއްވާފައިވާއިރު، މި އެއްބަސްވުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޑެންމާކާއި ގްރީންލޭންޑް އަދި އެމެރިކާ ސަރުކާރާ ދެމެދު ސޮއިކުރި މި އެއްބަސްވުމަކީ، ގްރީންލޭންޑް ދިފާއުކުރުމާ ގުޅޭގޮތުން 1951 ވަނަ އަހަރު ގާއިމުކޮށްފައިވާ މުއާހަދާއަށް ގެނެވުނު އިސްލާހެއްގެ އިތުރުން، އެ މުއާހަދާގެ ދަށުން އިތުރު ކަންތައްތަކެއް ފުރިހަމަކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ.
މި އައު އެއްބަސްވުމުގެ ދަށުން، އާކްޓިކް ކަނޑުގައި އޮންނަ މި ޖަޒީރާގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ ދިފާއީ މަރުކަޒުތައް ގާއިމުކުރުމުގެ ހުއްދަ އެމެރިކާއަށް ލިބިގެންދާނެ އެވެ. މިއީ އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.











