ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު އަންދްރޭ ބާބިޝް، "ގްރީންލޭންޑް އޮތް ތަން ބައްލަވާލެއްވުށް" ވަރަށް އަގުބޮޑު ގްލޯބެއް ބައްލަވައިގެންފި
ބޮޑު ވަޒީރަށް ދުނިޔޭގެ އެންމެ ބޮޑު ރަށް އޮތްތަން އެނގިވަޑައިނުގަނެ، އޭނާ ކުރެއްވި ކަންތައްތަކުން ގިނަ ބަޔަކަށް ހައިރާންކަން ވަނީ ލިބިފައި.

ޗެކް ރިޕަބްލިކްގެ ޕްރާގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗެކްގެ ބޮޑުވަޒީރު އަންދްރޭ ބާބިޝް ބައިވެރިވެވަޑައިގަންނަވަނީ - ޖެނުއަރީ 28، 2023. | ގެޓީ އިމޭޖަސް
ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު އަންދްރޭ ބާބިޝް، "ގްރީންލޭންޑް އޮތް ތަން ބައްލަވާލެއްވުށް" ވަރަށް އަގުބޮޑު ގްލޯބެއް ބައްލަވައިގަތުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.
ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ މި މިނިވަން ސަރަހައްދު ދުނިޔޭގެ ސަމާލުކަމަށް އައީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ތަން ހިފުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމާ ގުޅިގެންނެވެ.
ޓްރަމްޕްގެ މި ނިންމުމުގެ ސަބަބުން ނޭޓޯގެ ތެރޭގައި ނުތަނަވަސްކަން އުފެދުނުއިރު، އަމިއްލަ ނަފްސަކީ "ޓްރަމްޕިސްޓެއް" (ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހެއް) ކަމަށް ވިދާޅުވާ ބާބިޝް ވަނީ އެތައް ސަތޭކަ ޑޮލަރެއް ޚަރަދުކޮށްގެން ގްލޯބެއް ބައްލަވައިގަނެ، އެކަމުގެ ޚަބަރު އޭނާ އަމިއްލަ އަށް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.
މިކަމާ ގުޅިގެން އިންޓަނެޓްގައި ގިނަ ބަޔަކު ޖޯކު ޖަހަން ފެށިއެވެ. އެގޮތުން އެކަކު ވަނީ "އޮޅުވާލައިގެން މީހުން އަތުން ފައިސާ އަތުލާ ބަޔަކު، މަކަރުން މުސްކުޅިއަކަށް އަގުބޮޑު ގްލޯބެއް ވިއްކާލައިފި" ކަމަށް ބުނާ ފޭކު ޚަބަރެއް ވެސް އާންމުކޮށްފަ އެވެ. މީގެ އިތުރުން، އެކްސް ގައި "ބެޒެލްޒީ" ނަމަކަށް ކިޔާ މީހަކު ބުނެފައި ވަނީ، 2022 ވަނަ އަހަރުން ފެށިގެން ރަޝިޔާ އިން ޔޫކްރެއިނަށް އަރައިގަނެ ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ދިނުމަށް ބާބިޝް ދެކޮޅު ހައްދަވާފައިވާތީ، ގްރީންލޭންޑްގެ ބަދަލުގައި ޔޫކްރެއިން އޮތް ތަން ބައްލަވައި، ހަނގުރާމަ އޮތީ ކިހާ ކައިރިއެއްގައިތޯ އޭނާ ދެނެގަންނަން ޖެހޭ ކަމަށެވެ.
އުމުރުން 71 އަހަރުގެ މި މަހުޖަނަކީ ޔޫރަޕާ ދެކޮޅު ފިކުރުގެ މީހުންނާއި ކަނާތު ފިޔައިގެ ސިޔާސީ މީހުން ހިމެނޭ ތިން ޕާޓީގެ ކޯލިޝަން ސަރުކާރެއްގެ ވެރިޔާ އެވެ. މިދިޔަ ޑިސެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރުގެ ސިޔާސަތުތައް އަމިއްލަ އަށް ކަނޑައެޅުއްވުމަށް ބާބިޝް އިސްކަންދެއްވި ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ރަށާ ބެހޭގޮތުން އޭނާ ކުރެއްވި ކަންތައްތަކުން ގިނަ ބައެއްގެ ހައިރާންކަން ވަނީ ލިބިފައެވެ.
"އަޅުގަނޑު މި ގްލޯބް ގަތީ 15,000 ކޮރޫނާ (ގާތްގަނޑަކަށް 720 ޑޮލަރު) އަށް. މިއީ ވަރަށް ރީތި ބޮޑު ގްލޯބެއް. ގްރީންލޭންޑް ސީދާ އޮތީ ކޮންތަނެއްގައިތޯ ބަލައިލަން ބޭނުންވީ،" އެމެރިކާ އާއި ޑެންމާކާ ދެމެދު އުފެދިފައިވާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ބާބިޝް ވިދާޅުވި އެވެ.
އާންމުކޮށް ބާޒާރުގައި ގްލޯބެއް ވިއްކަނީ ގާތްގަނޑަކަށް 1,000 ކޮރޫނާ އަށެވެ. ބާބިޝް ފަހުން ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ، އާންމުކޮށް ގެންގުޅޭ ޗާޓުތަކުން ދުނިޔޭގެ ބިންތަކުގެ އަސްލު ބޮޑުމިން އޮޅޭ ކަމަށެވެ.
"މި ރީތި ގްލޯބުން އެމެރިކާ އާއި ޔޫރަޕާ އަޅާބަލާއިރު ގްރީންލޭންޑްގެ އަސްލު ބޮޑުމިން ފެންނާނެ. އަދި މިތަނާ ވަރަށް ކައިރީގައި ރަޝިޔާ އޮތްއިރު، ހަނގުރާމަ އެއް ފެށިއްޖެ ނަމަ ރޮކެޓް އަންނަން ގިނަ ވަގުތެއް ނުނަގާނެ،" އޭނާ ވިދާޅުވި އެވެ.
މިއާއެކު އޮންލައިންކޮށް ގްލޯބް ހޯދުމަށް މީހުން ކުރާ ސާޗުތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަގުތައް އަޅާކިޔާ ސައިޓެއް ކަމަށްވާ "ހިއުރެކާ" ގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި، ހޯމަ ދުވަހުން ފެށިގެން ގްލޯބް ހޯދާ މިންވަރު 420 އިންސައްތަ އިތުރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ އެކަމަށް ސާޗުކޮށްފަ އެވެ.
އަދި އޭނާ އަށް އަމާޒުވަމުންދާ މަލާމާތާ ގުޅޭގޮތުން ބާބިޝް ވިދާޅުވީ، ބައެއް މީހުން އޭނާއަށް މަލާމާތް ކުރަނީ އެމީހުންގެ ވިސްނުން އޭނާގެ ވިސްނުމާ ތަފާތުވުމުން ކަމަށެވެ.
މިދަނޑިވަޅުގައި ޓްރަމްޕް ވަނީ ބާރުގެ ބޭނުންކޮށްގެން ގްރީންލޭންޑް ހިފުމުގެ ވިސްނުން ދޫކޮށްލައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މަސްދަރު: އޭއެފްޕީ





